ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 16:17
މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާގުޅިގެން
މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާގުޅިގެން
ރާއްޖެއެމްވީ
މިނިވަން ދުވަސް
ރާއްޖެ މިނިވަންވާން މަސައްކަތް ކުރި މައިގަނޑު ސަބަބުތައް
 
މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް ވެރިވީ، މީގެ 76 އަހަރު ކުރިން  ބޮޑު ހަނގުރާމަ ނިމުމުން

ރާއްޖޭގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ މިނިވަން ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަމުންދަނީ 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއި ގުޅިގެންނެވެ.

މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް  ވެރިވީ، މީގެ 76 އަހަރު ކުރިން  ބޮޑު ހަނގުރާމަ ނިމުމުންނެވެ. މިގޮތުން 1947ގައި އިންޑިޔާ މިނިވަންވެ، ޕާކިސްތާނާއި އިންޑިޔާ ދެ  ގައުމުގެ ގޮތުގައި އުފެދުނެވެ. އަދި ސިލޯނު 1948ގައި މިނިވަންވިއެވެ. ސިލޯނު މިނިވަންވުމުން، 1948ގައި ރާއްޖެއަށްވެސް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމެއްގައި، މާލޭގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރިއެވެ. 

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި26، 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހިދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސި ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެއޮތް އޮތުން 77 އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ.

މީގެ 56  އަހަރު ކުރިން ހިނގި ރާއްޖެއަށް މިނިވަންކަން ހޯދުމުގެ ހަރަކާތްތަކަށް ނަޒަރު ހިންގާލާއިރު އިނގިރޭސީންގެ މަރުކަޒުތަކެއް އައްޑުއަތޮޅުގައި ހަދަން ނިންމި ނިންމުމާއި، 1954ން 1957ށް ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރިކިލެގެފާނު ގެންގުޅުއްވި ސިޔާސަތާއި މިކަންކަމުގެ މައްޗަށް އަލިއަޅުވާލުން މުހިންމެވެ. މިކަން ހިނގިގޮތަށް ބަލާއިރު ދެވަނަބޮޑުހަނގުރާމަ 1945 ގައި ނިމުމާއެކު ހަނގުރާމައިގައި އިއްތިހާދީންނަށް ކޮށްދިން މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ، އިނގިރޭސީން އެބައިމީހުންގެ އިސްތިއުމާރުގެ ދަށުގައިވާ ބައެއް ގައުމުތަކަށް މިނިވަންކަން ދޭން ފެށިއެވެ.

މިގޮތުން 1947ގައި އިންޑިޔާއަށް މިނިވަންކަން ލިބި އަދި ޕާކިސްތާނު އުފެދުނެވެ. އަދި ސިލޯނަށް 1948ގައި މިނިވަން ލިބުނެވެ. މިގައުމު ގައުމަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ތިބި ގައުމު ގައުމެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އިނގިރޭސީންގެ ''ހިމާޔަތުގެދަށުގައި'' އޮތް ދިވެހިރާއްޖެއަށް ލިބުނީ  ދާޚިލީ މިނިވަންކަމުގެ ނަމެވެ. އެހެނަސް އެއީ ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޖިޒީ ކަނޑާލި އެއްބަސްވުން ނުވަތަ ދާޚިލީ މިނިވަންކަމުގެ ނަމުން މަޝްހޫރުވި އެއްބަސްވުމެއް ވެސް މެއެވެ.އެއީ އޭޕްރީލް 24، 1948ގައި މާލޭގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެވެ.

މިއީ ސިލޯނަށް 1948ގައި މިނިވަން ލިބުމަށްފަހު ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދޭ ވެދުން ނުވަތަ ޖިޒީ ހިފައިގެން ދާދިއުން އާދަކާދައިގެމަތިން ސިލޯނަށް ދާންފަށައިފިނަމަ ސިލޯނުގެ ދަށަށް ރާއްޖެ ގޮސްފާނެތީ، އޭރު ދިވެހިދައުލަތް ހިންގަވަން ހުންނެވި މުހައްމަދު އަމީނު ދީދީ ގައުމަށް ކޮށްދެއްވި ޚިދުމަތެއްކަން ތާރީޚު ދިރާސާ ކުރުމުން އެނގެން އެބައޮތެވެ. ސިލޯނަށް 1948ގައި މިނިވަންކަން ދިނުމަށްފަހު، އިނގިރޭސީންގެ ދެކުނު އޭޝިޔާގެ ''އެންމެ ލޮބުވެތި ކޮލޮނީ'' ސިލޯނުގައި ހުރި އިނގިރޭސީންގެ އެކިއެކި މަރުކަޒުތައް އެހެންތަނަކަށް ބަދަލުކުރަން ޖެހުނެވެ.

މިގޮތުން އިނގިރޭސީން މިކަމުގައި ބެލީ މިކަމަށް އެންމެ ރަނގަޅީ ދިވެހިރާއްޖެ ކަމަށެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅު ގަމާއި، ތިލަދުންމަތީ ކެލާގައި އިނގިރޭސީން އަސްކަރީ އަދި މުވާސަލާތީ މަރުކަޒުތައް ގާއިމުކުރެވުނު ކަމަށްވާތީވެސްމެއެވެ. އެހެންކަމުން އައްޑުއަތޮޅު ގަމާއި ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް 100އަހަރަށް ކުއްޔަށްދޭން، ޑިސެމްބަރު، 1956ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ސޮއިކުރައްވާފައިވެއެވެ. މިކަމުގައި ދިމާވި ތަފާތު ސަބަބުތަކާހުރެ، ފާމުލަދޭރިކިލެގެފާނު ޑިސެމްބަރު 11، 1957ގައި އިސްތިއުފާ ދެއްވިއެވެ.

