ބަނދަރުތަކުގެ ޤާނޫނެއް 150 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާގެ ޓުޓިކުރިން އާއި އައްޑޫއާ ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުން ނަގާ ފީތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޓީން ދިރާސާކޮށް ބުނެފައިވަނީ ރާއްޖޭގެ ބަނދަރުތައް ރެގިއުލޭޓް ކުރުމަށް މެރިޓައިމް އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ބަނދަރުތަކުގެ ޤާނޫނު 150 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް ބަނދަރުތަކުގެ ޤާނޫނެއް ނެތްއިރު އެކަން ޓްރާންސްޕޯޓް އޮތޯރިޓީގެ ސަމާލުކަމަށް ވަރަށް ގިނަފަހަރު ގެނެވިފައި ވާކަމަށާއި އެމްޕީއެލް އަކީ އޮޕަރޭޓަރެއް ކަމަށާއި ޢާންމުންނާ ގުޅޭކަންތައްތަކުގެ ރެގިއުލޭޓްރީ ބޮޑީއެއް ނޫންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުންޏަކީ ރެގިއުލޭޓްރީ ބޮޑީއަކުން ކަނޑައަޅާފައި އޮންނަ މިންގަނޑުތަކަކަށް އޮޕަރޭޓް ކުރަން ޖެހޭ ބައެއް ކަމަށާއި ކުންފުނިން އަމިއްލައަށް ގަވާއިދުތައް ހަދާފައި އެ ގަވާއިދުތަކަށް ޢަމަލުކުރުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށާއި އެހެންކަމުން ބަނދަރުތަކުގެ ސްޓޭންޑަރޑް ރަނގަޅު ކުރުމަށް ބަނދަރުތަކާ ގުޅޭ ޤާނޫނާއި ބަނދަރުތަކާ ގުޅުންހުރި ގަވާއިދުތައް ހަރުދަނާ ވާން ޖެހޭ ކަމަށް އެމްޕީއެލުން ބުންޏެވެ.
މި މައްސަލާގައި އެމްއެސްއެސް އިން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު އައްޑޫއަށް އެ ކުންފުނިން ކުރިއަށްގެންދާ ޚިދުމަތަކީ ޖެނެރަލް ކާގޯ ބޯޓެއްގެ ޚިދުމަތް ކަމަށާއި ދަތުރުުތައް ފެއްޓިއިރު ވިހި ދުވަހުން ޓާންއަރައުންޑްވާނެ ކަމަށް ލަފާކޮށްފައިވާއިރު މިއަހަރުގެ އޮކްޓޯބަރަށް ޖުމްލަ 13 ދަތުރު ކުރެވިފައިވާ ކަމަށެވެ. އަދި 4 ވަނަ ދަތުރުގަޔާއި 11 ވަނަ ދަތުރުގައި ފްރައިޓުގެ އަގު ބޮޑުކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން ދަތުރުތައް ފެއްޓިއިރު ޕެރިޝަބަލް މުދާ އުފުލަން ފެށިީ 35 ޑޮލަރަށް ޓަނެއް ކަމަށާއި މިހާރު އެ އަގު 85 ޑޮަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ޖެނެރަލް ކާގޯ އުފުލަން ފުރަތަމަ 40 ޑޮލަރަށް ފެއްޓިއިރު މިހާރު މި އަގު ވެސް 65 ޑޮލަރަށް ބޮޑުކޮށްފައިވާއިރު ލަކުޑި ވޮއްޑާއެއްގައި ވެސް ޓުޓިކޮރިން އިން ޕެރިޝަބަލް މުދާ މާލެ ގެނެވެނީ 85 ޑޮލަރަށް ކަމުން، މާކެޓް ރޭޓުން ބަލާނަމަ އައްޑޫ ރައްޔިތުންނަށް ކާގޯ ލިބެނީ ކުޑަ އަގެއްގައި ކަމަށް އެމްއެސްއެސް އިން ވަނީ ބުނެފައެވެ. އަދި ފްރައިޓުގެ އަގު ބޮޑުކޮށްފައިވަނީ އަންދާޒާ ކުރެވޭ ދުވަހަށްވުރެ ދަތުރުގެ މުއްދަތު ދިގުވެ، ޚަރަދުތައް ބޮޑުވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއެސްއެސް ވިހި ދުވަހުން ދަތުރެއް ކުރާ ގޮތަށް ހަމަޖައްސާފައިވީނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ލަފާކުރި ގޮތަށް އެކަން ނުވާ ކަމަށާއި ބަނދަރުގެ ފީތައް އެމްޕީއެލުން ކަނޑައަޅާފައި ހުރީ ގަވާއިދުން ހިތަދޫ ބަނދަރަށް ބޯޓެއް ނުދާއިރު އެތަނުގެ ޚަރަދުތައް ދެކޮޅު ޖެއްސޭވަރަށް ކަމަށާއި އެހެންނަމަވެސް އެމްއެސްއެސް އިން ގަވާއިދުން ޚިދުމަތެއް ދޭން ފެއްޓުމުން އެ ރޭޓަށް ރިޔާއަތް ކުރަންވާނެ ކަމަށް އެމްޕީއެލް އިން ބުނި ނަމަވެސް އެ ކުންފުނިން ރޭޓަށް ބަދަލު ގެނެސްފައިނުވާ ކަމަށް އެމްއެސްއެސް އިން ބުންޏެވެ. ބޯޓު ހުސްކުރަން 14 ވަރަކަށް ދުވަސް ނަގާއިރު ކާގޯ ބޭލުމުގެ އޮޕަރޭޝަންސްގެ ފެންވަރު ދަށްކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ޖެޓީގައި ބޯޓު އޮންނައިރު ރޯލުކުރާވަރުން ކްރޭން އޮޕަރޭޓް ކުރަން އުނދަގޫވާ ކަމަށެވެ.
ބޯޓަށް ފެންލުމުގެ އިންތިޒާމެއް ނެތް ކަމަށާއި ކާގޯގެ މަސައްކަތްތައް ކުރަމުންދާ ގަޑީގައި ފެންލުމުގެ ހުއްދަ ނޯންނައިރު އެކަމަށް ވެސް ގިނަ ވަގުތު ހޭދަވާ ކަމަށް ވަނީ ބުނެފައެވެ. އައްޑޫގައި ވިޔަފާރިވެރިން ޕެރިޝަބަލް މުދާ ބޯޓުން ބޭލުމުން އެތަކެތި އަވީގައި ބަހައްޓަންޖެހޭއިރު މުދާ ހަލާކުވުމުގެ ފުރުސަތު ބޮޑު ކަަަމަށާއި ގަވާއިދުން ބަނދަރަށް ބޯޓުދާނަމަ މުދާ ބަހައްޓަން ޚާއްސަ ޝެޑެެއް ވެސް ހުންނަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އެމްއެސްއެސް އިތުރަށް ބުނެފައިވަނީ ފްރައިޓްގެ އަގު ބޮޑުކޮށްފައިވާ މައިގަނޑު ސަބަބަކީ ކޮންޓެއިނަރުގައި މުދާ އުފުލައިދޭ އަގުތައް ދުނިޔޭގެ މާކެޓުގައި 130 އިންސައްތައަށް އުފުލިފައިވާތީ ކަމަށާއި ޝަކުވާ ލިބެމުންދަނީ 35 ޑޮލަރުން 85 ޑޮލަރަށް އަގު ބަދަލުވުމުން ކަމަށްވާއިރު ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތަކަށް ރިޔާއަތް ކުރާން ޖެހޭ ކަމަށެވެ.
އެމްޕީއެލް އިން މި މައްސަލާގައި ބުނެފައިވަނީ އެންމެފަހުން ޖެނެރަލް ޓެރިފްތަކަށް ބަދަލެއް ގެނެވިފައިވަނީ 2011 ވަނަ އަހަރުގައި ކަމަށާއި ޕައިލެޓް ފީއަށް ބަދަލު ގެނެވިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރުގައި ކަމަށާއި، ޕައިލެޓް ފީ ބޮޑުކުރިއިރު މައިގަނޑު ގޮތެއްގައި އަސާސަކަށް ބަލާފައިވާ ކަމަށެވެ. އެގޮތުން ޢާންމުކޮށް ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނާ ބޯޓު ފަހަރު އަދި އެއަށްވުރެ ކުދި ލަކުޑި ބޯޓުފަހަރުތަކުގެ ޕައިލެޓް ފީތަކަށް ބަދަލެއް ނާންނަ ގޮތަށް ކަމަށާއި އަދި ރާއްޖެއަށް އަންނަ ވަރަށް ބޮޑެތި އާގު ބޯޓު ފަހަރާއި، ކްރޫ ޗޭންޖަށް އަންނަ ބޯޓު ފަހަރާއި އަދި ހެންޑަލް ކުރަން އުނދަގޫވާވަރު ބޮޑެތި ބޯޓުތަކުން ނެގޭ ފީތައް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފެންނާތީ، މި ސަރަޙައްދުގެ އެހެން އުނދަރުތަކުގެ ފީތަކަށްވެސް ރިޢާޔަތް ކުރުމަށްފަހު އެއަށްވުރެ ދަށް އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެބޮޑު ޗާޖު ނެގޭނީ ހަމައެކަނި ބޮޑެތި ބޯޓުތަކުން ކަމަށެވެ. ޕައިލޮޓޭޖް ޕީއަށް ހަމައެކަނި ބަދަލު ގެނެސްފައިވަނީ މާލޭ ބަނދަރުން ކަމަށާއި ކުޅުދުއްފުށީ ބަނދަރާއި ހިތަދޫ ބަނދަރުން ޕައިލޮޓޭޖް ފީތަކަށް އެއްވެސް ބަދަލެއް ނުގެން ކަމަށާއި އެހެންކަމުން މާލެ ބަނދަރުގެ ޕައިލޮޓޭޖް ފީއަށް ގެނައި ބަދަލާ ގުޅިގެން ހިތަދޫ ބަނދަރަށް ނުވަތަ ކުޅުދުއްފުށި ބަނދަރަށް ގެންދާ މުދަލުގެ އަގަށް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހިތަދޫ ޕޯޓް ލިމިޓެޑުގެ ބޯޑުން ނުވަތަ އެމް.ޕީ.އެލްގެ ބޯޑުން ފާސްނުކޮށް ޓެރިޕަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި ނަމަވެސް ހިތަދޫ ބަނދަރުން ނެގޭ ބަރތިންގ ފީ މާލެއަށް ވުރެ 44 ރުފިޔާ ބޮޑުކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ހިތަދޫ ބަނދަރުގެ ބަރތިންގ ފީއަކީ 248 ރުފިޔާ ކަމަށާއި މާލޭ ބަނދަރުން ނެގޭ ބަރތިންގ ފީއަކީ 204 ރުފިޔާ ކަމަށާއި އެއީ މީގެ 3 އަހަރު ކުރީއްސުރެވެސް ކަނޑައަޅާފައިވާ އަގެއް ކަމަށާއި އެގޮތަށް ކަނޑައެޅިފައި ހުރި ސަބަބު ނޭނގޭ ކަމަށް ވަނީ ބުނެފައެވެ. އެ ކުންފުންޏާ ޙަވާލުކުރެވިގެން ހިތަދޫ ބަނދަރު ހިންގާތާ ގާތްގަނޑަކަށް ދިހަ އަހަރު ވެއްޖެކަމަށާއި އޭރުއްސުރެ އެތަނަށް ހިނގާ ޚަރަދުތައް ކުރަމުންދާ ކަމަށާއި އެހެންކުމުން އެމްއެސްއެސްގެ ބޯޓުން އެ ބަނދަރުގެ ޚަރަދު ފޫބައްދަމުންދާ ކަމަށް ބުނާ ވާހަކަ އަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ބޮންތި 2 އައްޑޫއަށް އޮޕަރޭޓްކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައި ކަމަށާއި މުޅި އެއްކޮށް އެ ބޯޓުން އައްޑޫއަށް 13 ދަތުރުކޮށްފައިވާއިރު ބޯޓު ހުސްކުރަން 10 ދުވަސް ނަގާ ކަމަށް އެ ކުންފުނިން ކޮމިޓީއާ ޙިއްޞާކުރައްވާފައިވާ މަޢުލޫމާތަކީ ކުށެއް ކަމަށާއި، އެ 13 ދަތުރުގެ ތެރެއިން އެންމެ ގިނަ ދުވަހަށް ބޯޓު ބަނދަރުގައި އޮތީ 8 ދުވަހު ކަމަށާއި އައްޑޫގައި ހިނގި އެންމެ ބޮޑު ލޮކްޑައުންގެ ތެރޭގަޔާއި އެންމެ ގަދަވިއްސާރައިގެ ތެރޭގައިވެސް ބޯޓު ބަނދަރުގައި އޮތީ 7 ދުވަހު ކަމަށާއި އެވްރެޖުކޮށް ކޮންމެ ފަހުރަކު ވެސް 5 ދުވަސް ތެރޭގައި ބޯޓް ޓާރންއެރައުންޑް ކޮށްފައިވާ ކަމަށް ބުންޏެވެ. އެބޯޓު ބަނދަރު ނުކުރެވޭއިރަކު ނޫނީ ބޯޓުން މުދާ ނުބޭލޭއިރަކު ބަނދަރުން ޗާޖް ނުކުރެވޭނެ ކަމަށާއި ބަނދަރުން ޗާޖް ކުރަނީ ބޯޓު ކައިރި ކުރެވިގެން ނުވަތަ ބޯޓުން މުދާ ބޭލިގެންކަމަށެވެ. ބޯޓު ކައިރިނުކޮށް ބޯޓު އެންކަރުގައި މަސައްކަތެއް ނުކޮށް އޮންނަ ވަގުތަކަށް އެމްޕީއެލަކަށް ޗާޖެއް ނުނެގޭނެ ކަމަށާއި އެކަން ކުންފުނީގެ ޓެރިފް އެފޮތުގައި ބަޔާންކޮށްފައިވާނެ ކަަމަށެވެ.
