އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާ ކުރިއަށް ގެންގޮސްފިއެވެ.
"ކޮބާ މަގޭ ފްލެޓް" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި 100ށްވުރެން ގިނަ މީހުން ބައިވެރިވެފައިވާއިރު މުޒާހަރާ ފަށާފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. މުޒާހަރާގެ ބައިވެރިން ހިނގަމުން ގޮސް ބޮޑިބަތް ޕާކާ އަރާ ހަމަވިތަނުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އިތުރަށް ކުރިއަށް ނުގެންދެވޭނެހެން ހުއްޓުވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/In98t4dWb3OSz1JGRui3.jpg)
ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ތިން ފަހަރެއްގެ މަތިން ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ކުރިއަށް ގޮސްފައެވެ. ފުލުހުން މުޒާހަރާ ރޫޅާލުމަށްޓަކައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާއިރު ލައުޑް ސްޕީކަރުން ފުލުހުން ވަނީ މުޒާހާރާ ރޫޅާލާނެކަމުގެ އިންޒާރު ދިނުމަށްފަހު މުޒާހަރާ ރޫޅާލާފައެވެ.
މުޒާހަރާގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ކޮވިޑާ ގުޅިގެން އެއްވުންތަކާއި ޙަފްލާތައްވެސް ބޭއްވުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/aJNG1JzWbCPe3mKkQF8S.jpg)
އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާއިރު، ފުލުހުންވަނީ މާސްކްނާޅައި އުޅޭނަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފައެވެ.