ދުނިޔޭގެ ގިނަ ބަޔަކު ދަންނަނީ ގާޒާގެ ނަމުންނެވެ. އެކަމަކު އަރަބި ދުނިޔޭގައި އެއީ ޣައްޒާއެވެ. ގާޒާ އޮންނަނީ މިސްރުގެ ސައިނާއީގެ އިރު އިތުރުން މެޑިޓެރޭނިއަން ކަނޑުގެ އިރުދެކުނު އައްސޭރީގައެވެ. އެއީ ހަނިކޮށް ދިގުކޮށް އޮންނަ ބިން އަރިއެކެވެ. ދެކުނުގައި އޮތީ މިސްރެވެ. އުތުރާއި އިރުމަތީގައި އިސްރާއީލެވެ. ހުޅަނގުބިތުގައި މެޑިޓެރޭނިއަން ކަނޑެވެ. ގާތްގަޑަކަށް 41 ކިލޯމީޓަރު ދިގު އަދި 12 ކިލޯމީޓަރު ފުޅާ ގާޒާގެ ބޮޑުމިނަކީ 365 އަކަ ކިލޯމީޓަރެވެ. ގާތްގަޑަކަށް ދެ މިލިޔަނެއްހައި މީހުންގެ އާބާދީއަކާއެކު މިތަންކޮޅު ހިމެނިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ ތިންވަނަ ސަރަހައްދު ކަމުގައެވެ.
ގާޒާގެ އާބާދީ އިތުރުވަމުން ދަނީ އަހަރަކު 3 އިންސައްތައިގެ ރޭޓުންނެވެ. އެހެންކަމުން މިސަރަހައްދު ހިމެނިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ 13 ވަނަ ސަރަހައްދު ކަމުގައެވެ. ގާޒާގައި ދިރިއުޅޭ ކަމަށް އަންދާޒާ ކުރެވިފައިވާ ދެ މިލިޔަން މީހުންގެ ތެރޭގައި އެންމެ ގިނައީ ސުންނީ މުސްލިމުންނެވެ. ކުޑަކުޑަ ތަންކޮޅެއްގައި ތޮއްޖެހިގެން މިހާ ގިނަބަޔަކު ދިރިއުޅެމުންދާއިރު ގާޒާއަށް އެތެރެވުމާއި ބޭރުވުމަކީ ފަސޭހަކަމެއް ނޫނެވެ. އޭގެ ސިއްރަކީ ގާޒާއާ އިންވެގެންވާ ދެ ގައުމުންވެސް ބޯޑަރު ބަންދުކޮށްފައިވުމާއި ބްލޮކޭޑްކޮށްފައި އޮތުމުންނެވެ. ގާޒާގައި ކުޑަމިނުން ބޭނުންކުރެވޭ އެއަރޕޯޓެއް ނޯވެއެވެ. އަދި އެކަށީގެންވާ ކަނޑުގެ ބަނަދަރެއްވެސް ގާއިމު ކުރެވިފައި ނުވެއެވެ. ސިއްރަކީ އެ ފުރުސަތު އިޒްރޭލުން ފަހިކޮށްދޭން ބޭނުން ނުވުމެވެ.
އިޒްރޭލުގައި ހުރެފައި ގާޒާއަށް އެތެރެވަންޏާ އެކަން ކުރަން ޖެހެނީ އެރެޒް ދޮރާށިންނެވެ. މިސްރުގައި ހުރެފައި އެތެރެވަންޏާ ރަފާ ދޮރަށިންނެވެ. މިނޫން އެހެން މަގަކުން ދޭސީއަކަށް ވެސް އަދި ބިދޭސީއަކަށް ވެސް ގާޒާއަށް އައިސްގޮސްވުމުގެ ފުރުސަތެއް ނޯވެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ގާޒާ ސިފަކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައެވެ. ދެ މިލިޔަން ގައިދީންނާއެކު ތަޅުލެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ހުރަގޭގެ ގޮތުގައެވެ. އެތެރެވީ ބަޔަކު އެތެރޭގައެވެ. ބޭރުވުމެއް ނެތެވެ. ބޭރުގައިވީ ބަޔަކު ބޭރުގައެވެ. އެތެރެވުމެއް ނެތެވެ. މި ހާލަތުގައި އޮތް ގާޒާގައި އިންސާނުންނަށް އެކަށޭނަ ޚިދުމަތެއް ދިނުމަށް ބޭނުންވާ ވަސީލަތެއް ނެތެވެ. އިގްތިސާދެއް ނެތެވެ. ވުމާއެކު ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކުން ފަހަކަށް އައިސް ބުނަމުން އަންނަނީ ގާޒާއަކީ އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ބިރުވެރި ނާމާން ތަނަކަށް ބަދަލުވެއްޖެ ކަމުގައެވެ.
