ކ. މާލެ
|
12 މާރޗް 2021 | ހުކުރު 11:47
ޔުނައިޓެޑާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ޔުނައިޓެޑާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުނައިޓެޑާއި މިލާން އެއްވަރުވިއިރު، އާސެނަލް މޮޅުވެއްޖެ
އޮލިމްޕިއާކޯސް އަތުން އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުން
ޔުނައިޓެޑާއި މިލާން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރި މެޗު އެއްވަރުވިއިރު، އޮލިމްޕިއާކޯސް އަތުން އާސެނަލް މޮޅުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު މިލާނުގެ ފްރޭންކް ކެސިއޭ ލަނޑެއް ޖެހި ނަމަވެސް، އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވިއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހުހަށްހުރެ ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަމަދު ޑިއާލޯއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ކޯނަރަކުން ސިމޯން ކިއާ ވަނީ ލަނޑެއް ޖަހައި، މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން މިލާނިގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކުޅެފައި ނުވި ނަމަވެސް، އަންނަ ހަފުތާގައި މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް މީގެ ކުރިން ޔުނައިޓެޑާއެކު 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި އިބްރަހިމޮވިޗް ފިޓްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮލިމްޕިއާކޯސް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-1 ން - ގެޓީ އިމޭޖާސް

މީގެ އިތުރުން ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ އޮލިމްޕިއާކޯސް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އާސެނަލަށް ލިޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އާސެނަލުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަަގައި ޔޫސެފް އެލް-އަރާބީ ވަނީ އޮލިމްޕިއާކޯސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗޗުގައި އާސެނަލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓުގައި ގަބްރިއެލް ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަ މިނެޓު ފަހުން މުޙައްމަދު އެލްނެނީ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ދެން ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު، ޑީނަމޯ ޒަގްރެބް އަތުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ރަށުން ބޭރުގައި ކުޅުނު މެޗުން ސްލާވިއާ ޕްރާގާ 1-1 ން ރޭންޖާސް އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި އަޔަކްސްއިން ވަނީ 3-0 ން ޔަންގް ބޯއީސް ބަލިކޮށްފައެވެ. ޑީނަމޯ ކިއޭވްގެ ދަނޑުގައި 0-2 ން ވިޔަރެއާލް މޮޅުވިއިރު، މޯލްޑް އަތުން އަމިއްލަ ދަނޑުގައި ގްރަނާޑާ ވަނީ 2-0 ން މޮޅުވެފައެވެ. މީގެ އިތުރުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރޯމާ މޮޅުވީ ޝަޚްތަރު ޑޮނެސްކް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

- ކޮމެންޓް