ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖޭން ބޭރަށް ދާން ސަރުކާރުން އެދެނީ އެކަމުގެ ސަބަބުން އެކުދިންނަށް ރާއްޖެއިން ބޭރުގައި ލުއި ފަސޭހަތަކެއް ލިބުމުގެ ފުރުސަތު އޮތުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑް ވެކްސިނަށް މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ ވެސް ލިބިފައިވުމާއެކު މި ވެކްސިން ޖަހައިގެން ތިބޭ މީހުން އެކި ގައުމުތަކަށް ދަތުރުކުރުމުގައި އެގައުމުތަކުން ލުއިތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އާދައިގެ ދަތުރުވެރިން މި ހާލަތުގައި ގިރާކުރަން ޖެހޭ ތުރާތަކާ ކުރިމަތިނުލައި އެތެރެވުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ޖަހައިގެން ދަތުރުކުރާ ދިވެހި ކިޔަވާކުދިންނަށް މެލޭޝިޔާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން ލުއި ލިބޭނޭ ގޮތެއް އޮތިއްޔާ އެ ލުޔެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުގައި ވެކްސިން ޖަހައިގެން ތިބޭ މީހުންނަށް މިހާރު ދެމުންދާ ލުޔަށް ރިއާޔަތްކުރާއިރު ދިވެހި ކިޔަވާ ކުދީންނަށް މި ލުއި ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ކޮވިޑަށް ދޭ ވެކްސިން ޖަހަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖަހަން ވަގުތު އޮތް ނަމަ ރަޖިސްޓްރީވުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވަނީ މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިނެވެ. އެ ވެކްސިނަށް ޑަބްލިޔުއެޗްއޯގެ ހުއްދަ މިހަފުތާގައި ލިބިފައިވާއިރު، ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ޑަބްލިޔުއެޗްއޯ އން އަންނަނީ ގޮވައިލަމުންނެވެ. އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިނަކީ ކޮވިޑާ ދެކޮޅު އެންމެ ކާމިޔާބު އެއް ވެކްސިންގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ބަލައިގަންނަ ވެކްސިނެކެވެ.