ހޮންކޮންގްގެ އިންތިހާބުގައި އެގައުމުގެ އިލެކްޓްރޯލް ވޯޓިންގ ސިސްޓަމް ޗައިނާއިން ހެކްކުރި މައްސަލަ އެމެރިކާއިން ކުށްވެރި ކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓްގެ ތަރުޖަމާނު ނެޑް ޕްރިސް ވިދާޅުވީ ޗައިނާއިން ހޮންކޮންގްގެ އިންތިހާބުގެ އިލެކްޓްރޯލް ސިސްޓަމް ހެކްކުރުން އެއީ އެގައުމުން ކުރި ފިނޑި އަމަލެއް ކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި އަމަލަކީ ޗައިނާއިން ޑިމޮކްރަސީއަށް ކުރި މަލާމާތެއްގެ ގޮތުގައި ނެޑް ވަނީ ސިފަކުރައްވާފައެވެ.
ނެޑް އިތުރަށް ވިދާޅުވީ ހޮންކޮންގްގެ ސިޔާސީ މަޝްރަހަށް ޗައިނާގެ ނުފޫޒު ފޯރާތީ އެކަމާ އެމެރިކާއިން ހިތާމަ ކުރާކަމަށާއި، މިއީ ހޮންކޮންގގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުން އަންނަ މަސައްކަތަށް ޗައިނާއިން ކުރަމުން ގެންދާ މަލާމާތެއްކަމަށެވެ.
ހޮންކޮންގްގެ އިލޮކްޓްރޯލް ސިސްޓަމް ހެކްކުރިކަން އެގައުމުން ހާމަކުރުމާއިއެކު އެކަމާ ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއިއެކު އެމެރިކާގެ ޖާސޫސީ އިދާރާއަކުން ވަނީ ހޮންކޮންގްގެ އިލޮކްޓްރޯލް ސިސްޓަމް ހެކް ކޮށްފައިވަނީ ޗައިނާއިންކަން ހާމަކޮށްފައެވެ. އެކަމަކު ޗައިނާއިން ވަނީ ހޮންކޮންގް އިންތިހާބަށް ނުފޫޒު ފޯރުވާން އެގައުމުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.
ހޮންކޮންގްގެ އިލޮކްޓްރޯލް ސިސްޓަމް ޗައިނާއިން ހެކުކުރިކަން އެނގުމާއިއެކު ހޮންކޮންގްގައި އެތަށް ސަތޭކަ ބަޔަކު ވަނީ އެކަމާ ނުރުހުންފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޗައިނާގެ ނުފޫޒުން ހޮންގްކޮންގ މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.