ގާޒާއާ ދެކޮޅަށް އިޒްރޭލުން މިހާރު ވަރުގަދަ އުދުވާނެއް ފަށައިގެން އުޅެނީ 15 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. ހަމަ މިގޮތަށް އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ގާޒާއަށް ހަމަލަދީ މުޅި ސަރަހައްދު ސުންނާފަތިކުރުމަށްފަހު އިޒްރޭލް ސިފައިންގެ އޮޕަރޭޝަން އެފަހަރު ނިންމައިލީ 2005 ވަނަ އަހަރުއެވެ. އޮޕަރޭޝަން ހުއްޓައިލި ކަމަށްވިޔަސް ގާޒާ ދެމިއޮތީ ބަންދުކުރެވިފައިވާ ޖަލެއްގެ ގޮތުގައެވެ. ކާބޯތަކެއްޗާއި ބޭހާއި ދެންވެސް ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީތަކެތީގެ ތެރެއިން ގާޒާއަށް އެތެރެ ވަނީ އިޒްރޭލުން ހުއްދަ ދިން އެއްޗެއް ހުއްދަ ދިން މިންވަރަކަށެވެ. ބައެއް ގައުމުތަކުން އެހީގެ ގޮތުގައި ފަލަސްތީނަށް ފޮނުވި ކޮރޯނާ ވެކްސިންވެސް ގާޒާއަށް އެތެރެވިޔަ ނުދީ ކިތަންމެ ފަހަރަކު އިޒްރޭލުން ހުއްޓުވާފައިވެއެވެ. ކާބޯތަކެއްޗަށް ވެސް އޮތީ ހަމަ މިހުކުމެވެ.
ގާޒާގެ ސިޔާސީ އަދި އިދާރީ ކޮންޓްރޯލް ލިބިގެންވަނީ ފަލަސްތީނުގެ ޖަމާއަތްތަކުގެ ތެރެއިން ހަމާސް ޖަމާއަތަށެވެ. މީގެ އިތުރުން އިސްލާމިކް ޖިހާދަކީވެސް މައިގަޑުގޮތެއްގައި ގާޒާގައި ގާއިމްވެފައިވާ ޖަމާއަތެކެވެ. އެންމެފަހުން 2006 ވަނަ އަހަރު ފަލަސްތީނުގެ ސަރަހައްދުތަކުގައި ބޭއްވުނު އިންތިޚާބުގައި ގާޒާގައި ބޮޑު އަޣުލަބިއްޔަތެއް ލ؛ިބިފައިވަނީ ހަމާސް ޖަމާއަތަށެވެ. މިއީ ފަލަސްތީނުގެ ސަރުކާރު ހިންގާ ފަތަހަ ޖަމާއަތާ ވާދަވެރި ޖަމާއަތެކެވެ. ފަތަހަ ޖަމާއަތުގެ ކޮންޓްރޯލް މައިގަޑު ގޮތެއްގައި އޮތީ ހުޅަގު އައްސޭރީގެ ސަރަހައްދުތަކުގެ މައްޗަށެވެ. ހުޅަގު އައްސޭރި އާއި ގާޒާއަކީ އެއްތަން އަނެއްތަނާއި ގުޅިފައިވާ ދެ ސަރަހައްދެއް ނޫނެވެ. އެ ދޭތެރޭގައި އިޒްރޭލް އޮވެއެވެ. އެހެންވީމާ ގާޒާއަކީ މިގޮތުންވެސް އެކަހެރިވެފައިވާ ސަރަހައްދެކެވެ.
ގާޒާގެ ތާރީޚަކީ ވަރަށް ދިގުވެގެންވާ އަދި އެހާމެ ހަލަބޮލި ތާރީޚެކެވެ. އެތާގެ މިޒަމާނުގެ ތާރީޚު ފަށަން ޖެހެނީ އުސްމާނީ ޚިލާފަތުގެ ދައުރުން ފެށިގެންނެވެ. އެ ޚިލާފަތުގައި ގާޒާ އޮތީ އިސްތަންބޫލުގައި ހުންނަވާ ޚަލީފާގެ ވެރިކަމުގެ ދަށުގައެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަގުރާމައިގައި އުސްމާނީން ބަލިވެ އެ ޚިލާފަތުގެ ދަށުގައިވާ ތަންތަން ހުޅަގުގެ ނަސްރާނީ ބާރުތަކުން ބަހައިލިއިރު ގާޒާ ލިބުނީ އިނގިރޭސީންނަށެވެ. މިގޮތުން 1918ން 1948ށް ގާޒާ އޮތީ އިނގިރޭސި ވެެރިކަމުގެ ދަށުގައެވެ. އޭގެފަހުން 1948ން 1967ށް އެ ސަރަހައްދުގެ ވެރިކަން ބަދަލުވީ މިސްރަށެވެ. މެދުއިރުމަތީގައި 1967 ވަނަ އަހަރު ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަގުރާމައިގައި އިޒްރޭލުން ގާޒާ ހިފުމާ ހަމަޔަށް ގާޒާގައި ހިންގަމުން އައީ ގާހިރާގެ ވެރިކަމެވެ.
