ކ. މާލެ
|
7 ޖުލައި 2021 | ބުދަ 03:30
އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ ޕެނަލްޓީގައި 4-2 ން
އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ ޕެނަލްޓީގައި 4-2 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް
 
ސްޕެއިން އަތުން އިޓަލީ މޮޅުވީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން
 
ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ޑެންމާކާ

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ސްޕެއިނުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެ އިޓަލީގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ޑަނީ އޮލްމޯ އާއި ފެރާން ޓޮރޭސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ލަނޑު ޖަހަން އިޓަލީއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް ޗީރޯ އިމޮބިލޭއަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އިޓަލީން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އިޓަލީއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ސްޕެއިނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާއެވެ.

މެޗުގެ 90 މިނެޓު މިނެޓު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އެކަމަކު މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އިޓަލީ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އިޓަލީގެ މަނުުއެލް ލަކޮޓެއްލީ ފިޔަވާ ދެން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބު ކޮށްފައެވެ. އެކަމަކު ސްޕެއިންގެ އޮލްމޯ އާއި މޮރާޓާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން އިޓަލީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި އިޓަލީ ވަނީ ސްޕެއިން އަތުން ބަލިވެފައެވެ.

ސްޕެއިން އަތުން ހޯދި މޮޅާއެކު އިޓަލީ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާ ޑެންމާކް ބައްދަލުކުރާ ސެމީގެ މެޗުން މޮޅުވާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
33%
33%
0%
33%
0%
0%
ކޮމެންޓް