އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި ހަފްތާގައި 12 އިންސައްތަ ދަށަށްގޮސްފައިވާ ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން ހާމަކޮށްފިއެވެ.
ކޭސްތަކުގެ އަދަދު ދަށަށްދާން ފަށާފައިވާއިރު އެގައުމުގައި ދުވާލަކު 2.2 މިލިއަން ވެކްސިން ޑޯޒް އަންނަނީ ޖަހަމުންނެވެ.
އެމެރިކާގައި ކޭސްތައް ފެންނަ މިންވަރު ދަށަށްދާން ފަށާފައިވާއިރު އެގައުމުގައި ކޭސްތައް ފެންނަމިންވަރު ދަށަށްދާތާ އަށް ހަފްތާ ވަނީ ވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރިކޯޑް ކުރަމުންދަނީ 60،000 އައު ކޭސްއެވެ. މީގެއިތުރުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަފްތާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ 18 އިންސައްތަ ދަށަށްގޮސްފައެވެ. އެއީ 11،800 މީހުންނެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށްވެގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. މިހާރު ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވަނީ 1686 މީހުންނެވެ.
އަދަދުތައް ދަށަށް ދިޔަނަމަވެސް އައު ސަރޖެއް އައިސް ކޭސްތައް ފެންނަ މިންވަރު އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދަނީ ދެއްވަމުންނެވެ.
ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު 10،000ށް ތިރިވަންދެން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓުމަށް އެމެރިކާގެ އިންފެކްޝިއަސް ޑިޒީސް އެކްސްޕަރޓް ޑރ އެންތަނީ ފައުޗީ ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 13 ސްޓޭޓްގައި ފާއިތުވި ހަފްތާގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެ ކުރީ ހަފްތާގައި ކޭސްތައް ފެންނަ މިންވަރު 29 ސްޓޭޓެއްގައި ވަނީ އިތުރުވެފައެވެ.
އާދިއްތަ ދުވަހާ ހަމައަށް އައިއިރު އެމެރިކާގެ އާބާދީގެ 18 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 9 އިންސައްތަ މީހުންނަށް ވަނީ ކޮވިޑްގެ ދެ ޑޯޒް ދީފައެވެ.
އެމެރިކާގައި 525،000 މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައެވެ.