ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 15:35
ވެލާނާ އެއަރޕޯޓުގައި ބަޔަކު ފުރަން ގޮސް
ވެލާނާ އެއަރޕޯޓުގައި ބަޔަކު ފުރަން ގޮސް
ރާއްޖެއެމްވީ
ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުން
ޖެނުއަރީން ފެށިގެން އެއަރޕޯޓް ޓެކްސްގެ ގޮތުގައި ނަގާ ފީއަށް ގެނައި ބަދަލުތައް ތަސްދީގުކޮށްފި
 
މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށް
 
މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެން

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ 2021 ޖުލައި މަހުގެ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ވަނީ ނެގުމަށް ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅާފައެވެ.

މި ބިލަށް ކޮމިޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައެއް ނުވެއެވެ. އެގޮތުން ކޮމިޓީން އިސްލާހު ކޮށްފައިވަނީ ބިލުގައިވާ ބައެއް ތާރީޚުތަކުގެ އިތުރުން ގާނޫނުގައި އިތުރު މާއްދާއެއް ހިމެނުމަށެވެ. އެއީ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގަނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބުނާ މާއްދާއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ބިލުގައި ހިމަނާފައިވާ މުއްދަތު ފާއިތުވެފައިވުމާއެކު، މިނިސްޓްރީ އޮފް ފިނޭންސުން މި ބިލަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް ތާރީޚު ބަދަލުކޮށް އިސްލާހު ގެނައުމަށް ނިންމާ ކަމަށެވެ.

ބިލުގައިވާ ގޮތުން، އެއަރޕޯޓް ޓެކުހުގެ ގޮތުގައި، އިކޮނޮމިކް ކްލާހުން ދަތުރު ކުރާ ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވެސް އެބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން އެއަރޕޯޓް ޓެކުހުގެ ގޮތުގައި އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެ އަދަދުތަކުން ފީ ނެގުމަށް ވަނީ ހިމަނާފައެވެ.

އެހެންކަމުން، އެއަރޕޯޓުން އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 180 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ކޮންމެ މީހަކު 240 ޑޮލަރު އެއަރޕޯޓް ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަމުން ދެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން ވެސް 25 ޑޮލަރު ނަގަމުން ދެއެވެ. އެގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 50 ޑޮލަރު، ނަގަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ކަމަށް ބުނެއެވެ.

މީގެ އިތުރުން ވެސް މި ބިލަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ ޢަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ ޢަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
13%
13%
63%
0%
13%
ކޮމެންޓް
12 ޖުލައި 2021 | ހޯމަ 12:39
ދިދަ
މިދެން ބޮޑުވަރެއްދޯ... މިބައިގަނޑު ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް ބަޔަކު މިޤައުމުގަ ވެރިކަންކުރި... މިވަރެއް ނުވޭ.. މިހާރު ނޭވާއެއް ލިޔަސް ޗާރޖްކުރޭ.. ނުވަންޏާ ދުރަށްޖެހޭ، ކަންކަން ކުރަން އިނގޭ ކުޅަދާނަ މީހުން ހަވާލުވާނެ..