އުމުރުން 65 އަހަރުން މަތީގެ މީހުން އަވަހަށް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުން އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ އުމުރުފުރައިގެ މީހުން، ވެކްސިން ޖެހުމަށް ޤާއިމުކޮށްފައިވާ ސެންޓަރުތަކަށް ދިޔުމަށް ދަތިވާނަމަ ސެނެހިޔާ ހޮސްޕިޓަލުން ވެސް ވެކްސިން ޖެހޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި 1676 އަށް ގުޅައި މައުލޫމާތު ދިނުމުން ސެނެހިޔާއިން ވެކްސިން ޖަހާނެ ގަޑި ހަމަޖައްސައިދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވެކްސިން ޖެހުމުގެ ކަންތައްތައް ސޯޝަލް ސެންޓަރުން 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް އަދި ވިލިމާލެ ޔޫތު ސެންޓަރުން 9:00ން 13:00ށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
ވެކްސިން ޖަހަންދާއިރު ސަމާލުކަންދޭން ޖެހޭ ވަކި ކަންތައްތަކެއް ބަޔާންކޮށް އެޗްޕީއޭ އިން ބުނީ އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަންވާނެ ކަަމަށާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކު ކަމުގައި ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށް ވެސް ވަނީ އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން ވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ވެކްސިން ޖެހުމަށް ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް 56،218 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 43،838 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ ޖުމްލަ 12،380 މީހުންނެވެ.