ފުވައްމުލައް ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ފުވައްމުލައް ސިޓީ މޮނިޓަރިންގ ހާލަތަށް ގެނައުމާއި ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާ ކަމަށާއި، ވަރަށް ގާތުން ހާލު ބަލަމުންދާ ކަމަށެވެ. އެ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުވައްމުލައް ސިޓީގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ހާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 40 ކެއަރ ޕެކޭޖަސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މި މަސައްކަތުގައި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޮނިޓަރިންގ ހާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން މި މަހުގެ 11ން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.