ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 08:39
241 ކޮމިޓީން އިންކުއަރީ ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
241 ކޮމިޓީން އިންކުއަރީ ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ
ހުރިހާ ސިޔާސީ ޕާޓީތައް އެކުވެ އެއް މިސްރާބަކަށް މަސައްކަތްކޮށް ތާރީޚީ އިންކުއަރީ ނިމުމަކަށް
 
ރިޕޯޓްގައި 236 ޞަފްހާ ހިމެނޭ
 
ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އެއް ރޫހެއްގައި އެއް މަގްސަދެއް ހާސިލްކުރުމަށް މަސައްކަތްކުރިކަން ފާހަގަކުރި
 
މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެއް
 
ރައީސް ނަޝީދަށް ހަމަލާދިން ގޮތް ބަޔާންކޮށްފައިވާއިރު ރައީސް ނަޝީދުގެ ޕްރޮފައިލް އަދި ތްރެޓް ހިސްޓްރީ ބަޔާންކޮށްފައިވޭ

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަމަ އެރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ފުލުހުންގެ ތަހުގީގުގައި ބޭރުގެ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ފާސްކޮށް ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ކުރިޔަށް ގެންދިޔުމަށް ނިންމިއެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި 241 ކޮމިޓީން ވަނީ ބަލާފައެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށެވެ. ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއަށްފަހު އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މަޖިލިސް އިގުރާރުވުމަށް ގަރާރެއް ހުށަހެޅުނެވެ. އެގަރާރު ހުށަހަޅައި ފާސްކޮށްފައިވަނީ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައެވެ. މި އިގުރާރު ހުށަހަޅުއްވާފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމެވެ.

މި ގަރާރު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީފައިވީ ހިނދު އަދި އެ ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ އަނިޔާ ލިބި ފުރާނަފުޅަށް ނުރައްކާވެ، އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކާ އަދިވެސް އޮތްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހަމަލާދިނުމަށް މެދުވެރި ސަބަބުތައް ދެނެގަނެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ރާއްޖޭގައި މިފަދަ ޓެރަރިޒަމްގެ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ އެންމެހައި ބަދަލުތައް ފާހަގަކުރުމަށްޓަކައި ޕާލަމަންޓްރީ އިންކުއައިރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން އިގްރާރުވަމެވެ.
މުހައްމަދު އަސްލަމް / 241 ކޮމިޓީގެ މުގައްރިރު

މި އިގްރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މަޖިލީހުން އިންކުއަރީއެއްގެ މަސަައްކަތް ފެށިއެވެ. އަދި 241 ކޮމިޓީން މި އިންކުއަރީގެ މަސައްކަތްތައް ކުރަންފެށިއެވެ. 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައި އޮންނަ ކޮމިޓީއަކަށްވާއިރު އެކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތެރެއިން މެމްބަރުން ތިއްބަވަންޖެހެއެވެ. މިހާރު އެކުލަވާލާފައިވާ 241 ކޮމިޓީގައި ތިއްބަވަނީ:

  1. މުޙައްމަދު އަސްލަމް / ހިތަދޫ އުތުރު ދާއިރާގެ މެމްބަރ (ކޮމިޓީގެ މުގައްރިރު، އެމްޑީޕީ)
  2. ޙަސަން ލަޠީފް / ހެންވޭރު ހުޅަނގު ދާއިރާ (މުޤައްރިރުގެ ނައިބު، އެމްޑީޕީ)
  3. ޢަލީ ނިޔާޒް / ހުޅުމާލެ ދާއިރާ (އެމްޑީޕީ)
  4. އީވާ ޢަބްދުﷲ / ގަލޮޅު އުތުރު ދާއިރާ (އެމްޑީޕީ)
  5. ޢަބްދުލްޣަފޫރު މޫސާ / ހަނިމާދޫ ދާއިރާ (އެމްޑީޕީ)
  6. ޙިސާން ޙުސައިން / ތުޅާދޫ ދާއިރާ (އެމްޑީޕީ)
  7. ޙުސައިން ޝަހީމް / ހެންވޭރު ދެކުނު ދާއިރާ (އެމްޑީޕީ)
  8. އިމްތިޔާޒު ފަހުމީ / މާފަންނު އުތުރު ދާއިރާ (އެމްޑީޕީ)
  9. އާދަމް ޝަރީފް / މަޑުއްވަރީ ދާއިރާ (ޕީއެންސީ)
  10. ޢަބްދުﷲ ރިޔާޟް / ތިމަރަފުށި ދާއިރާ (ޖޭޕީ)
  11. މުޙައްމަދު ޣައްސާން މައުމޫން / ތ. ގުރައިދޫ ދާއިރާ (ޕީޕީއެމް)
  12. އަޙްމަދު ސިޔާމް މުޙައްމަދު / މީދޫ ދާއިރާ (އެމްޑީއޭ)
  13. ސަޢުދު ޙުސައިން / ވިލިނގިލި ދާއިރާ (އަމިއްލަ)
241 ކޮމިޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން- ރައްޔިތުންގެ މަޖިލިސް