ހިތަދޫ ބަނދަރުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ޤަބޫލު ކުރާ ކަމަށާއި އެ ބަނދަރު ހަދާފައި ހުރިގޮތުން ބޯޓް ރޯލްކުރާ ކަމަށާއި، އެކަމާ ހެދި މުދާ ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށާއި އެކަމަށް ޙައްލެއް ހޯދުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތައްވެސް ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ފާހަގަކޮށްފައެވެ. މިހާރު އެމްޓީސީސީއާ އެއްކޮށް ކުރެވޭ މަސައްކަތުން ރައްކާތެރިކަމާ އެއްކޮށް ކުރެވޭނެ ބާތެއް މި އަންނަ އަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށެވެ. މީގެ ކުރީގައި ހިތަދޫ ބަނދަރާ ހަމައަށް ވަރަށް މަދުފަހަރަކު ނޫނީ ޕެރިޝަބަލް މުދާ އުފުލާ ބޯޓެއް އައިސްފައިނުވާތީ، ޕެރިޝަބަލްއަށް ޚާއްޞަ ޝެޑެއް އެޅުމުގެ ބޭނުމެއް ކުރީގައި ނެތް ކަމަށާއި އެހެންނަމަވެސް އެމްއެސްއެސް އިން ދަތުރުތައް ފެނުމުން ރަނގަޅު ތަރުހީބެއް ލިބި، ފުދޭވަރެއްގެ ގިނަ ޢަދަދެއްގެ ޕެރިޝަބަލް މުދާ ގެންނަން ފެށުނު ކަމަށާއި ކޮވިޑް ލޮކްޑައުނާއި ގުޅިގެން ކުއްލިއަކަށް ޝެޑެއް އެޅުމުގެ ފުރުޞަތު ލިބިފައިނުވާ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހިތަދޫ ބަނދަރުގައި ފެން ލައިނެއް އަޅަން ފެނަކަ ކޯޕަރޭޝަނާ ކުރިންވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށާއި ހިތަދޫ ބަނދަރުގެ ކީވޯލް އިންނަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 1 ކިލޯމީޓަރު ދިގު ކޯސްވޭއަކުން ކަމަށާއި، އެހެންކަމުން އެ ކޯސްވޭގެ ދިގު މިނުގެ ހޮޅިއެއް އަޅައިގެން ނޫނީ އެތަނަށް ފެން ދެވެން ނެތް ކަމަށާއި އެއީ ވަރަށް ބޮޑު ޚަރަދެއްކަމުން، އެ ހޮޅިން ފެން ވިއްކައިގެން އެތައް އަހަރަކުން ވެސް އެ ހޮޅީގެ ކޯސްޓް ކަވަރުނުކުރެވޭނެތީ، ފެނަކަ ކޯޕަރޭޝަނުން އެކަންތައް ކުރަން އެހާބޮޑަށް ބޭނުންނުވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
މައިގަނޑު ގޮތެއްގައި އެމްއެސްއެސްއާ މަޝްވަރާ ކުރެވިފައި ވަނީ މާލެ ކޮމާޝަލް ބަނދަރުން ނެގޭ ޕައިލޮޓޭޖްފީއާއި ޓަގް ހަޔަރ ޗާޖަސް ބޮޑުވެގެން ކަމަށާއި، މާލީ ބަނދަރުން ނަގާ އެއް ރޭޓުތަކެއް ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ނަގާތީ އެކަމުގެ ކަންބޮޑުވުމެއް އެބޭފުޅުންގެ އޮތް ކަމަށާއި އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރީޖަނަލް ބަނދަރުތަކުން ނަގާ ފީތައް މާލެއަށް ވުރެ ކުޑަކުރުމާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި، ބަނދަރުގެ ފީތައް ކުޑަކޮށްފިނަމަ މިހާރު ލިބޭ ގެއްލުމަށްވުރެ ގެއްލުން ބޮޑުވާނެކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް އަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ.
