ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 15:10
ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު: ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި
ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު: ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި
ޕޮލިސް
9 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
ޑްރަގް ނެޓްވޯކެއްގެ އިސްމީހެއްކަމަށްބުނާ އަރުޝަދު، ކޯޓުން ދޫކޮށްލައިފި
މިއީ 2020 ޖެނުއަރީ 31 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް
9 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 4.6 މިލިއަން ރުފިޔާވެސް ހޯދާފައިވޭ

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ އަރުޝަދު ޚާލިދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މި މައްސަލައަކީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓޭލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތުކޮށްފައިއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ.

މި މައްސަލައާ ގުޅިގެން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންދިޔައެވެ. މިއަޑުއެހުމުގައި، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު ވެސް މުރާޖަޢާ ކޮށްފައިވެއެެވެ. ޖިނާއީ އިޖުރާޢަތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ 30 ދުވަހަކުން އަމުރު މުރާޖަޢާކުރަންޖެހެއެވެ. އެގޮތުން، ބުދަ ދުވަހުގެ އަޑުއެހުމުގައި އަރުޝަދުގެ ބަންދުގެ އަމުރު މުރާޖަޢާ ކުރުމަށްފަހު، އޭނާ ދޫކޮށްލީ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދުއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދިއެވެ.

- ކޮމެންޓް