ކ. މާލެ
|
10 ޖޫން 2021 | ބުރާސްފަތި 08:24
އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރައްވާފައިވަނީ މިހާރުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ
އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރައްވާފައިވަނީ މިހާރުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ
ރޮއިޓަރސް
އިސްރާއީލުގެ ވެރިކަމަށް ބަދަލުއައުން
ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
 
އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން އައު ސަރުކާރަށް ދިނުމުން 2009 ވަނަ އަހަރު ވެރިކަމަށް އައި ނަޔަންޔާހޫގެ ދިގު ވެރިކަން ނިމުމަކަށް އަންނާނެ
 
އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދު ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ސަރުކާރު އެކުލަވާލާފައި
 
ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ލިބުނު

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުން އެކުލަވާލި ގުޅިފައިވާ ސަރުކާރަށް އަމާޒުކޮށްފިއެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަމަށް ނިމުމެއް ގެނައުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާފައެވެ. މިއާއެކު އިސްރާއީލުގެ އަނިޔާވެރި އަދި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރަމުންދާ ބެންޔަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކާ ގާތަށް ދާކަމަށް ޚަބަރުތައް ފެތުރި އެ ޤައުމުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

މިފަދަ ހާލަތެއްގައި ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ މި ވަނީ ވަރުގަދަ ބަހުގެ ޙަމަލާތަކެއް އައު އިއްތިހާދީ ސަރުކާރަށް އަމާޒުކޮށްފައެވެ. ނަތަންޔާހޫ ވަނީ މި ސަރުކާރު ވުޖޫދުވެގެން އައީ ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހިމެނޭ ޢާންމު އިންތިޚާބެއްގެ ނަތީޖާއަކުންކަމަށް ބުނެ އިއްތިހާދީ ސަރުކާރަށް ގޮންޖަހާފައެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި 4 ވަނަ ޢާންމު އިންތިޚާބު ބާއްވާފައިވަނީ މާރޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޢަދަދަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނަތަންޔާހޫއާ ޙަވާލުކުރައްވާފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙަވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަތެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ރިވުލިން ވަނީ ޔަޝް އަތީދު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވާފައެވެ. ޖޫން މަހުގެ 2 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި ލަޕީދު ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން ރިވުލިނަށް އަންގަވާފައިވާކަމަށެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގައި ލަޕީދަށް އެންމެ ބޮޑު ބާރެއް ލިބުނީ އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީން އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމުގައި ބައިވެރިވުމަށް ނިންމުމުންނެވެ. ޔަޝް އަތީދު ޕާޓީއާއި ޔަމީނާ ޕާޓީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުގެ މަޤާމާ ފުރަތަމަ 2 އަހަރު ޙަވާލުވެވަޑައިގަންނަވާނީ ބެނެޓެވެ. އެއަށްފަހު ދަޢުރުގެ ފަހު 2 އަހަރު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ލަޕީދެވެ. އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން އައު ސަރުކާރަށް ރުހުން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، އައު ސަރުކާރަށް ރުހުން ދިނުމުން 2009 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

