ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 23:51
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ފެސިލިޓީތައް ދަނީ ފުރެމުން
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ފެސިލިޓީތައް ދަނީ ފުރެމުން
ލ.ގަން ރީޖަނަލް ހޮސްޕިޓަލް
ނަރުހުންގެ ދުލުން
ފެސިލިޓީތަކުގެ ނަރުހުން އާދޭސް - ފަރުދީ ޒިންމާ އަދާކުރައްވާ، އަޅުގަނޑުމެންނަށް އާއިލާގެ ގާތަށް ދެވޭނީ އޭރުން
މިއީ އުޅޭ ބައްޔެއް ކަމަށް ބައެއް މީހުން އަދިވެސް ގަބޫލެއް ނުކުރޭ

"މުޖުތަމައަށް ބުނެލަން އޮތީ ކޮވިޑަކީ ހަމަ އަސްލުވެސް އުޅޭ އެއްޗެއް ކަމަށް ބައެއް މީހުން ނުކުރޭ ގަބޫލެއް. ބުނޭ އެއީ ހަމަ ނަންބަރުތަކެކޭ. އެކަމު އަޅުގަނޑުމެންނަށް ފެނޭ ފަރުވާ ދޭން ގެންނަ ބަލިމީހުންގެ ހާލު އިހުނަށް ވުރެ ގޯސްވެ ސީރިއަސް ވެގެން ދާ މަންޒަރު. އެހެންވީމަ ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރައްވާ"

މިއީ ނަރުހެއްގެ ގޮތުގުގައި ޚިދުމަތް ކުރަމުން އަންނަތާ 12 އަހަރުވެފައިވާ އަދި ރާއްޖޭގައި ކޮވިޑް ފެސިލިޓީތައް އެންމެ ފުރަތަމަ ގާއިމު ކުރެވުނު ހިސާބުން ފެށިގެން ކޮވިޑާ ދެކޮޅަށް ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަމުން އަންނަ މަރިޔަމް ނާހިދާ "ރާއްޖެއެމްވީ"އާ ހިއްސާ ކޮށްފައިވާ ވާހަކައެކެވެ. މިހާރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރަމުންދާ ނާހިދާގެ އިލްތިމާސެވެ. ތެދެކެވެ. ބައެއް މީހުންނަށް އަދިވެސް މިއީ އުޅޭ ބައްޔެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އުޅޭ ބައްޔެއް ނޫންކަމަށާއި ކޮވިޑަކީ ހަދަހަދައިގެން އުޅޭ އެއްޗެއް ކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މާ މޮޅު ކަމެއް ކަމަށް ހިތައި، ސްޓޭޓަސްތައް ޝެއަރ ކުރާ މިންވަރު އަދިވެސް މަދެއް ނޫނެވެ.

އުފެދޭ ސުވާލަކީ ރެޔާ ދުވާލު ރައްޔިތުންގެ ހައްގުގައި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ޚިދުމަތްތެރިން ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑޭ ކިޔުނު ވަބާއިން ގައުމު ދިފާއު ކުރުމަށް ކުރާ މަސައްކަތް ހަމަ ނުފެންނަނީތޯއެވެ. ނުވަތަ އެ މަސައްކަތް ލޮލުން ދެކެ އަތުން ހިފި ނަމަވެސް ފަރުދީ ޒިންމާ އަދާކުރަން ބޭނުން ނުވަނީ ތޯއެވެ. މި ސުވާލަށް ޖަވާބު ދެވޭނީ ހަމަ އެބައިމީހުންނަށެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ހައިރާންވެ ބިރުގަންނަ ވަރަށް މަތިވެފައިވާ ދަނޑިވަޅެއްގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ތިން ނަރުހެއްގެ ބަހެއް ހޯދާލީމެވެ. ތިން ނަރުހުން ވެސް ފާހަގަކުރި ގޮތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެމަކީ ހަވާލު ކުރެވޭ ބަލި މީހުންގެ އަދަދު ކުއްލިއަކަށް ބޮޑުތަނުން އިތުރުވެގެން ދިއުމެވެ. ކޮންމެ ނަރުހަކަށް 18، 19 ބަލި މީހުން ހަވާލުކުރެވޭއިރު އެކަން ވެގެން ދިއައީ ވަރަށް ވަރުބަލި ކުރުވާ ކަމެއް ކަމަށް ނަރުހުން ފާހަގަ ކުރިއެވެ. އެގޮތުން މަރިޔަމް އަރުޝީ ކިޔައިދިން ގޮތުގައި ފެސިލީޓީތަކުގައި މީހުން ގިނަވާ ހާލަތްތަކުގައި ޕީޕީއީތަކުގައި ޑިއުޓީގައި 12 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރަން ޖެހެއެވެ.

"އެންމެ ބިޒީ އިރު ޕޭޝަންޓުންނާއެކު ހެނދުނު 7:30ގައި މަސައްކަތް ފަށާގޮތަށް ބްރޭކެއް ނުނަގައި މަސައްކަތް ނިންމާލުމަށްފަހު ނުކުމެވޭއިރު ހުންނާނީ ހަވީރު ހައެއްޖަހާ ބޮޑުވެފަ."

މީގެ އިތުރުން މި ތިން ނަރުހުން ވެސް ބުނީ ފެސިލިޓީގައި އުޅޭއިރު ހިތް ފަޅައިގެންދާފަދަ އެތައް މަންޒަރެއް ފެންނަ ކަމަށެވެ. ބަލިމީހުންނާއެކު އަންނަ އެހީތެރިން އެމީހުންގެ ކައިރީގައި މަޑުކުރަން ބޭނުން ނުވުމާއި، އުއްމީދު ގެއްލިފައިވާ ހާލު އެތައް ބަޔަކު އެމީހުންނަށް ދެން އާއިލާ އަދި ދަރިން ފެންނާނެތޯ ސުވާލު ކުރާ ކަމަށް ވެސް ކިޔައިދިނެވެ. ވަރުބަލި ކަމެއްނެތި، އާއިލާއާއި ދުރުގައި މަސައްކަތް ކުރަމުން އަންނަ އާނިސާ ޝަރީފް ބުނީ ބަލި މީހުން އެކަނި ވުމުގެ ސަބަބުން ރޯ މަންޒަރު ފެނުމުން ހިތަށް ވަރަށް އަސަރު ކުރާ ކަމަށެވެ.

"ޕޭޝަންޓުން އައިސްފަ އާއްމުކޮށް ތިބޭނީ ފެމެލީއާ ވަކިން އެކަނި. ދެން އުމުރުން ދުވަސްވީ މީހުން، އެކަނި ނޫޅެވޭ ވަރު މީހުން އާއިލާ މަތިން ހަނދާކޮށްފަ އެކަނި ތިބެގެން ވަރަށް ރޯނެ"

މިއީ ރައްޔިތުންނަށްޓަކާ އެތައް ވަގުތެއް ގުރުބާން ކޮށްގެން އުޅެމުން އަންނަ ތިން ނަރުހެއްގެ ދުލުހުން ކިޔައިދިން އަސަރުން ފުރިގެންވާ ވާހަކައެކެވެ. މި ގޮތަށް މި ޚިދުމަތްތެރިން އެ އުޅެނީ ހަދަހަދައިގެން އުޅޭ ހަގީގަތެއް ނެތް ކަމަކުން އަރައިގަތުމަށް މަސައްކަތް ކުރަން ހެއްޔެވެ. ނޫނެކެވެ. ކޮވިޑަކީ ހަމަ ހަގީގަތުގައި ވެސް ބިރުވެރި ނުރައްކާތެރި ބަލިމަޑުކަމެކެވެ. ހަމައެކަނި މި ރާއްޖެއިން ވެސް މި ބަލީގައި އެތައް ބަޔަކު ވަކިވެ ހިނގައްޖެއެވެ. އެތައް އާއިލާތަކަކަށް ފަޅުކަން ގެނުވައިފިއެވެ.

މިއަދުގެ ހާލަތަށް ނިކަން ނަޒަރު ހިންގާލާށެވެ. ފެސިލިޓީތައް އެދަނީ ފުރެމުންނެވެ. ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެއްޖެއެވެ. ސައިޒުން ބޮޑު އިންޑިއާ އިނދަ ޖައްސާލި ފަދައިން މި ކުޑަކުޑަ ގައުމަށް ވެސް އެހެން ވެދާނެ ކަމުގެ އިންޒާރު ލިބި ބިރުހީވާން ފަށައިފިއެވެ.

ދެންވެސް މި ހަގީގަތާ ކުރިމަތިލަމާ ހިނގާށެވެ. ސިއްހީ ޚިދުމަތްތެރިންގެ އަޑު އަހަމާ ހިނގާށެވެ. އަނެކާގެ ކުށް ނުބަލައި މިކަމުން އަރައިގަތުމަށް ފަރުދީ ޒިންމާ އަދާ ކުރަމާ ހިނގާށެވެ. ނޫނީ އަޅުގަނޑުމެންގެ ހައްގުގައި މަސައްކަތް ކުރާ ޚިދުމަތްތެރީން އެކުރަނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށްވެ ނިމިގެން ހިގައިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް