ޣައިރު ހާޒިރުގައި ހުކުމްކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ 422 މީހުންގެ ޕާސްޕޯޓް ދޫކުރެވޭނެ ގޮތް ހެދުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ޖުޑިޝަރީ ކޮމިޓީން މި މަައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ، 52 މެމްބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ 3 މޭ 2021 ގައި ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ނިންމާފައިވަނީ، ފާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ ޕާސްޕޯޓް ދޫކުރެވޭނެ ގޮތެއް ހެދުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށެވެ.
އީވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ، އެކި އެކި މައްސަލަތަކުގައި ޣައިރު ހާޒިރުގައި ކޯޓުތަކުން ހުކުމް ކުރުމަށްފަހު، ތަންފީޒީ އިދާރާތަކުން އެ ހުކުމް ތަންފީޒުނުކޮށް، އެހެންނަމަވެސް އެފަރާތްތަކުގެ ޕާސްޕޯޓު ދިގު މައްދަތަކަށް ހިފަހައްޓާފައި ވާތީއާއި، އެފަދައިން ޕާސްޕޯޓް ހިފެހެއްޓިފައިވާ ގިނަ ފަރާތްތަކެއް މުޖުތަމައުގައި އުޅޭއިރު، އެކަމަށް ހައްލެއް ނުލިބިވާ މައްސަލަ ބަލައި ދިނުމަށެވެ.
މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު އެކުލަވާލި ރިޕޯޓްގައިވާ ގޮތުން 21 އޮކްޓޫބަރު 2021 ގެ ނިޔަލަށް، ގާތްގަނޑަކަށް 512 މައްސަލައެއްގައި، ޣައިރު ހާޒިރުގައި ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރުމަކާނުލައި، ޕާސްޕޯޓު ހިފަހައްޓާފައިވާ 422 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ބިދޭސިންވެސް ހިމެނެއެވެ. މީގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ހުކުމް ކޮށްފައިވާ 67 މީހެއްވެސް ހިމެނެއެވެ.
ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަަދަނީ މައްސަލަތަކާއި، ޖިނާއި މައްސަލަތައްވެސް ހިމެނެއެވެ. ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ޖަލަށްލުމަށާއި ގޭބަންދާއި އަރުވާލުން އަދި ކޮމިއުނިޓީ ސާވިސްއަށެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޣައިރު ހާޒިރުގައި 25 އަހަރަށް ޖަލަށްލާން ހުކުމްކޮށް އެ ހުކުމް ތަންފީޒުނުކުރާ މީހަކު ވެސް އެބަހުއްޓެވެ.
ގިނައީ ކުރު މުއްދަތުގެ ހުކުމްތައް ކަމަށްވީ ނަމަވެސް, އެ މުއްދަތު ހަމަވެގެން ދިޔަ ފަހުން ވެސް ޕާސްޕޯޓް ދޫކޮށްފައި ނުވާކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އިސްތިސްނާ ހާލަތެއްގެ ގޮތުގައި ދެވިފައިވާ ހަނި ފުރުސަތަށްވުރެ, ފުޅާކޮށް ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވިގެން ނުވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ޣައިރު ހާޒިރުގައި ހުކުމްކޮށް ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވަނީ ތަންފީޒީ އިދާރާތަކުން އެ ފަރާތްތައް ހޯދައި ހުކުމް ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނެތުމުން ނުވަތަ ޒިންމާ ފުރިހަމައަށް އަދާކޮށްފައި ނެތުމުންކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ޕާސްޕޯޓު އިތުރަށް ނުހިފަހައްޓާ ޕާސްޕޯޓު އަވަހަށް ދޫކުރެވޭނެގޮތް ހެއްދެވުމަށް އެޓަރނީ ޖެނެރަލްގެ އިސްނެންގެވުމަށް މަސައްކަތް ކުރެއްވުމަށް އެ އޮފީހުގައި ދެންނެވުމަށް ފެންނަކަމަށް ކޮމިޓީން ނިންމާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ
- މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޖިނާއީ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި ޝަރީޢަތްކޮށް ޙުކުމް އިއްވައި، އެހެންނަމަވެސް އެ ޙުކުމް ތަންފީޛު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރެވިފައިނުވާ ފަރާތްތައް
- ޣައިރު ޙާޟިރުގައި ޝަރީޢަތްކޮށް ޙުކުމް އިއްވިތާ ގިނަ އަހަރުތައް ފާއިތުވި އިރުވެސް ޙުކުމް ތަންފީޛު ކުރުމަށް ޙަވާލުކުރެވިފައިނުވާ ފަރާތްތައް
- ޣައިރު ޙާޟިރުގައި ޝަރީޢަތްކޮށް ކުރު މުއްދަތެއްގެ ޙުކުމެއް، ނުވަތަ ޖިނާއީ ބޮޑު ކުށަކަށްނުވާ މައްސަލައެއްގެ ޙުކުމެއް އިއްވައި، އެ ޙުކުމް ތަންފީޛު ކުރުމަށް ޙަވާލު ކުރެވިފައިނުވާ ފަރާތްތައް
ކޮމިޓީ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފަސް ރިކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ފާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުންގެ މައްސަލަ، ހަމަޖެހޭ އުސޫލަކުން އޭޖީ އޮފީހުގެ އިސް ނެގުމުގެ މަތިން ނިންމުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.
ދާދީ ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން އެ މީހުންނަށް ކޮށްފައިވާ ޝަރުތުތަކާ ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަ ކުރަންޖެހޭ މީހުން ހިމެނޭ ގޮތަށް، ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ ތެރެއިން، އެކި ސަބަބުތަކާހެދި މުޖުތަމަށް ދޫވެފައިވާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާނެ ކަމަށެވެ. އެފަދަ ކަމެއް ނެތް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެކަމަށެވެ. ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުމާއި، ދަރަނި އަދާ ނުކޮށްގެން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ. މި އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަންފީޒު ކުރަންޖެހޭ ހުކުމްތައް ހުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ހުކުމްކޮށް ގިނަ ދުވަސް ވެފައިވާ މީހުންނަށް ރަނގަޅުގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.