މި މެމްބަރުންނާއެކު ކޮމިޓީގެ މަސައްކަތްތައް ފެށިއިރު 241 ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ، މި އިންކުއަރީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. މި އިންކުއަރީގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އޭގެ ކުރިން ސަލާމަތީ ޚިދުމަތްތަކާއި ދައުލަތުގެ އިދާރާތަކަށް ލިބިފައިވޭތޯ ދެނެގަތުމެވެ. އަދި ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑު ތަކަކީ ކޮބައިތޯ ދެނެގަތުން ވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން، ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ހިމާޔަތް ފޯރުކޮށްދިނުމުގައި އަމަލުކުރަމުން ދިޔަ ގޮތް ބެލުމާއި، ފައިނޭންސް އިންޓެލިޖެންސްގެ މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލު ކުރާ ގޮތް ދެނެގަތުމާއި، ޤާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނެގަތުން ވެސް ހިމެނެއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދާނެ ޓައިމްލައިންއެއް ކޮމިޓީން ކަނޑައެޅިއެވެ. އެގޮތުން މައުލޫމާތު އެއްކޮށް، ލިއެކިއުންތައް ދިރާސާ ކުރުމަށްފަހު ކޮމިޓީން މި މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ހުރިހާ ފަރާތްތަކާ ވެސް ސުވާލު ކުރުމަށް ނިންމިއެވެ. އެއާއެކު ކޮމިޓީން ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށްފަހު އެންމެ ފުރަތަމަ ކޮމިޓީން އިންކުއަރީއަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލީއެވެ. ސަލާމާތީ ޚިދުމަތްތަކާއި ފުލުހުންގެ ތެރެއިން އެފަދަ މައުލޫމާތުތަކެއް ހުރި ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަން ހާމަކޮށް އެފުރުސަތު ހުޅުވާލިއެވެ. އެއަށްފަހު ކޮމިޓީއަށް ވަކިވަކި ސިފައިންގެ އޮފިސަރުން ހާޒިރުކުރަން ބޭނުންވާކަން މަޖިލީހުގެ އިދާރާއިން ސިފައިންނަށް އެންގިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ މިއިންކުއަރީގެ ކަންކަން ރަނގަޅަށް ހިނގައި ނުދާނެ ފަދަ މަންޒަރުތަކެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ގާނޫނީ ހުއްޖަތްތަކެއް ބަޔާންކުރުމަށްފަހު ސިފައިންގެ މުއައްސަސާއިން އިންކުއަރީއަށް ޖަވާބުދާރީ ވާނީ އެތަނުގެ އިސްވެރިންކަން އެންގިއެވެ. މައްސަލަ ހޫނުވީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާފައިވާތީ އިންކުއަރީއަށް ހުރަސް އެޅުއްވިކަމަށް ނިންމާ ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އިމްތިޔާޒާ ސުލޫކީ ކޮމިޓީއަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުންނެވެ. އަދި ރައީސް ނަޝީދު، ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް ފޮނުއްވިއެވެ. ނަމަވެސް ޕީޖީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި, ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި އޮންނަނީ، ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅަންޖެހޭނީ ތަހުގީގު ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެ އެ މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.