އިބްރާހީމް ފާމުލަދޭރިކިލެގެފާނު ދެކެވަޑައިގަތީ ދިވެހިރާއްޖެފަދަ ވަސީލަތްތައް މަދު ކުޑަގައުމަކަށް ހަމަޖެހުމާއެކު ދެމިއޮވެވޭނީ ބޮޑުބާރެއްގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ. ދެން ބޮޑުވަޒީރެއްކަމަށް ރައްޔިތުންގެ މަޖިލީހުން ރަދުންނަށް ލަފާއެރުވީ، އޭރުގެ ވަޒީރުއްދާޚިލިއްޔާ އިބްރާހީމް ނާސިރެވެ. އެމަނިކުފާނު ޑިސެމްބަރު 12، 1957ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. ފާމުލަދޭރިކިލެގެފާނުގެ ސިޔާސަތާ ޚިލާފަށް ނާސިރުގެ ސިޔާސަތެއް ކަމުގައި ކަނޑައެޅުއްވީ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަމާ އިސްތިގުލާލު ކުރިއަށް ނެރެ، ފުރިހަމަ މިނިވަންކަމާއެކު ބައިނަލްއަގުވާމީ މައިދާނަށް ނުކުތުމެވެ. އިނގިރޭސީންފަދަ އިސްތިއުމާރީ ބާރެއްގެ ހިޔަލުގައި އޮތުމަށްވުރެ ދިވެހިގައުމަށް މިނިވަންކަމުގެ ފާއިދާބޮޑު ކަމަށެވެ. މިހިސާބަށް ކަންތައް ދިޔައިރު އައްޑުއަތޮޅު ގަމުގައި އިނގިރޭސީންގެ ވައިގެމަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް އިނގިރޭސީން ވަނީ އެގައުމުގެ ކޮސްޓޭން ކުންފުންޏާ ހަވާލުކޮށްފައެވެ.

ނަމަވެސް ގަމު މީހުން ޖެހިގެންއޮތް ފޭދޫއަށް ބަދަލުކުރުމުގެ ކަންތައް މުޅިން ހަމަނުޖެހޭތީ، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. މިދަނޑިވަޅުގައި އާސަރުކާރުން އަލަށް ތައާރަފް ކުރެއްވި އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރުމާ އެއިން ފީ ނެގުމުގެ ގާނޫނާ ރާއްޖެއިން ބޭރުން ގެންނަތަކެތީން މައުމޫލު ނެގުމުގެ ގާނޫނުފަދަ ގާނޫނުތައްވީ، އައްޑުއަތޮޅު ރައްޔިތުން އެމީހުންގެ މައީޝަތު ނުވަތަ އިގްތިސާދު އެކަމަކަށް ހުއްޓިފައިވާ ކޮޅުނބު ދަތުރުފަދަ ކަންތައްތަކަށް ބަލާއިރު ބަލައިނުގަނެވޭފަދަ ކަންތައްތަކަކަށެވެ. އެއާގުޅިގެން ޖެނުއަރީ1، 1959ގައި އައްޑުއަތޮޅުގައި ގަޑުބަޑެއް ފެށުނެވެ. މިކަން ސެޕްޓެމްބަރު23، 1963އަށް ދެމިއޮތެވެ.

މިކަންވީ ރާއްޖޭގެ  ފުރިހަމަ މިނިވަންކަމަށްޓަކައި އިތުރަށް މަސައްކަތް ކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށެވެ. މިދުވަސްވަރު  ދިވެހި ސަރުކާރާ، އިނގިރޭސީން 1960ގައި އެއްބަސްވީ އައްޑުއަތޮޅު ގަމާއި ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް ކުއްޔަށް ދޭނީ 1960އިން ފެށިގެން 30އަހަރަށް ކަމަށެވެ. ބޮޑުވަޒީރު ނާސިރުގެ އާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި، ވަރަށް އަވަހަށް އަޅުއްވަން ފެއްޓެވި ތައުލީމު ފުޅާކުރެއްވުމާއި، ވިޔަފާރި އަމިއްލަ ކުރެއްވުމާއި، މުވާސަލާތު ގާއިމު ކުރެއްވުމުގެ ފޮނި ނަތީޖާ ފެނިގެންދިޔައީ އަވަސްކޮށެވެ.

މި ކާމިޔާބީތަކާ ގުޅިގެން ދާދިއަވަހަށް މާލެއާ ކޮޅުނބުގައި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، އިނގިރޭސީންގެ މަންދޫބުންނާއި މިނިވަންކަމުގެ މަޝްވަރާތައް ފެށުނެވެ. ދެތިން އަހަރުވަންދެން މިކުރެވުނު މަޝްވަރާތަކާއި، ބޮޑުވަޒީރު އިބްރާހީމް ނާސިރާއި، އެމަނިކުފާނުގެ ޓީމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަމުގެ ހިކުމަތުގެ އަމަލީގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޖުލައި 26، 1965ގައި ރާއްޖެއަށް މިނިވަންކަން ލިބުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް