ކޮވިޑުގެ ނުރައްކަލާއެކު ދިވެހިންވެސް ވަނީ ނުހަނު ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައެވެ. މި އާލަމީ ވަބާގައި ދިވެހިންގެ ތެރެއިންވެސް އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާއިރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ބަލީގެ ވޭނާއި އުނދަގޫ ތަހައްމަލު ކުރި މީހުން މަދެއް ނޫނެވެ.
އޭރު ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރަންޖެހޭ ކަންކަން ކަމާބެހޭ ސިއްޙީ އިދާރާތަކުން ދިޔައީ ކެނޑިނޭޅި ކިޔާދެމުންނެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މުޅި ޤައުމުގައި އިއުލާނުކޮށް އޭރު އެޅި ހަރުކަށި ފިޔަވަޅުތައް އަދި ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.
އޭރުވެސް މި ބަލިމަޑުކަމުން އަރައިގަނެވުނީ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދާއެކު ބަލިން ރައްކާތެރިވުމަށް އެޅުނު ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ބަލި ކޮންޓްރޯލް ކުރެވުނީ އެކަމަށް ދިން އަހައްމިއްޔަތުކަމާއި، ސަމާލުކަމުގެވެސް ސަބަބުންނެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ފަހުންވެސް ތަފާތު އެކި ވޭރިއަންޓުތަކާއި އެކި ރޯގާތައް ދޭތެރެ ދޭތެރެއިން ފެތުރިފައިވެއެވެ. ކޮވިޑުވެސް މުޅިން ނައްތާލެވިފައިވަނީއެއް ނޫނެވެ.
އަނެއްކާވެސް މިވަނީ އިތުރު ރޯގާއެއްގެ ބަލިމަޑުކަން ކުރިމަތިވެ، އެކަމަށް ސަމާލުވާން ޖެހިފައެވެ. މިހާރު ފެތުރޭ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަކީ ކޮވިޑު ފަދަ ފުރާނައަށް ނުރައްކާވާ މިންވަރުގެ ރޯގާއެއް ކަމަށް އަދި ކަނޑައަޅާފައިނުވި ނަމަވެސް، މިއީވެސް ނުހަނު ހަލުވިކަމާއެކު ފެތުރޭ ރޯގާއެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެކަން އަޅުގަނޑުމެންނަށްވެސް ވަނީ ފެނިގެން ގޮސްފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލުތައް ފުރާލާފައިވާއިރު، މިއީވެސް ވައިރަލް ރޯގާއެއްކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެގޮތުން މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ރޯގާއިން ސަލާމަތްވުމަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް ވަކި އުނދަގުލެއް ނޫނެވެ. އެގޮތުން އޭރު ކޮވިޑުގެ ބަލިމަޑުކަން ތަހައްމަލު ކުރަމުންދިޔައިރު ގިނަގިނައިން ސެނިޓައިޒަރ ފަދަ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ހަނދާންކޮށްދެމުން ދިޔައެވެ. ނަމަވެސް ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ރޯގާއިން ސަލާމަތްވުމަށް ގިނަގިނައިން އަތް ދޮވުމަކީ މުހިއްމު ކަމެކެވެ. ދެން ހުރި ކަންކަަމަކީ ހަމަ ކޮވިޑެކޭ އެއްގޮތަށް ކުޑަ ކަމަކުން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅިގެންދާ ފަދަ ކަންކަމެވެ.
ވުމާއެކު، ކޮވިޑުގެ ތަޖުރިބާއިން އިބުރަތް ލިބިގަނެ، ސިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވީހާވެސް ފަރުވާތެރިކަމާއެކު އެޅުން މުހިންމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.