ކ. މާލެ
|
16 ޑިސެންބަރ 2021 | ބުރާސްފަތި 12:57
ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތައް
ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމުމަށް ދިގު މުއްދަތެއް ހޭދަވޭ – އޮޑިޓް
 
ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމާނެ މުއްދަތެއް ކަނޑައަޅައި އަމަލު ކުރުމަށް އޭސީސީ އަދި ޕީޖީ އޮފީހަށް ދެންނެވުމަށް ބުނެފައިވޭ
 
އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލިފައި ނުވަނީ ޕްރޮސިކިއުޓަރުންނަކީ މާލީ ދާއިރާގެ ފަންނީ ބަޔަކަށް ނުވުމުގެ ސަބަބުން
 
25 މައްސަލައިގެ ތެރެއިން 23 މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއަން އެވަރެޖް 91 ދުވަސް ހިނގާފައިވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމުމަށް ދިގު މުއްދަތެއް ހިނގާފައި ވުމާއި، ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވާލާފައިވާކަމަށް އޭސީސީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި ޝަރުއީ މަރުހަލާއިން ނަތީޖާ ހާސިލްކުރެވިފައިވާ މިންވަރާ ގުޅޭގޮތުން ޕާފޯމެންސް އޮޑިޓްގައި ބުނެފައިވަނީ ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 12 މައްސަލަ ނުވަތަ (48 އިންސައްތަ) މައްސަލައިގައި ދައުވާ އުފުލަން ނިންމާފައިވާއިރު، 13 މައްސަލަ ނުވަތަ (52 އިންސައްތަ) މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މައިގަނޑުގޮތެއްގައި މައްސަލަތައް އަނބުރާ ފޮނުވާލައިފައިވަނީ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތު ކުރެވޭ ކުށްކޮށްފައިވާ ތާރީޚާއި ތަހުގީގު ފުރިހަމަ ކުރުމާ ދެމެދު ދިގު މުއްދަތެއް ހިނގާފައިވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް، ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އޮޑިޓްގައި ކޭސް ސްޓަޑީގެ ގޮތުގައި ހިމަނާފައިވާ ކޭސް އެއްގައި ބުނެފައިވަނީ ތަހުގީގު ނިމުނު ތާރީޚަކީ 12 އޮކްޓޯބަރ 2014 ކަމުގައިވީ ނަމަވެސް، ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުން މައްސަލަ ޕީޖީއަށް ފޮނުވަން ނިންމީ 18 ފެބްރުއަރީ 2015 ގައެވެ. އަދި ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވީ 18 މެއި 2015 ގައެވެ. އަދި މި މައްސަލައިގެ ގޮތެއް ނުނިމި ޕީޖީ އޮފީހުން އޭސީސީއަށް އަނބުރާ މި މައްސަލަ ފޮނުވާފައިވަނީ 18 އޮގަސްޓް 2017 ގައެވެ.

މި ކޭސް ސްޓަޑީގައި ބުނެފައިވަނީ މި މައްސަލަ ޕީޖީއަށް ފޮނުވި ދުވަސްވަރަކީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަސައްކަތްތައް ފެށުމުގެ ކުރީގެ ތާރީޚެއްކަމުން ޑިއުޓީ ޕްރޮސިކިއުޝަނަށް ހޭދަވި މުއްދަތު ކޮމިޝަންގެ ލިޔެކިޔުންތަކުން ދެނެގަނެވެން ނެތް ނަމަވެސް، ދަޢުވާ އުފުލުމަށް ޕީޖީއަށް ފޮނުވި ތާރީޚާއި ޕީޖީއިން މައްސަލަ އަނބުރާ ފޮނުވި ތާރީޚާ ދެމެދު ދެ މުއައްސަސާގެ މެދުގައި މުއާމަލާތްތައް ކުރިއަށް ގޮސްފައިވާކަމަށެވެ.

5 އަހަރު ދުވަހުގެ ތެރޭގައި ފޮނުވުނު 25 މައްސަލައިގެ ތެރެއިން 23 މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއަން އެވަރެޖް 91 ދުވަސް ހިނގާފައި ވެއެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލިފައި ނުވަނީ ޕްރޮސިކިއުޓަރުންނަކީ މާލީ ދާއިރާގެ ފަންނީ ބަޔަކަށް ނުވުމުގެ ސަބަބުން މާލީ ކަންތައްތަކާ ގުޅިގެން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި ދަތިތައް ދިމާވާތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ކަމަށް އޮޑިޓްގައިވެއެވެ.

ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވާލައިފައިވީ ނަމަވެސް، ކޮލިޓީ ހިފެހެއްޓުމަށް ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން، ލީޑު އިންވެސްޓިގޭޓަރު އިންވެސްޓިގޭޝަން ރިޕޯޓް އެކުލަވާލުމަށްފަހު، ޓީމުގެ މެންބަރުންގެ މެދުގައި އެ ރިޕޯޓާ މެދު މަޝްވަރާ ކުރަމުންދެއެވެ.

އަދި ކޮމިޝަންގެ މެންބަރުންގެ ރިޕޯޓް ހުށަހަޅަނީ ލީގަލް ޑިޕާޓްމަންޓުންނާއި ހެޑް އޮފް އިންވެސްޓިގޭޝަން ރިޕޯޓް ރިވިއު ކުރުމަށްފަހުގައި ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި، ޕީޖީއަށް މައްސަލަ ފޮނުވުމުގެ ޕްރޮސެސް ޑިޖިޓަލައިޒްކޮށް، މައްސަލަ ޕީޖީއަށް ފޮނުވަން މެމްބަރުން ނިންމާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި މައްސަލަ ޕީޖީއަށް ފޮނުވަންވާނޭކަމަށް ކަނޑައަޅައި، ކޮމިޝަނުން ގައިޑްލައިނެއް އެކުލަވައިލައިފައިވެއެވެ.

ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމަށް ހޭދަވާ މުއްދަތާ ގުޅޭ ގޮތުން އޮޑިޓްގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލިބުނު މައުލޫމާތަށް ބަލައި އިރު، އެ އޮފީހުން ޖިނާއީ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 12 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ޝަރީއަތް ތާވަލުކުރެވިފައިނުވާ 1 މައްސަލައާއި ފުރަތަމަ އަޑުއެހުމެއް ބޭއްވި ދުވަސް ކަށަވަރު ކުރެވިފައިނުވާ 2 މައްސަލަ ފިޔަވައި، ބާކީ 9 މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ބޭއްވުމަށް މީޑިއަން އެވަރެޖް 39 ދުވަސް ހިނގާފައިވެއެވެ. އަދި، މި އޮޑިޓުގެ ފީލްޑް މަސައްކަތް ނިމިފައިވާ ދުވަސް، 20 ޑިސެންބަރު 2020ގެ ނިޔަލަށް ޝަރީއަތް ނިމިފައިވާ 4 މައްސަލައާއި ޝަރީއަތް ނިމިފައިނުވާ 8 މައްސަލައަށް މީޑިއަން އެވަރެޖް 468 ދުވަސް ނުވަތަ 15 މަހާއި 6 ދުވަސް ނުވަތަ 1 އަހަރާއި 3 މަހާއި 6 ދުވަސް ހޭދަވެފައިވެއެވެ.

މީގެ ތެރެއިން 3 މައްސަލައިގެ ދައުވާ ސާބިތުވާކަމަށް ދަށުކޯޓުން ހުކުމްކޮށްފައިވެއެވެ. މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މިއިން އެއްވެސް މައްސަލައަކަށް އަޑުއެހުމެއް ބާއްވާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އޮޑިޓްގެ ފީލްޑް މަސައްކަތް 20 ޑިސެމްބަރ 2020 ގައި ނިމުމާ ހަމައަށް މި މައްސަލަތަކުގެ އަޑުއެހުން ނުފެށި މީޑިއަން އެވަރެޖް 381 ދުވަސް ނުވަތަ 12 މަހާއި 7 ދުވަސް ހިނގާފައިވެއެވެ.

މި މައްސަލަ އިސްލާހުކުރަން ލަފާދީފައިވަނީ ކޮމިޝަންގެ މަސައްކަތްތަކާގުޅޭ ކީ ޕަރފޯމަންސް އިންޑިކޭޓަރސް ކަނޑައަޅައި އެ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމާއި، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ކުރިއަށްދާގޮތާއި ނިންމާ ނިންމުންތައް ލިޔެކިޔުމުން ބެލެހެއްޓުމަށާއި، އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމާނެ މުއްދަތެއް ކަނޑައަޅައި އަމަލު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެންނެވުން ހިމެނެއެވެ.

އަދި މާލީ ދާއިރާއިން ޕްރޮސިކިއުޓަރުންގެ މަސައްކަތުގެ ފެންވަރު އިތުރުކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ދައުވާތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮލިޓީ އެޝުއަރެންސް ރިވިއު ކުރާނެ އިންތިޒާމް ހަމަޖެއްސުމަށާއި، ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާމެދު ދައުވާ ކުރަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަންނަވާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމައި ހުކުމް ކުރަން ދިގު މުއްދަތެއް ހޭދަވާ ސަބަބު ދެނެގަނެ އެ ކަންކަން އިސްލާހު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ދަންނަވާކަމަށް ލަފާގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް