ކ. މާލެ
|
20 ފެބްރުއަރީ 2021 | ހޮނިހިރު 09:30
ކެފޭ ތެރެއިން ނޫސްވެރިޔާ ގެންދަނީ
ކެފޭ ތެރެއިން ނޫސްވެރިޔާ ގެންދަނީ
ސޯޝަލް މީޑިއާ
ނޫސްވެރިއަކު ހައްޔަރުކުރި މައްސަލަ
ހައްޔަރުކުރިއިރު އެއީ ނޫސްވެރިއެއްކަމެއް ނޭނގޭ، އެނގުމުން ދޫކޮށްލިން: ފުލުހުން
ކެފޭން ނެރެން އުޅުމުން ނޫސްވެރިޔާ ހިމެނޭގޮތުން ހަމަނުޖެހުން ހިންގާފައިވާކަމަށް ފުލުހުން ބުނޭ
ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައިވާކަމަށް ފުލުހުން ބުނޭ
އެއީ ނޫސްވެރިއެއްކަމެއް އޭނާ ފުލުހުންނަށް އަންގާފައިނުވާ ކަމަށް ފުލުހުން ބުނޭ

ކެފޭގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށްފައިވަނީ އެއީ ނޫސްވެރިއެއްކަން ނޭންގިގެންކަމަށާއި ނޫސްވެރިއެއްކަމަށް ބުނުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިޔެއް ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަގޮތުގައި ނޫސްވެރިޔާގެ ފާސް ފެންނަން އޮވެއެވެ. ކެފޭ ތެރެއިން ފުލުހުން ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވަނީ ޗެނަލް 13ގެ ނޫސްވެރިއެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން މުޒާހަރާކުރަމުންދިޔައިރު މުޒާހަރާގެ ބައިވެރިން އެސަރަހައްދުދޫކޮށް ދާން އެންގުމުން ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ މުޒާހަރާގެ ބައިވެރިން ކެފޭ ތެރެއަށް ވަދެގަނެފައިވާ ކަމަށެވެ. އެގޮތަށް ކެފޭ ތެރެއަށް ވަދެގަތް މީހުން ފުލުހުން ވާނީ އެތަނުން ނެރެފައިކަމަށް ފުލުހުން ބުނެއެވެ.

އަދި އެތަނުން ނެރެން އުޅުމުން ނޫސްވެރިޔާ ހިމެނޭގޮތުން ހަމަނުޖެހުން ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ނޫސްވެރިޔާ އެތަނުން ނެރެމުން ނޫސްވެރިއެއްކަމަށް ބުނުމުން ވާނީ ދޫކޮށްލާފައި ކަމަށެވެ. އޭގެކުރިން އެއީ ނޫސްވެރިއެއްކަމަށް އޭނާ ފުލުހުންނަށް އަންގާފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހިނގާދިޔަ ކަންތައްތަކުގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެންވާނެ ފަދަ އަމަލުތަކެއްކަމަށް ފުލުހުން ނުދެކޭކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، މުޒާހަރާއާއި އަދި އެހެނިހެން ކަންކަން ކަވަރ ކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަށް ފުރުސަތު ފަހިކޮށް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާގެ ފަރާތްތަކުން ނޫސްވެރިންގެ މިންގަނޑުން ބޭރުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ހަމަނުޖެހުން އުފެދޭ ގޮތަށާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތުން މަސައްކަތް ކުރާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް
21 ފެބްރުއަރީ 2021 | އާދީއްތަ 15:11
ހާމަ333
ތީ ގަސްތުގަކުރިކަމެއް. ގައިމު އެހާ ބުރާންތި ވެފަ ނުތިބޭނެދޯ..ނޫނީ ވެރިމީހާ ހިތަށް ހިނދުކޮޅުގަދޯ
20 ފެބްރުއަރީ 2021 | ހޮނިހިރު 10:20
ކެރަ ފާސް19
ދެލޯސަލާމަތުން ހުރި ފުލުހުން ތިތަނައްލާންވީ