ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 09:58
ލީގުގައި ޔުނައިޓެޑާއި ފުލަމް ކުޅުނު މެޗުގެ ތެރެއިން
ލީގުގައި ޔުނައިޓެޑާއި ފުލަމް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ފުލަމް ކައިރިން ވެސް ޔުނައިޓެޑު އެއްވަރު
ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު ވެސް 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑަށް ކުރި ހޯދާފައި ވަނިކޮށް، ފުލަމް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަަހައިގެން ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް، މެންޗެސްޓަރ ޔުނައިޓެޑު އެއްވަރު ވެއްޖެ އެވެ.

ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު ވެސް 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑަށް ކުރި ހޯދާފައި ވަނިކޮށް، ފުލަމް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަަހައިގެން ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑަށް ވަނީ ލަނޑު ޖަހައި ލީޑު ނަގަން ފުރުސަތު ވެސް ލިބިފަ އެވެ. އެގޮތުން ޔުނައިޓެޑުގެ މަތެއުސް ކުންހާ ފޮނުވާލި ހަމަލާއެއް ފުލަމްގެ ގޯލު ދަނޑިއާ އަމާޒުވީއިރު، އޭނާ ފޮނުވާލި ދެ ވަނަ ހަމަލާ ފުލަމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފުލަމްގެ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމީ ވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު އެވެ. ޔުނައިޓެޑަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުގައި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޔުނައިޓެޑަށް ލީޑު ލިބުނީ ފުލަމްގެ ރޮޑްރީގޯ މުނީޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި ބްރަޔާން އެމްބުއޭމޯ ހުރަސްކޮށްދިން ބޯޅަ، ގޯލަށް ފޮނުވާލަން ޔުނައިޓެޑުގެ ކުޅުންތެރިޔަކު މަސައްކަތް ކުރި ވަގުތު މުނީޒް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ފުލަމް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އެ ލަނޑު ފުލަމް އަށް ޖަހައިދިނީ އެމީލް ސްމިތު ރޯވް އެވެ. އެއީ ފުލަމްގެ އަލެކްސް އިވޯބީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ވެސް ޔުނައިޓެޑަށް ވަނީ މެޗުގައި ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ނުކުރެވި، މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ލީގުގައި ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އާސެނަލް އަތުން ބަލިވެފަ އެވެ.

މިދިޔަ ސީޒަންގައި ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާއިރު، ފުލަމް މެޗަށް ފަހު ވާހަަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، އެ މެޗުން މޮޅެއް ހޯދުމަށް ޔުނައިޓެޑު އޮތީ ވަރަށް ބޭނުންވެފައި ކަމަށެވެ. މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައިގެން ކުރި ހޯދި ކަމަށާއި، އެއަށްފަހު ދެން ކުރަން ޖެހުނު ކަންކަން ޔުނައިޓެޑަށް ނުކުރެވުނީ ކަމަށެވެ.

ޓީމެއްގެ ގޮތަށް ބަލާއިރު، ޔުނައިޓެޑުން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް އަމޯރިމް ވަނީ ފާހަގަ ކޮށްފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޔުނައިޓެޑުގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި، މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން އެކަން ފެނުނު ކަމަށް އަމޯރިމް ބުންޏެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ޔުނައިޓެޑުން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވާ ނަތީޖާ ނެރުމަށް އެންމެން ވެސް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް އަމޯރިމް ބުންޏެވެ.

- ކޮމެންޓް