އުމުރުން 35 އަހަރުން މަތީގެ މީހުންނާއި 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ހޮނިހިރު ދުވަހު ވެކްސިން ޖަހާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންކަމަށެވެ. މިތަންތަނުގެ ތެރެއިން ވިލިމާލެ ޒުވާނުންގެ މަރުކަޒުން ފިޔަވައި ދެން ހުރި ތަންތަނުން ވެކްސިން ޖަހާނީ ހެނދުނު 08:30ން ހަވީރު 4 އަށެވެ. ވިލިމާލެ ޒުވާނުން މަރުކަޒުގައި ވެކްސިން ޖަހާނީ ހެނދުނު 9ން މެންދުރު 1 ޖަހަންދެންނެވެ.
ވެކްސިން ޖަހަންދާއިރު ސަމާލުކަންދޭން ޖެހޭ ވަކި ކަންތައްތަކެއް އެޗްޕީއޭއިން ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އައިޑީކާޑު ނުވަތަ ކާކުކަން އިނގޭ ރަސްމީ ލިޔުމެއް ގެންދިޔުމާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން ވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
"ދިފާޢު" ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގައި ކޮންމެ ދުވަހަކުހެން ވެކްސިން ޖަހަމުން އައިސް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ މީގެ ފަހުން ހުކުރު ދަވަސްތަކުގައި ވެކްސިން ނުޖަހާނެކަމަށާއި ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރުން ފެށިގެން ބުރާސްފަތު ދުވަހާ ހަމައަށްކަމަށެވެ.
ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 64،048ށް އަރާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 49،836މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 14،212 މީހުންނެވެ.
މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.