އަޤްޞާ މިސްކިތުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް އިސްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުވާގޮތަށް ދީފައިވާ އެ އަނިޔާވެރި ހަމަލާތައް ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ވަކިން ޚާއްސަކޮށް ރަމަޟާން މަހުގެ މި މާތް މައްސަރުގައި އަޅުކަމުގައި ތިބި ބަޔަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ޤަރާރުތަކާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
އޭގެ އިތުރުން، މި ހަމަަލާތަކަކީ އެ ސަރަޙައްދުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެޅިގެންދާ ހުރަހެއްކަން ފޮރިން މިނިސްްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަތައް ހައްލުކޮށް އެ ސަރަޙައްދުގައި އަމާންކަން ޤާއިމު ކުރުމަށްޓަކައި ފަލަސްތީނަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގެން ކުރިއަށް ދިއުން މުހިއްމުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ސަރުކާރުން ވަނީ މި ޙާލަތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަމުގެ ޔަޤީންކަން ދޭ ކަމަށް ބުނެފައެވެ.
އަޤްޞާ މިސްކިތުގައި އަޅުކަމުގައިތިބި ބަޔަކާއި ޖޭރުއްސަލާމްގެ އިރުމަތީ ސަރަހައްދުގައި ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 150ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގެ ފުލުހުންނާއި ސިފައިން އަންނަނީ ޓިއަރ ގޭހާއި ގްރެނައިޑް އަދި ބަރު ހަތިޔާރުން ފަލަސްތީނުގެ ރައްޔިތުންނަށް ފާއިތުވި ހަފްތާތަކުގައި ހަމަލާތައް ދެމުންނެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.