އާންމުންނަށް ދޫކުރަން އެކަށީގެންވާ ވަރަށް ފެލްޓު ގަންނަން ލިބެން ނެތް ކަމަށް ބުނެ ހިޔާ މަޝްރޫގެ ތިން ކެޓެގަރީއަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގައި ދޫކުރަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާ ޓަވަރުތަކުން ގަނެފައި އާންމުންނަށް ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ފްލެޓުތަކެއް ކަމަށެވެ. އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީއަށް އެކަށީގެންވާ ފްލެޓު އެގޮތަށް ގަންނަން ލިބެން ނެތުމުން ތިން ކެޓެގަރީއެއްގެ ފޯމުތައް ބާތިލްކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެއީ: 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H11)
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H13)
އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H15)
މި ތިން ކެޓެގަރީއެވެ.
މިނިސްޓްރީން ބުނީ ސަރުކާރު ކުންފުނިތަކުން އަޅާ ފްލެޓުތަކުގެ ތެރެއިން ގަންނަން ލިބެން ހުރީ އެންމެ 36 ފްލެޓު ކަމަށެވެ. އެއީ އެމްޑަބްލިއުއެސްސީން އަޅާފައިވާ ޓަވަރުން ސަރުކާރަށް ދޭން އެލޮކޭޓްކޮށްފައިވާ 36 ފްލެޓު ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ފްލެޓުތައް ހިޔާ" މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއު ފްލެޓުތަކުގެ ލިސްޓެއް ނެރެ ފްލެޓު ލިބޭކަމުގެ ލިޔުންވެސް އެމަނިކުފާނުގެ ސަރުކާރުގައި ދޫކޮށްފައިވެއެވެ. ނަމަވެސް މި ސަރުކާރުން އެ ލިޔުންތައް ބާތިލްކޮށް، ފްލެޓު ކޮމިޓީއެއް އެކުލަވާލައި ފްލެޓު ލިބޭ މީހުންގެ އައު ލިސްޓެއް ތައްޔާރުކޮށް ދާއިމީ ލިސްޓެއް އާންމު ކުރީ މި މަހު 9ވަނަ ދުވަހުއެވެ. އެ ލިސްޓުގައި ވެސް ބާތިލްކުރި ތިން ކެޓެގަރީއާއި، މިހާރު ލިބެން ހުރި އެއް ކޮޓަރީގެ ފްލެޓު ލިބޭ ކެޓެގަރީތަކުގެ ލިސްޓު ހިމަނާފައެއް ނުވެއެވެ.
ހިޔާ މަޝްރޫއު ފްލެޓުތަކުގެ ލިސްޓު އާންމުކުރުމުންވެސް އެ ލިސްޓާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު ސަރުކާރުން ބުނީ އެ ކަންބޮޑުވުންތަކަށް ވެސް ބަލައި ޝަކުވާ ހުރި ނަމަ ހައްލުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ފްލެޓު ލިބިފައިވާ މީހުންނަށް މި އަހަރު މެދު ތެރޭގައި ފްލެޓަށް ވަދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.