ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 11:49
ނިލަންދޫގައި ގާއިމުކުރި ހިތްގައިމު ފުޓްބޯޅަ ދަނޑު
ނިލަންދޫގައި ގާއިމުކުރި ހިތްގައިމު ފުޓްބޯޅަ ދަނޑު
ކަޒިންސް ފޮޓޯގްރަފީ
ޔޫތު ޗެމްޕިއަންޝިޕް
ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ނިލަންދޫގައި ކުޅެވޭތޯ ބަލަނީ
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީ ޓާފް ދަނޑުގައި ބާއްވާފައި
ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅެވޭތޯ ބަލަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ކުޅެން ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެއާއެކު ނިލަންދޫގައި ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗު ބޭއްވޭތޯ ކުރަންޖެހޭ އެސަސްމަންޓުތައް ހަދަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެއެވެ. ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ނިލަންދޫގައި ކުޅެވޭތޯ ބަލަމުން އަންނައިރު، ދާދި ފަހުން އެފްއޭއެމުން ވަނީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަލިފުށީ ޓާފް ދަނޑުގައި ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނޭއިރު، ނިލަންދޫ ދަނޑަކީ 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަސައްކަތް ނިންމާލި ދަނޑެކެވެ. އެގޮތުން ނިލަންދޫ ދަނޑުގެ މަޝްރޫއަށް އެ އަހަރުގެ ބަޖެޓުގައި ސަރުކާރުން 1,577,558 (އެއް މިލިޔަން ފަސް ލައްކަ ހަތްދިހަ ހަތްހާސް ފައްސަތޭކަ ފަންސާސް އަށެއް) ރުފިޔާ ހިމެނިއިރު، އެ ދަނޑުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، އެފްއޭއެމުން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މާލޭން ބޭރުގައި ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލް މެޗު ކުޅެން މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕަކީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް 21 އަހަރުން ދަށަށް ޚާއްސަކޮށްގެން ބާއްވަމުން އައިރު، މި ފަހަރުގެ ކުރިން 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ.

މި ފަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު، ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ކުލަބު އީގަލްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ގްރީން ސްޓްރީޓްސް އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ގްރޫޕް ބީގައި ހަތަރު ޓީމެއް ހިމެނޭއިރު، އެ ޓީމުތަކަކީ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އާއި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މިހާތަނަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ޓީސީން އެކަންޏެވެ.

- ކޮމެންޓް