އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޚާއްސަ ޓީމަކުން ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ މަޝްވަރާތައް ފަށައިފިއެވެ.
ހުކުރު ދުވަހު މިޓީމުން ބައްދަލުކޮށް އެކަމުގެ މަޝްވަރާތައް ފަށާފައިވާއިރު ކުރިޔަށް އޮތް ހަފްތާތެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހުމުގެ ހުއްދަދޭނެކަމަށް ވަނީ ބެލެވިފައެވެ. އެހެން ވެކްސިންތަކާއި ޚިލާފަށް ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފެއްދި ވެކްސިންގައި ޖަހާނީ އެންމެ ޑޯޒެކެވެ. އަދި މިއީ ކޮވިޑަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެއް ޑޯޒްއެކަނި ޖަހާގޮތަށް މިހާތަނަށް އައިއިރު އުފެއްދި ހަމައެކަނި ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.
މިޓީމުން ވެކްސިން ޖެހުމުގެ ހުއްދަދޭން ފެންނަކަން އެފްޑީއޭއަށް އެންގިހާ އަވަހަކަށް އެހުއްދަދޭނެކަމަށް ވަނީ ބެލެވިފައެވެ. މިޓީމުން ވެކްސިން ޖަހައިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވައިރަހުން ރައްކާތެރިވާ މިންވަރަށް ބަލާނެއެވެ.
މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ ދިރާސާތަކަށް ބަލާއިރު 44،000 މީހުން ގަޔަށް ވެކްސިން ޖަހައިގެން ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ނަތީޖާއިން ދައްކާފައިވަނީ ވައިރަސް ޖެހިގެން ހާލަތު އެންމެ ގޯސް މިންވަރަށް ދިޔުމާއި މެދު މިނަށް ދިޔުމުގައި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނުން 66 އިންސައްތަ ރައްކާތެރިކަން ލިބެއެވެ.
އެއް ޑޯޒް ދޭ މިވެކްސިން ކާމިޔާބުވާ މިންވަރު އެކި ހިސާބުތަކުގައި ތަފާތެވެ. އެމެރިކާގައި ވެކްސިން ޖެހުމަށްފަހު 14 ދުވަސް ފަހުން ބެލިއިރު ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރު ހުރީ 74 އިންސައްތައިގައެވެ. އަދި އޭގެ ދެ ހަފްތާފަހުން ބެލިއިރު ރައްކާތެރިކަން ލިބޭ މިންވަރު ހުރީ 72 އިންސައްތައިގައެވެ. މިވެކްސިނުން ވައިރަހުން ކުރާ އަސަރު މެދުމިނާ ހިސާބަށް ދިޔުމާއި ހާލަތު ގޯސްވުން ހުއްޓުވައިދެނީ 64 އިންސައްތައަށެވެ. މިއީ ދެކުނު އެފްރިކާ ގައި ވެކްސިން ޖެހުމަށްފަހު 28 ދުވަސް ފަހުން ބެލިއިރު ހާމަވި ނަތީޖާއެކެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހިތާ 28 ދުވަސް ފަހުން ބެލިއިރު ވައިރަސް ޖެހިގެން އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކުރަން ނުޖެހުނުއިރު ވެކްސިން ޖެހި އެއްވެސް މީހަކު މަރުވެފައެއްވެސް ނުވެއެވެ.
އެހެންކަމުން މިޑާޓާތަކަށް ބަލާއިރު ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭއިން ދޭނެކަމަށް ބެލެވެއެވެ.
ޖޯންސަން އެންޑް ޖޯންސަން ވެކްސިން ރެފްރިޖެރޭޓަރުގައި އާދައިގެ ފިނިހޫނު މިނުގައި ބެހެއްޓޭނެއެވެ. އަދި އެމްއާރުއެންއޭ ބޭނުންކޮށްގެން އުފައްދާފައިވާ މޮޑާނާ އާއި ފައިޒަރ ވެކްސިން ރައްކާކޮށް އެކިތަންތަނަށް އުފުލުގައި ބަހައްޓަންޖެހޭ ފިނިމިނުގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބަހައްޓާކަށް ނުޖެހެެއެވެ. އެހެންކަމުން މިވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމަށްވެސް ފަސޭހަވާނެއެވެ.
އަންނަ ހަފްތާތެެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ތިނަކާއި ހަތަރު މިލިއަނާ ދެމެދުގެ ވެކްސިން ޑޯޒް ފޯރުކޮށްދޭން ފަށާނެކަމަށް ވަނީ ބެލެވިފައެވެ.