ގއ. ވިލިނގިލި ކައިރީގައި ލޯންޗަކާއި މަސް ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައި ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ގއ. ވިލިނގިލިން ރާއްޖެ އެމްވީއާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10ޖަހާކަން ހާއިރު ކަމަށެވެ. ހާދިސާ ހިނގީ މަސް ދޯންޏަކާއި، ވިލިނގިއްޔާ ކޫއްޑޫއާ ދެމެދު ދަތުރުކުރާ ލޯންޗެއް ޖެހިގެން ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މީހާ މަންޒަރު ސިފަކޮށްދެމުން ބުނީ ލޯންޗު ބާރަށް ގޮސް ދޯނީގައި ޖެހި ދޯނި މަތިން ގޮސް މުދުގައި ޖެހުނީ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓުވީ ވިލިނގިލީ ފަޅަށް ވަންނަން ދިޔަ ލޯންޗަކާއި ފަޅުން ނުކުންނަން ދިޔަ ދޯންޏެއް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ލޯންޗުގައި ތިބި ދެމީހަކަށް އަދި ދޯނީގައި ތިބި ދެމީހަކަށް ސީރިއަސް އަނިޔާތަކެއްވެ އެ ހަތަރު މީހުންނަށް ވެސް ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.