ނިމިދިޔަ 2020 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 232 މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވާއިރު، ނިންމިފައިވަނީ އެންމެ ދެ މައްސަލަކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމުގެ އަމިއްލަފުޅު ބޮލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، 2020 ވަނަ އަހަރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ ހުށަހަޅާފައިވެއެވެ. އެ ދައުވާތަކުގައި ޖުމްލަ 169 މީހެއްގެ މައްޗަށް ދައުވާކުރެވިފައިވެއެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން، އެވްރެޖްކޮށް މަހަކު 19 މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ. އެއީ އޭގެކުރީ އަހަރު ކަމަށްވާ 2019 ވަނަ އަހަރާ އަޅާބަލާއިރު، އެވްރެޖްކޮށް ކޮންމެ މަހަކު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށްވުރެ 6 މައްސަލަ އިތުރުވުމެކެވެ.
ޕީޖީ ޝަމީމު ވިދާޅުވެފައިވާ ގޮތުގައި، 2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދަޢުވާއެވެ. ދަޢުވާ ލިބުނީ 102 މީހުންނަށެވެ. މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔައެވެ.
ޝަމީމު ވިދާޅުވީ، 2019 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 15 މައްސަލައިގައި (10.5 ޕަސެންޓް) ކޯޓުން ހުކުމެއް ކުރައްވާފައިވެއެވެ. އަދި 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަދިވެސް ނުނިމި ކޯޓުތަކުގައި 85 މައްސަލަ (60 ޕަސެންޓް) އެބަހިނގައެވެ.
ޕީޖީ ޝަމީމު ވިދާޅުވާގޮތުގައި، 2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދަޢުވާ ކުރެވުނު މީހުންގެ ޢަދަދު 65 ޕަސެންޓު އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުމެވެ. މިފަދަ މައްސަލަތައް ރިޕޯޓު ކުރަން މީހުން ޖެހިލުން ނުވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެކަމުގެ ޔަޤީންކަމެއް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ތަޙްޤީޤުތައް ވެސް ރަނގަޅު ކުރެވިފައިވާ ކަމަށާއި ދަޢުވާ ކުރެވޭ ވަރަށް ހެކިވެސް ހޯދެމުންދާ ކަމަށް ވެސް ޕީޖީ ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 8 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖިނާއީ އަދުލްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަށް އިންސާފު ހޯދާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެެވެ. ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާއި ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގު މަރުހަލާއިން ފެށިގެން މުޅި މައްސަލަ ނިމެންދެން އެފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ޕީޖީ ޝަމީމު ދެއްވަމުން ގެންދަވައެވެ.