އިމްތިޔާޒު ކޮމިޓީން މިކަމާ ގުޅިގެން ބޭއްވި އެކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެން ބޭއްވުމަށްފަހު ވަނީ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވުނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މި މައްސަލަ ކުރިމަތިވީ އިދާރީ އޮޅުމަކުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އަސްލަމް ވިދާޅުވީ އިންކުއަރީއަށް ސިފައިންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށާއި، މައުލޫމާތު ނުދީގެން އެފަދަ ސުލޫކީ މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ. ސިފައިންގެ ތެރެއިން ވިޔަސް އަދި އެހެން އިދާރާއަކުން ވެސް އިންކުޔަރީއަށް މައުލޫމާތު ދޭން ދެކޮޅު ހަދައިފިނަމަ، އެކަމާ މެދު ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީއަށް ސިފައިންގެ އެކި ލެވެލްގެ އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އިންކުއަރީއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީން 49 މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 32 އޮފިސަރުން ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފުލުހުންގެ 5 އޮފިސަރުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީއަށް ހާޒިރުކުރި އިސް ބައެއް ބޭފުޅުން:

  1. ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ
  2. ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ
  3. ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް
  4. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
  5. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް
  6. އެސްޕީޖީގެ ކުރީގެ ކޮމާންޑަރ ކާނަލް ނަޞްރުﷲ އިބްރާހީމް މަޖުދީ
  7. އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް
  8. އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަޙުމަދު ޢިމާދު
  9. ފައިނޭންޝަލް އިންޓެލިޖެންސް ހެޑް އިބްރާހީމް އަޙުމަދު ނާސިރު
  10. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު
  11. މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދު
241 ކޮމިޓީއަށް ޑިފެންސް މިނިސްޓަރ މާރިޔާ މައުލޫމާތު ދެއްވަނީ - ރައްޔިތުންގެ މަޖިލިސް

ކޮމިޓީން މަސައްކަތްކުރަމުންދިޔައީ ޖޫން މަސް ނިމެންވާއިރަށް އިންކުއަރީ ރިޕޯޓް ނިންމާ ތަޅުމަށް ފޮނުވުމަށެވެ. ނަމަވެސް އިންކުއަރީގެ މަސައްކަތްތައް ފުރިހަމަ މަސައްކަތެއްގެ ގޮތުގައި ތަޅުމާ ހިސާބަށް ފޮނުވުމަށް ޖުލައި މަހުގެ 8 ވަނަ ދުވަހު އިންކުއަރީ ރިޕޯޓް ނިންމުމަށް ފަހުން ނިންމިއެވެ. އެއާއެއްގޮތަށް މިހާރު މިވަނީ ކޮމިޓީގެ އިންކުއަރީ ރިޕޯޓް ނިންމާ އެ ރިޕޯޓް ފާސްކޮށްފައެވެ. ރިޕޯޓް ފާސްކުރުމަށް ޖުލައި 7 ވީ ބުދަ ދުވަހުގެ ރޭ ކޮމިޓީން ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. އިންކުއަރީ ކުރިޔަށް ގެންދިޔުމަށް ބޭއްވި ބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކަކަށްވިޔަސް އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ބާއްވާފައިވަނީ މީޑިޔާ ތަކަށް ހުޅުވާލައިގެންނެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދިޔައީ ހުރިހާ މެމްބަރުންގެ އެއްބާރުލުމާއެކު ވަރަށް އެކުވެރިކަމާއި ހުނަރުވެރިކަމާއެކުކަމަށެވެ. އަދި ރިޕޯޓް ނިންމާލުމުގައި ކޮމިޓީގެ މެމްބަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މިކަން އަވަހަށް ފުރިހަމައަށް ނިމުމުގައި މެމްބަރުން މިކަމަށް ދެއްވި ޚާއްސަ ސަމާލުކަން ހިމެނޭކަމަށެވެ.

އަދި މެމްބަރުންގެ މިކަމުގައި ހުންނެވި ހުނަރާއި ތައުލީމާއި ތަޖުރިބާ މިރިޕޯޓުން ފާހަގަވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ކޮމިޓީގައި އެކިދާއިރާތަކުގެ ވަރަށް ގިނަ ތަޖުރިބާ ކާރު ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ. ފަހަގަކޮށްލަން ބޭނުންވޭ ކުރީގެ ޑިފެންސް މިނިސްޓަރެއް ކޮމިޓީގައި އިންނަވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަޅުގަނޑުމެންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ. ދެން ހުރިހާ ބޭފުޅުންގެ ވާހަކަ ތަފްސީލުކޮށް ދަންނަވާނަމަ ދިގުވާނެ. އެކި މެމްބަރުން އެއީ އެކި ކަންކަމުގައި ތަޖުރިބާ ތިއްބެވި މެމްބަރުން. މިރިޕޯޓް އެކުލަވާލުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެއްވެސް ބޭފުޅަކު ވަކި ގޮތަކަށް ނަން ކިޔަން ބޭނުންނުވާތީ ކިޔޭނަމަ ހިސާންގެ ނަން ކިޔާނަން ވަކި ބޭފުޅެއްގެ ނަން ކިޔާނަމަ. އަދި މަޖިލީހުގެ ނައިބު ރައީސް ކޮމިޓީގައި އިންނަވާކަމީ އަޅުގަނޑުމެންގެ މިކޮމިޓީއަށް މުޅި މަޖިލީހުގެ އިދާރާގެ ފަރާތުންނާއި އަދި ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް.
މުހައްމަދު އަސްލަމް / 241 ކޮމިޓީގެ މުގައްރިރު

