އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށްވެފައި ވީނަމަވެސް އަދި ހާލަތު ރަނގަޅުނުވާ ކަމަށާއި އެއީ ހަމައެކަނި މިވަގުތަށް ދަށަށްގޮސްފައިވާ އަދަދުތަކަކަށްވުން އެކަށީގެންވާ ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން(ސީޑީސީ)ން ބުނެފިއެވެ.
ސީޑީސީގެ ހެޑް ވިދާޅުވީ އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަދިވެސް ސަމާލުކަން ދޭންޖެހޭނެކަމަށެވެ. ސީޑީސީގެ ގެޑް ޑރ ރިޝަލް ވެލަންސްކީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފާއިތުވި ހަފްތާތަކާ އަޅާކިޔާއިރު ފާއިތުވި ތިން ދުވަހު ކޭސްތައް ފެންނަމިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންނާއި މަރުވަމުންދާ މީހުންގެ ރޭޓް ދަށަށްދަނީ މާބޮޑުތަނުން ނޫންކަމަށް ރިޝަލް ވިދާޅުވިއެވެ.
ހާލަތު އަދިވެސް ރަނގަޅުނޫންކަމަށް ވިދާޅުވެ ރިޝަލް ވިދާޅުވީ މިއީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭންވީ ވަގުތު ނޫންކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދާއި މަރުވަމުންދާ މީހުންގެ އަދަދުތައް އަދިވެސް ހުރީ ވަރަށް މަތީގައި ކަމަށާއި އެހެންކަމުން ފިޔަވަޅުތަކަށް ލުއިދޭންވާނީ ވަރަށް ވިސްނާފައިކަމަށް ރިޝަލް ވިދާޅުވިއެވެ.
ސްޓޭޓްތަކާއި ސިޓީތަކުގައި އަންނަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ. އެގޮތުން ނިއުޔޯރކް ސިޓީގައި މިމަހުގެ ކުރީކޮޅު ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ތިބެގެން ކެޔުމުގެ ފުރުސަތު ހުޅިވާލިއިރު އެހެން ހިސާބުތަކުގައިވެސް އަންނަނީ ވަކި މިންވަރަކަށް މީހުންނަށް ޚިދުމަތްދޭގޮތަށް ރެސްޓޯރެންޓްތައް ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.
އަނެއްކޮޅުން ވައިޓް ހައުސްއިން ވަނީ މާސްކު އެޅުމަށް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންގުމަށާއި ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިސްކަން ދިނުމަށް ކުންފުނިތަކަށް ގޮވާލާފައެވެ.
މީގެއިތުރުން ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ސްޓާފުން މާސްކު އެޅުމާއި ޚިދުމަތް ދޭއިރު ކަސްޓަމަރުންނާއި މަސައްކަތްތެރިންގެ މެދުގައި އިޖުތިމާއީ ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކަށް ވަނީ އަންގާފައެވެ. އަދި މިފަދަ ފިޔަވަޅުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށާއި ވެކްސިން ޖެހުމަށް ބާރުއެޅުމަށް ވަނީ ކުންފުނިތަކަށް ބާރު އަޅާފައެވެ.
ވައިޓް ހައުސް އިން އަންނަނީ ވެކްސިން ޖެހުމާއި ގުޅޭގޮތުން އެމެރިކާ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަމުންނެވެ. މިހާތަނަށް އައިއިރު އެމެރިކާގައި މިބަލީގައި މަރުވި މީހުންގެ އަދަދު ފަސް ލައްކައަށްވުރެ މައްޗަށް ވަނީ އަރާފައެވެ.
އަނެއްކޮޅުން ހޫނު މޫސުން ނިމެންވާއިރަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެކްސިން ޖެހުމަށް މީހުން ފަސްޖެހެމުންދާތީ މަޑުޖެހުމެއް އަންނާތީ އެކަމުގެ ކަންބޮޑުވުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފާޅުކުރައްވާފައެވެ.
އެމެރިކާގައި ކޮވިޑް އައު ވޭރިއަންޓް އުޅޭއިރު މިހާރު ޖަހަމުންދާ ވެކްސިންތަކުން އެ ވޭރިއަންޓުން ރައްކާތެރިކަން ލިބޭތޯ ބެލުމުގެ ދިރާސާތަކެއް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށް މޮޑާނާއިން ވަނީ ބުނެފައެވެ.