ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 23:09
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގައި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގައި
ޔޫއެން ފޮޓޯ
ޝާހިދުގެ ކާމިޔާބީ
ޚާރިޖީ ސިޔާސަތުގެ މޭވާ މިދަނީ ލިބެމުން
 
ކުރިން ވިސާ ނެގުމަކާ ނުލައި ޗައިނާއަށްވެސް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައި
 
ވިސާ ނެގުމަކާ ނުލައި ޔޫ.އޭ.އީ އަށް ދަތުރުކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައި
 
ބަދަހިކުރި ގުޅުންތަކުގެ ނަތީޖާ ދިވެހިންނަށް މިހާރު ދަނީ ފެންނަމުން

ޚާރިޖީ ސިޔާސަތަކީ ވަރަށް ގިނަ ފަހަރަށް އާއްމު ރައްޔިތުންނަށް ފެންނަ ހިސާބަށްވުރެ ދުރުގައި ހިނގާ ކަންކަމެވެ. އެހެންނަމަވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި އޮންނަ ކަމެކެވެ. ޚާރިޖީ ސިޔާސަތު ރަނގަޅަށް ހިންގަން ނޭނގުމަކީ އެކަމުގެ ގެއްލުން އިންތިހާއަށް ފޯރާނެ ކަމެއްކަން، ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރާއި، މިހާރު އެމަނިކުފާނު އެއުޅުއްވާ ގޮތުން ދިވެހިންނަށް ސާފުވެފައި އޮންނާނެކަމީ ހަގީގަތެކެވެ. އެކަހެރިވެ، މުޅި ދުނިޔެއާ ވަކިވެގަނެގެން ވެރިކަން ކުރެވޭތޯ ޔާމީނު ބެއްލެވީ އުތުރުކޮރެއާ އަދި މިޔަންމާގެ ވެރިން ކަން ކުރައްވާ ގޮތް މިސާލަކަށް ބައްލަވައިގެންނެވެ.

އެހެންނަމަވެސް ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން، ދުނިޔެއާ ބަދަހިކުރެއްވި ގުޅުންތަކުގެ ނަތީޖާ ދިވެހިންނަށް އެދަނީ ފެންނަމުންނެވެ. ބޭރު ގައުމުތަކާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ ގުޅުން ކުޑަކޮށްފައި އޮތްނަމަ ކޮވިޑް-19ގެ ދުވަސްވަރު ދިވެހިން އުޅޭނީ ކިހިނެއްތޯއެވެ؟ އެހެންނަމަވެސް އެކަންކަން ފަސޭހަވެ، އަވަށްޓެރި ގައުމުތަކުން މެދުނުކެނޑި ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އަސާސީ ސާމާނު ދިވެހިރާއްޖެއަށް ފޮނުވަމުން ދިޔައީ އެގައުމުތަކާއެކު އޮންނަ ގުޅުމުގެ ސަބަބުންނެވެ. އެއީ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ނަތީޖާއެވެ.

ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ދިވެހި ޚާރިޖިއްޔާއާ މިއަދު ހަވާލުވެ ހުންނެވި އަބްދުﷲ ޝާހިދު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު އަކުރުން އަކުރަށް ތަންފީޒުކުރައްވަމުންނެވެ. އެކަން ފެންނަ އެއް ދާއިރާއަކީ ދިވެހިންނަށް ބޭރު ގައުމުތަކަށް ދަތުރުފަތުރުކުރުމުގައި ލިބެމުންދާ ފަސޭހަތަކެވެ. ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ގިނަ ގައުމުތަކަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާއިރު، ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓަކީ ދިވެހިންގެ ޕާސްޕޯޓަށް ވުމަކީ ޚާރިޖީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކުގެ ރަމްޒެކެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ކުރީކޮޅު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫ.އޭ.އީ އަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައެވެ. ޔޫ.އޭ.އީގެ ދުބާއީ އަދި އަބޫދާބީ ވެފައިވަނީ ދިވެހިންނަށް މަގުބޫލު މަންޒިލްތަކަށެވެ. ކޮވިޑް-19ގެ ސަބަބުން ރަށު ބަންދުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހުނު ގިނަ ބަޔަކު، ޗުއްޓީ ހޭދަކޮށްލުމަށް ނިމިދިޔަ އަހަރު ދުބާއީ އަށް ދިއުމަށް އެންމެ ފަސޭހަވި އެއް ސަބަބަކަށް ވެފައިވަނީ އޮން-އެރައިވަލް ވިސާއެވެ.

ޔޫ.އޭ.އީގެ އިތުރުން ތައިލެންޑް، ރަޝިޔާ އަދި މޮރޮކޯއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ޝާހިދުގެ ވަޒީރުކަމުގައި ހަމަޖައްސަވައިދެއްވާފައިރު، މި މަންޒިލްތައް ވެގެން ގޮސްފައިވަނީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލު މަންޒިލްތަކަށެވެ. ސަޢުދީ އަރަބިޔާއަކީ ވިސާ ހޯދުމަށް އެންމެ އުނދަގޫ އެއް ގައުމުނަމަވެސް، ދިވެހިންނަށް ސައޫދީއަށް ދިއުމަށް ޓޫރިސްޓް ވިސާ ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ކޮވިޑް-19އާ ގުޅިގެން މި އިންތިޒާމް ހިނގައިގަތުމުގައި ލަސްތަކެއް އުޅުނުނަމަވެސް، ދާދި އަވަހަށް ޓޫރިސްޓް ވިސާގައި ސައޫދީއަށް ދެވޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ޖަރުމަންވިލާތަށާއި ޗެކް ރިޕަބްލިކަށް ދަތުރުކުރުމަށް ޝެންގެން ވިސާ ނެގުމަށް ލަންކާ އަދި އިންޑިއާއަށް ކުރަމުން އައި ދަތުރުތައް މިހާރު ވަނީ ނިމުމަކަށް ގެނެވިފައެވެ. އެގޮތުން ވީ.އެފް.އެސް ވިސާ ސެންޓަރެއް މާލޭގައި ގާއިިމްކުރެވުމަކީ ޔޫރަޕަށް ދަތުރުކުރުމަށް ދިވެހިންނަށް ހުޅުވާލެވުނު ދޮރެކެވެ. ވިސާގެ ލުއި ފަސޭހަކަން ހޯދުމުގައި ޝާހިދުގެ ހަލުވި ސްޕީޑްގައި ދާދި އަވަހަށް ދިވެހިންނަށް ޝެންގެން ވިސާގެ ކަންތަކުގައި މިއަށްވުރެވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދިޔުމުގެ އުއްމީދު ބޮޑުކަމަށް ޖަރުމަންވިލާތުގައި އޮންނަ މަޝްހޫރު އައިޓީބީ ފެއަރ އަށް އާއްމުކޮށް ދަތުރުކުރާ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅަކު ވިދާޅުވިއެވެ.

ދާދި ފަހުން އަޑު އިވިގެން ދިޔައީ އަނެއްކާވެސް މަދު ގައުމަކަށް ނުލިބޭ ފުރުސަތެއް ދިވެހިންނަށް ލިބުނު ވާހަކައެވެ. ކުރިން ވިސާ ނެގުމަކާ ނުލައި ޗައިނާއަށް ދިވެހިންނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއި ކުރެވުނީ ޝާހިދުގެ ބެއްލެވުމުގެ ދަށުންނެވެ. ޗައިނާގެ "ބެސްޓް ފްރެންޑް" ކަމަށް ދައުވާކުރާ ބަޔަކު ވެރިކަމުން ފައިބައިގެން ދިޔައިރުވެސް ނުވެ އޮތްކަމެއް، ޗައިނާ އާއި ގުޅުންނެތް ކަމަށް ބަޔަކު ދައްކަން މަސައްކަތްކުރާ ސަރުކާރެއްގައި ހަމަޖެހިގެން ދިއުމުން، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަން އެބަފެނެއެވެ.

ޕެންޑެމިކްގައި މި ހިއްލާލި ރާޅު ތިރިކޮށްލީމާ، އަނެއްކާވެސް އެކި މަންޒިލްތަކަށް ދިވެހިން ދަތުރުކުރާނެއެވެ. ސުވާލަކީ ދެން ވިސާ-ފްރީ ވާނީ ކޮން ގައުމެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
18 ޖެނުއަރީ 2022 | އަންގާރަ 12:43
ސަފީރު
ވަރަށް ރަނގަޅު ރިޕޯޓެއް. ސަލާމް އަމްނާ؟