ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 21:56
ބައިނަލް އަގްވާމީ ޔޯގާ ދުވަސް 2024 ފާހަގަކުރުމަށް އިންޑިއަން ހައިކޮމިޝަން ގައި ބޭއްވި ހަރަކާތުގެ ތެރެއިން
ބައިނަލް އަގްވާމީ ޔޯގާ ދުވަސް 2024 ފާހަގަކުރުމަށް އިންޑިއަން ހައިކޮމިޝަން ގައި ބޭއްވި ހަރަކާތުގެ ތެރެއިން
އިންޑިއާ އެމްބަސީ
ޔޯގާ ދުވަސް ފާހަގަ ކުރުން
ބައިނަލް އަގްވާމީ ޔޯގާ ދުވަސް އަމާން ކަމާ އެކު ރާއްޖޭގައި ފާހަގަ ކޮށްފި
ދުވަސް ފާހަގަ ކުރުމުގެ އިވެންޓް އޮތީ އިންޑިއާގެ ހައިކޮމިޝަންގައި
2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަ ކުރަނިކޮށް ﷲ އަކްބަރު ގޮވަމުން ބަޔަކު ވަދެ އެ އިވެންޓަށް ވަނީ ހުރަސް އަޅާފައި

ދިހަ ވަނަ ބައިނަލް އަގްވާމީ ޔޯގާ ދުވަސް ބުރާސްފަތި ދުވަހު މާލޭގައި އަމާން ކަމާ އެކު ފާހަގަ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޔޯގާ ދުވަސް ފާހަގަ ކުރުން އޮތީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ކަމަށެވެ.

މި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޔޯގާ ހަރަކާތުގައި އިންޑިއާ ރައްޔިތުންގެ އިތުރުން ދިވެހިން ބައިވެރިވި ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަހަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔޯގާ ފޯ ސެލްފް އެންޑް ސޮސައިޓީ" އެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން އިންޑިއާ ހައިކޮމިޝަންގައި ބޭއްވި އިވެންޓުގައި ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖޭގެ ރައީސް މުއިއްޒު އަށް ފޮނުއްވި މެސެޖެއް އިއްވަވާފައެވެ.

އެ މެސެޖްގައި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަށް މީހުން އެނބުރި ދިއުމަށް ދުނިޔޭގައި ބޮޑުވަމުންދާ ޝައުގުވެރި ކަމާ އެއްގޮތައް އެކަން ގެންދިއުމަށް އިންޑިއާގެ ބައިވެރިވުމާ ހިއްސާ އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް 2022 ވަނަ އަހަރު ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން - ރާއްޖެއެމްވީ

މިއަހަރުގެ ބައިނަލް އަގްވާމީ ޔޯގާ ދުވަސް ސުލްހަވެރި ކަމާއެކު ބުރާސްފަތި ދުވަހު ރާއްޖޭގައި ބޭއްވި އިރު، 2022 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން މީހުން ހައްޔަރު ކުރާ ހިސާބަށް ކަންކަން ދިޔަކަން ފާހަގަ ކުރެވެއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް 2022 ވަނަ އަހަރު ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން - ރާއްޖެއެމްވީ

ޔޯގާ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް މީހުން ވަދެފައި ތިއްބާ، ގަލޮޅު ދަނޑަށް ބޭރުން އައިސް ބަޔަކު އެ ދުވަހު އެއްވީ އެއީ ހިންދީ ދީނުގެ އަޅުކަމެއްގެ ކަމަށް ބުނެ އެކަމަށް ހުރަސް އެޅުމަށެވެ. އެ ދުވަހުގެ އިވެންޓް ފަށާ އިރުކޮޅެއްގެ ތެރޭގައި "ﷲ އަކްބަރު" ގޮވާ ދުވަމުން އައިސް ދަނޑަށް ބަޔަކު ވަދެގަނެ، އެ ދުވަހުގެ އިވެންޓުގައި ބައިވެރިވުމަށް އައިސް ތިބި މީހުން ދަނޑުން ނުކުތުމަށް ގޮވާ ހަޅޭއް ލަވާފައިވެއެވެ. ފުލުހުން އެ ތަނުގައި ހިނގި ހަމަ ނުޖެހުން މައިތިރި ކުރީ ޕެޕަރ ސްޕްރޭ ޖަހައިގެންނެވެ. އަދި ހަމަ ނުޖެހުން ހިންގުމުގެ ސަބަބުން ފުލުހުން 6 މީހުން ހައްޔަރު ކުރިއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް 2022 ވަނަ އަހަރު ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން - ރާއްޖެއެމްވީ

ފަހުން ހާމަވި ފޮޓޯތަކުން އެ ދުވަހުގެ ހަރަކާތައް ހުރަސް އަޅަން ވަތް މީހުން ހިފައިގެން ތިބި ހުދު ދިދަތައް ނެރުނީ މިހާރު ރާއްޖޭގެ ވެރިކަމުގައި ތިބި އިސް މީހުން ނިސްބަތްވާ ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމްގެ) ގެ އޮފީހުން ކަން ވަނީ ހާމަވެފައެވެ.

ކޮމެންޓް