ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އަށް އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ގަދަ 16 ގެ ޖާގައެއް އާސެނަލް ހޯދީ ދެވަނަ ބުރުގައި 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބެންފީކާ ބަލިކުރުމަށްފަހުއެވެ. އެގޮތުން މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، އާސެނަލުން ވަނީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ބެންފީކާ ބަލިކޮށްފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއޯގޯ ގޮންސަލްވެސް ވަނީ ލަނޑެއް ޖަހައި، ބެންފީކާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ 61 ވަނަ މިނެޓުގައި ރަފާ ސިލްވާގެ ލަނޑުން ބެންފީކާއިން ލީޑު ނެގި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ކިއެރަން ޓިއެރްނީ ވަނީ ލަނޑެއް ޖަހައި، އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އާސެނަލް މޮޅުވީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޮބާމަޔަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ގަދަ 16 އަށް ޔުނައިޓެޑް ދަތުރުކުރީ ދެވަނަ ބުރުގައި 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކުރުމަށްފަހުއެވެ. އެގޮތުން މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވިއިރު، ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބިފައިވަނީ ސޮސިއެޑާޑަށެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ސޮސިއެޑާޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މިކޭލް އޮޔަރްޒަބަލް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން ސޮސިއެޑާޑުގެ އަންދޯނީ ގޮރޮސަބެލަށް ޔުނައިޓެޑުގެ ޑެނިއަލް ޖޭމްސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާތަކާއެކު ޔޫރޮޕާ ލީގުގެ ގަދަ 16 އަށް އާސެނަލާއި ޔުނައިޓެޑް ދަތުރުކުރިއިރު، ދެވަނަ ބުރުގެ ނަތީޖާތަކަށްފަހު އޭސީ މިލާން، ރޯމާ، އަޔަކްސް އަދި ރޭންޖާސްވެސް ވަނީ ގަދަ 16 ގެ ޖާގަތައް ކަށަވަރުކޮށްފައެވެ.