ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މި ސަރުކާރުން މަތީ ތައުލީމާއި ވޮކޭޝަނަލް ޓްރެއިނިންތައް ލިބިފައިވާ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އެސްޑީޖީ ފޯކަސް: ހަޔަރ އެޑިއުކޭޝަން އިން ސައުތު އޭޝިއާ ވެބިނާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިހާރު ވެސް ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގްރޭޑް 12އާ ހަމައަށް ހިލޭ ތައުލީމް ފޯރުކޮށްދިނުމާއި، ގްރޭޑް 10 ނިންމައި އޯލެވެލް ހެދުމަކީ މަޖުބޫރުކަމެއް ކަމަށް ހަދާފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ދެވޭ ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމަކީ ހިލޭ ދެވޭ އަދި ފެންވަރު ރަނގަޅު ތައުލީމެއްކަން ކަށަވަރުކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމަށް ހާއްސަކޮށްފައިވާ ޓާގެޓްތައް ހާސިލްކުރުމަކީ ރާއްޖޭގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހެޔޮ އަގުގައި ފެންވަރު ރަނގަޅު ޓެކްނިކަލް، ވޮކޭޝަނަލް އަދި ޓާޝަރީ އެޑިއުުކޭޝަންގެ ފުރުސަތު އަންހެން އަދި ފިރިހެނުންނަށްވެސް ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރަށް މިހާރު ވެސް ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވައި އެކަން ކުރިއަށް ދިއުމަކީވެސް ސަރުކާރުން ކާމިޔާބުކޮށްފައިވާ ވަރަށް ބޮޑު ޓާގެޓެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިފަދަ މަތީ ތައުލީމްގެ ޓާގެޓްތަކަށް އެހާބޮޑު އިސްކަމެއް ދެނީ ގައުމުގެ ކުރިމަގަށް އެކަން މުހިންމު ވަރު ސަރުކާރަށް އެނގޭތީ ކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސޯދާއި، ސިއްހަތާއި، ޖިންސީ ހަމަހަމަކަން، ގަވަނަންސްގެ އިތުރަށް ސާދާ ދިރިއުޅުމަކާއި، ރަނގަޅު މުޖުތަމައުއެއް ބިނާވެފައި ވަނީ ރަނގަޅު މަތީ ތައުލީމެއްގެ މައްޗަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމުގައިވާ ކޮވިޑް-19ގެ ހާލަތަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު ރާއްޖެއަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ތައުލީމީ ދާއިރާއަށް ބޮޑެތި އަސަރުތައް ކުރުވިޔަ ނުދިނުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން މަތީ ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން ރައީސުލްޖުމްހޫރިއްޔާ ވެސް ފާހަގަކުރައްވާފައިވާއިރު މިހާތަނަށް ހިލޭ ޑިގްރީގެ ދަށުން 9،000ށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރަށް މި އަހަރު މަތީ ތައުލީމްގެ ލޯނަށް ހުޅުވާލާފައި ވަނީ ވެސް ހާއްސަ އިތުރު ކެޓެގަރީތައްވެސް ހިމަނާފައެވެ.