މީގެއިތުރުންވެސް އަސްލަމް ވަނީ ވަރަށް މުހިންމު އެހެންކަމެއް ވެސް ފާހަގަކުރައްވާފައެވެ. އެއީ މެމްބަރުން ތަމްސީލުކުރައްވަމުން ގެންދެވި ސިޔާސީ ޕާޓީއަށް ބެއްލެވުމެއްނެތި ގައުމީ ކަމެއްގެ ގޮތުގައި މިކަން ކުރިޔަށް ގެންދިޔުމެވެ.

އެކި ޕާޓީތައް ތަމްސީލުކުރައްވާ ބެފުޅުން ވަކި ޕާޓީއަކަށް ބެލުމެއްނެތި ގައުމީ ކަމެއްގެ ގޮތުގައި މިކަން ދެކިގެން މިކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔައީ ހަމަ ނަމޫނާ މަސައްކަތެއް، ގައުމީ މަސައްކަތެއްގައި ދިވެހިން ބައިވެރިވުމުގެ ރޫހު އެ އޮންނަ ގޮތުގައި
މުހައްމަދު އަސްލަމް / 241 ކޮމިޓީގެ މުގައްރިރު

ކޮމިޓީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވެސް އިންކުއަރީގެ މަސައްކަތް ނިންމާލެވުމުން ފާޅުކުރެއްވީ އެފަދަ ޝުއޫރުތަކެކެވެ. އީވާ ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މެމްބަރުން ވެސް ވަކި ޕާޓީއެއް، ވަކި ސިޔާސީ ފިކުރެއްނެތި މި މަސައްކަތް ކޮށްދެއްވީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. ހުރިހާ މެމްބަރުންގެ ވިސްނުން ވެސް ހުރީ ހަމަ މި މަސައްކަތަށް ކަމަށާއި އެއްވެސް މެމްބަރަކު ވިސްނުން ގެންގުޅުއްވީ އަމިއްލަ ބޭނުމެއް ނުވަތަ އަމިއްލަ މަގްސަދެއް ހާސިލް ކުރަން ނޫންކަމަށް އީވާ ވިދާޅުވިއެވެ.

އަދި އަޅުގަނޑު ދަންނަވަން ބޭނުން މަޖިލީހުގައި ވެސް އަދި 241 ކޮމިޓީގައި ވެސް އަޅުގަނޑު އިންނަތާ މިއީ 11 ވަނަ އަހަރު. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ދުވަހަކު ވެސް އަދި މި ކަހަލަ މަސައްކަތެއް މިގޮތަށް އަދި ނުކުރަން. ސިޔާސީ ޕާޓީތަކާއެކު މައްސަލަ ނުޖެހި އެކުވެރި ކަމާއެކީގައި އެއް ރޫހެއްގައި އެއް މިސްރާބަކަށް މިވަރަށް ދުވަހަކު ވެސް ހަމަގައިމުވެސް މަސައްކަތްކުރެވުނު އަދި ތަޖުރިބާއެއް އަޅުގަނޑު ނުކުރަން.
އީވާ އަބްދުﷲ / ގަލޮޅު އުތުރު ދާއިރާ
241 ކޮމިޓީން އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން - ރައްޔިތުންގެ މަޖިލިސް

އީވާ ވިދާޅުވީ މި މަސައްކަތުގައި އެއް ޓީމެއްގެ ގޮތުގައި އެހާ ގިނަ ދުވަސްތަކެއް ވަންދެން މި މަސައްކަތްކޮށް ކާމިޔާބީ އާ ހަމައަށް އާދެވުނީ ކޮމިޓީގެ މުގައްރިރުގެ ހިކުމަތްތެރިކަމުން ކަމަށެވެ. މި މަސައްކަތުގައި ފުރަތަމަ ދަތިތަކެއް ދިމާވިކަމަށާއި އާންމު ގޮތެއްގައި ނުކުރާ ކަހަލަ މަސައްކަތެއް ކުރަންޖެހުމުން ހުރިހާ މެމްބަރުންނަށް ވެސް މި މަސައްކަތްވީ އައު މަސައްކަތަކަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއެކު އެކި މީހުންގެ އެކިއެކި ވިސްނުމާއެކު މުގައްރިރު ގެންގުޅުއްވި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އެންމެނަށް ޖާގަ ދެއްވައިގެން ހަމަ އެންމެނަށް ޖާގަ ދެއްވައިގެން ކޮންމެ މީހެއްގެ ހިޔާލު ހިމަނައިގެން މުގައްރިރު މަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ. އަދި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި ސިޔާސީ ގޮތުންނާއި އިދާރީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިގޮތަށް މަސައްކަތްކުރެވުނީ ހަމަ މުގައްރިރުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމުން.
އީވާ އަބްދުﷲ / ގަލޮޅު އުތުރު ދާއިރާ
241 ކޮމިޓީން އިންކުއަރީ ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން - ރައްޔިތުންގެ މަޖިލިސް

ކޮމިޓީން އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުމްލަ 236 ސަފްހާ ހަމައެކަނި ރިޕޯޓްގައި ހިމެނޭއިރު ފެށުމާއި، ތަޢާރަފް އާއި މަގްސަދުތައް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިޕޯޓްގެ 9 ވަނަ ބައިގައި ރައީސް ނަޝީދަށް ހަމަލާދިން ގޮތް ބަޔާންކޮށްފައިވާއިރު ރައީސް ނަޝީދުގެ ޕްރޮފައިލް އަދި ތްރެޓް ހިސްޓްރީ ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަންކަން ހިނގައިދިޔަ ގޮތާއި ލިބިވަޑައިގެންނެވި ޒަޚަމްތައް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި ހަމަލާދިނުމުގެ ކުރީގައި ކަންކަން ހިނގާފައިވާ ގޮތާއި އޭގެ ފަހުން ކަންކަން ހިނގާދިޔަ ގޮތްވެސްވެއެވެ. ހަމަލާދިނުމުގެ ކުރިން ހިނގާދިޔަ ކަންކަމުގެ ގޮތުގައި ފަސް ކަމެއް ފާހަގަކޮށްފައިވާއިރު ހަމަލާދިނުމަށްފަހު ކަންކަން ހިނގާދިޔަ ގޮތުގެ 19 ކަމަކަށް އިންކުއަރީގައި ބަލާފައިވެއެވެ.

މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގެ ސެކިޔުރިޓީ ކަންކަމާއި ހޮސްޕިޓަލުގެ ފާހާނާއިން ފެނުނު ފިސްތޯލައާ ގުޅޭގޮތުން 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭގޮތާއި ހަމަޖެހިފައިވާ އުސޫލާއި އެ އުސޫލުން ސެކިޔުރިޓީ ފޯރުކޮށްދޭތޯ އިންކުއަރީން ބަލައި އެކަންކަން ވަނީ ރިޕޯޓްގައި ހިމަނާފައެވެ. އެގޮތުން ގޭގައި އުޅުއްވާ ގަޑިތަކާއި ކަނޑުމަތީގައާއި މަގުމަތީގައި އުޅުއްވާ ގަޑިތަކުގެ އިތުރުން ވައިގެ މަގުން ދަތުރުކުރައްވާއިރު ސެކިޔުރިޓީ ފޯރުކޮށްދޭގޮތް ވަނީ ބަލާފައެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ޕްރޮފައިލް އާއި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭ ޓީމުގެ ތަޖުރިބާ އާއި ތަމްރީންތަކަށް ބަލާފައިވެއެވެ. އަދި އެސްއޯޕީތަކަށް ފޮލޯކޮށްފައިވޭތޯ އާއި އެކަމާ ގުޅޭ ހޯދުންތައް ރިޕޯޓްގައި ހިމަނާފައިވެއެވެ. މައިގަނޑު 20 ކަމެއް ހިމަނާފައިވާއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ރައީސް ނަޝީދުގެ ސެކިޔުރިޓީއާ ގުޅިގެން ވަކި ރިކޮމެންޑޭޝަންތަކެއް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް