އެމެރިކާ އަލުން ޕެރިސް މުއާހަދާއާ ގުޅުމާއިއެކު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޕެރިސް މުއާހަދާއާ ވަކިވެފައިވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މި މުއާހަދާ އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވަށް ދޫކުރާ ގްރީން ހައުސް ގޭސްގެ މިންވަރު މަދުކުރުމަށް އެކިއެކި ގައުމުތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި މުއާހަދާގައި މިހާތަނަށް 196 ގައުމަކުން ވަނީ ސޮއި ކޮށްފައެވެ.
އެމެރިކާ އަލުން މި މުއާހަދާއާއި ގުޅުމުން އެކަމަށް މަރުހަބާ ވިދާޅުވެ މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް އެކުގައި މަސައްކަތް ކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެގައުމުން މި މުއާހަދާއާއި ވަކިވެފައިވާއިރު އެ ގައުމުން މި މުއާހަދާއިން ވަކިވާން ނިންމާފައިވާ ކަމަށް ނޯޓިސް ފޮނުވާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މި މުއާހަދާއާއި އަލުން ގުޅުމަކީ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ވައުދުފުޅެކެވެ.