ކުޅުދުއްފުށި ބަނދަރުވެސް ހަދާފައިވަނީ ކުޑަ ބޯޓުތަކަށް ޓާގެޓްކޮށްގެން ކަމަށާއި އެތާނގެ ޑްރާޕްޓަކީ 4 މީޓަރުވަރުކަމަށާއި އަދި ކީވޯލްގައި އިންނަނީ 100 މީޓަރުކަވުން ވެއްދެނީ ހަމައެކަނީ ކުދި ބޯޓުތައްކަމަށެވެ. އެހެންކަމުން އިންޑިއާގެ ކޮޗިންއިން ބޯޓު އޮޕަރޭޓްކުރަން ފެށިއިރު އައީ ފުދޭވަރެއްގެ ބޮޑު ބޯޓެއްކަމުން، އެ ބޯޓަށް ކުޅުދުއްފުށީ ބަނދަރަށް ކައިރި ނުކުރެވޭތީ އެ ބޯޓު އެންކަރޭޖްގައި ބާއްވައިގެން އޮޕަރޭޓް ކުރަންޖެހުމުން ހިންގުމުގެ ޚަރަދުތައް ބޮޑުވާކަމަށެވެ. މި މައްސަލަ ޙައްލުކުރުމަށް ކުޅުދުއްފުށި ބަނދަރުގެވެސް ޑިވެލޮޕްމަންޓު ޕްލޭނެއް ހެދުމަށްފަހު، އެ ޕްލޭނަށް އެމްޓީސީސީއާ އެއްކޮށް މަސައްކަތް ކުރެވެމުންދާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
މީގެއިތުރުން ވަޞީލަތްތައް ރަނގަޅުކުރުމަށް އިންވެސްޓުކުރުމަށް ރިކުއަރމަންޓު އެބަހުރިކަމަށާއި މާލޭ ކޮޝަލް ހާބަރުގައި ކީވޯލަށް އޮންނަނީ ފަސްޓްކަމް ފަސްޓް ސަރވް ބޭސިސް ކަމަށާއި އެއީ އެކަން ޢާންމުކޮށް ހިނގާ އުސޫލުކަމަށާއި ނަމަވެސް އެމްއެސްއެސްއިން ބޭނުންވަނީ އެ ކުންފުނީގެ ބޯޓު ޢަބަދުވެސް މަގަތު ފާލަމަށް ލުމަށް ޕްރިއޮރިޓީ ދިނުމަށް ކަމަށާއި، 3 ކުންފުންޏަކުން އެ ބަނދަރަށް ބޯޓު ކައިރިކުރާއިރު ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވާގޮތުން ވަކި ބަޔަކަށް ޕްރިއޮރިޓީ ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން ޕެރިޝަބަލް މުދާ ފިޔަވައި އެހެނިހެން މުދަލަށް ފްރީ ސްޓޯރޭޖްގެ ގޮތުގައި 10 ދުވަސް ދީފައިވާނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި މުދާ ކްލިއަރކުރުމުގެ ފުރުޞަތު ވިޔަފާރވެރިންނަށް ލިބިފައިވާކަމަށާއި، ޑެމަރޭޖު އަރަން ފަށާނީ އެ 10 ދުވަހުގެ ފަހުން ކަމަށާއި އަދި އޭގެ ބޭނުމަކީ ކޮންޓެއިނަރ ބަހައްޓަން ސްޓޯރޭޖެއް ގޮތަށް ބަނދަރު ނުދިނުން ކަމަށާއި ބަނދަރުގައި އޮންނާނީ ކުޑަ ޖާގައެއް ކަމުން ބަނދަރު ކޮންޖެސްޓްވިޔަ ނުދިނުމަކީ ކުންފުނީގެ އެއް މަޤްސަދު ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެސްއޯއީ ކޮމިޓީން ބުނީ ފްރައިޓްގެ އަގު ބޮޑުވާން ދިމާވަނީ ބަނދަރުތަކުގައި ހުރި އިންއެފިޝިއެންސީތަކުގެ ސަބަބުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ބަނދަރުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާނެ ކަމަށާއި ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްލޭނިންގ މިނިސްޓްރީގައި ވެސް އެދޭނެ ކަމަށެވެ. މީގެއިތުރުން ޕައިލޮޓޭޖް ފީ ބޮޑުކުރުމުގެ މައްސަލަ ދިމާވި ދާއިރާތައް ދެނެގަނެ، ދިރާސާއެއް ކުރުމަށްފަހު ބަދަލު ކުރެވެން ހުރި ދާއިރާތަކުގެ ފީ ކުޑަކުރުމަށް އެމްޕީއެލްއަށް އަންގާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.