ލިކޫދު ޕާޓީގެ މެންބަރުންނާ ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ ޢާންމު އިންތިޚާބަކީ އެ ޤައުމުގެ ދީމިޤްރާޠީ ނިޒާމުގެ ތާރީޚުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު އޮޅުވާލުންކަމަށެވެ. ކެންޕެއިންގެ ދުވަސްވަރު އެހެން ޕާޓީތަކާއެކު ބައިވެރިނުވާނެކަމަށް ބެނެޓު ވަޢުދުވެވަޑައިގެންނެވިކަމަށާއި އެ ވަޢުދާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ނަތަންޔާހޫ ވަނީ ތުހުމަތުކުރައްވާފައެވެ. އައު ސަރުކާރުގައި ހިމެނެނީ މަކަރުވެރިންކަމުގައި ސިފަކުރައްވައި ނަތަންޔާހޫ ވިދާޅުވީ އައު ސަރުކާރު ޤާއިމުކުރުމާ ލިކޫދު ޕާޓީން ދެކޮޅުހަދާނެކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ ލަޕީދާއި ބެނެޓުގެ ބައިވެރިވުމާއެކު ގައުމު ހިންގާނަމަ އެއީ އިސްރާއީލަށް ނުރައްކާވާނެ ހާލަތެއްކަމަށެވެ. އަދި އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުގެ މައްސަލައިގައި އެމެރިކާއާއެކު ކުރިއަށްދާނެ ގޮތެއް އައު ސަރުކާރަށް ނޭނގޭނެކަމަށާއި ޕަލަސްޠީނުގެ ގާޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރިމަތިނުލެވޭނެކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ. އެ ވާހަކަތަކާ ގުޅިގެން ބެނެޓު ވިދާޅުވީ ސަރުކާރުގެ އިސްވެރިޔާގެ މަޤާމުގައި ނަތަންޔާހޫއަށް ދެމިނުހުރެވުނު ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އަދި ބަލި ޤަބޫލުކުރައްވައި އައު ސަރުކާރެއް ޤާއިމުކުރުމަށް ތަންދެއްވަން ޖެހިވަޑައިގަންނަވާނެކަމަށާއި އިތުރު ހަމަނުޖެހުންތަކެއް އުފެއްދެވުމަށް މަސައްކަތް ނުކުރެއްވުމަށް ނަތަންޔާހޫއަށް ގޮވައިލައްވައިކަމަށް ބެނެޓު ވިދާޅުވިއެވެ. އިސްރާއީލުގެ ރައްޔިތުން ބޭނުންވަނީ ނަތަންޔާހޫ ވެރިކަމުގައި ހުންނެވި އަހަރުތަކުގައި ކުރެއްވި އަގުހުރި ޚިދުމަތްތައް ހަނދާނުގައި ބެހެއްޓުމަށްކަމަށްވެސް ބެނެޓު އިލްތިމާސްކުރެއްވިއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރުކަމަށް 12 އަހަރަށްފަހު ބަދަލުއައުމަށް ގާތްވެފައިވާއިރު، އެ ޤައުމުގެ ރައީސް ވެސް ވަނީ ދާދި ފަހުން ބަދަލުވެފައެވެ. އެގޮތުން އިސްރާއީލްގެ އައު ރައީސްއަކަށް އައިސާކް ހަރޒޮގް ޖޫން 3 ވަނަ ދުވަހު ވަނީ އައްޔަން ކޮށްފައެވެ. އިސްރާއީލްގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކެނެސެޓްގައި މިކަމަށް ނެގި ވޯޓުގައި 87 ވޯޓާއެކު ހަރޒޮގްވަނީ އިސްރާއީލްގެ ރައީސްކަމަށް އައްޔަންކޮށްފައެވެ. ހަރޒޮގްއާ ވާދަ ކުރެއްވީ ކުރީގެ ހެޑްމިސްޓްރެސްއެއް ކަމުގައިވާ މަރިއަމް ޕެރޭޒްއެވެ.

ހަރޒޮގަކީ ލޭބާރ ޕާޓީގައި ދިގު ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ސިޔާސީ ބޭފުޅެކެވެ. އުމުރުން 60 އަހަރުގެ ހާރޒޮގް އިޒްރާއީލުގެ ރައީސްކަމުގެ މަގާމަށް އައްޔަން މިކުރެވުނީ، 2014 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ރުވެން ރިވްލިންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ހަރޒޮގް އޮފީހާ ހަވާލުވާނީ އަންނަ މަހުއެވެ.

އިސްރާއީލުގެ ރައީސްކަމުގެ މަގާމަކީ، މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. މަގާމަށް ބޭފުޅަކު އައްޔަން ކުރާގޮތަށް ހަމަޖެހިފައި އޮންނަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އިސްރާއީލުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގާނޫނު އަސާސީން ލިބިދީފައި އޮންނަނީ މަދު ބާރުތަކެކެވެ. އެގޮތުން، ރައީސްގެ މައިގަނޑު ދައުރަކީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އިންތިޚާބަށްފަހު، ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކޮށް، އާ ސަރުކާރު އުފެއްދުމުގެ ދައުވަތު ކެންޑިޑޭޓުންނަށް އެރުވުމެވެ. އިސްރާއީލުގެ ގާނޫނު އަސާސީން ސިޔާސީ ގިނަ ބާރުތައް ދޫކޮށްފައި އޮންނަނީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
13%
75%
0%
13%
0%
0%
ކޮމެންޓް