އިޒްރޭލުން 1967ން ފެށިގެން ގާޒާގައި ވަރަށް އަނިޔާވެރި ވެރިކަމެއް ކުރަމުން އައިސް 1993 ގައި ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެވެސް މިންވަރެއްގެ އަމިއްލަ ބާރުތަކެއް ދީފައި އިޒްރޭލު ސިފައިން ފޭބިއެވެ. މި ފޭބުމެއް 2005 ވަނަ އަހަރު މުޅިން ފޭބީ މެދުއިރުމައްޗަށް ދާއިމީ ސުލަހައެއް ގެނައުމަށް ވެވުނު އޮސްލޯ ސުލްހަނާމާގައި އެކަން ހިމެނިފައި އޮތުމުންނެވެ. އެކަމަކު ގާޒާގެ ސަރަހައްދީ އިމާއި ވަޔާއި ކަނޑުގެ މައްޗަށް ފަލަސްތީނަށް އެއްވެސް ބާރެއް ނޯވެއެވެ. އަދި ގާޒާއަށް ވަދެ ނުކުމެ ވެވޭ ދޮރޯށިތަކުގެ ކޮންޓްރޯލެއްވެސް ފަލަސްތީނުގެ ރައްޔިތުންނަކަށް ނޯވެއެވެ. މީގެ ތެރެއިން ރަފާ ދޮރޯށި ފިޔަވައި ހުރިހާ ދޮރޯށިތަކުގެ ކޮންޓްރޯލް އޮތީ އިޒްރޭލަށެވެ. ރަފާގެ ކޮންޓްރޯލް އޮތީ މިސްރަށެވެ. އެއީ ގާޒާ އާއި މިސްރުގެ ސައިނާއީ ގުޅުވައިދޭ ދޮރެވެ.
އެންމެ އެވޭލާ ޒަމާނުގައި ގާޒާ ފާހަގަ ކުރެވިފައި އޮންނަނީ މިސްރުން ޝާމުކަރަޔަށް ނުވަތަ ޝާމުކަރައިން މިސްރަށް ދަތުރުކުރާ މަގުގައި އޮންނަ މަންޒިލެއްގެ ގޮތުގައެވެ. ގަދީމީ ޔޫނާނުގެ މަޝްހޫރު ފާތިހު އެލްގްޒާންޑަރ ދަ ގްރޭޓްގެ ދައުރުގައި އޭނާވެސް ގާޒާ ފަތަހަކުރެއްވިކަން އެނގެން އޮވެއެވެ. އަދި މެދުއިރުމަތީގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތްކުރި ކޮންމެ ބާރަކުންވެސް ގާޒާގެ މައްޗަށް ގަދަކަން ދެއްކިކަން ތާރީޚުން ފާހަގަވާން އޮވެއެވެ. ގާޒާ ސަރަހައްދުގެ އެންމެ ބޮޑު ސަހަރަކީ ގާޒާ ސިޓީއެވެ. އެ ސަހަރު އޮންނަނީ ގަޒާގެ މެދަކަށްވުރެ ތަންކޮޅެއް އުތުރުގައެވެ. ދެކުނު ފަޅިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެނީ ޚާން ޔޫނުސޭ ކިޔުނު ރަށެއްގައެވެ. މިއީ ސަހަރަކަށްވުރެ ބޮޑަށް ރެފިއުޖީ ކޭމްޕެކެވެ.
ގާޒާއަކީ މައިގަޑު ގޮތެއްގައި ހަނަފަސް ސަރަހައްދެކެވެ. ޝާމުކަރައިން އާއްމު ގޮތެއްގައި ފެންނަ ފެހިކަން ގާޒާގައި ވަރަށް ކުޑައެވެ. ބިމުގެ ގުދުރަތީ ވަސީލަތްތަކުގެ ގޮތުންވެސް ގާޒާއަކީ ފަގީރު ތަނެކެވެ. ދިވެހިރާއްޖެއެކޭ އެއްފަދައިން ގާޒާގެ ރައްޔިތުންގެ އިގްތިސާދު އެކަމެއްގެ މައްޗަށް މައިގަޑު ގޮތެއްގައި ބަރޯސާވެފައި އޮންނަ ދާއިރާއަކީ މަސްވެރިކަމެވެ. އެކަމަކު މިހާރު އެ ފުރުސަތެއް ވެސް ނޯވެއެވެ. ކަނޑުގެ މަގުންވެސް އިޒްރޭލުގެ ސިފައިން ގާޒާ ބައްދާލާފައި އޮތުމުގެ ސަބަބުންނެވެ. މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކަށް ބަޑިޖަހައި ގާޒާގެ މަސްވެރިން މެރުމަކީ އިޒްރޭލުގެ ކަނޑުގެ ސިފައިން ވަރަށް ފޯރިޔާއެކު ކުރަމުން އަންނަ ކަމެކެވެ.