ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 12:11
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރައީސް އޮފީސް
ކުޑަކުދިން ކުށްކުރުން
އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށް ލުމަކީ ހަމައެކަނި މި މައްސަލައިގެ ހައްލެއް ނޫން
ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގުކުރަންޖެހޭކަމަށް ބައެއް މީހުން ދެކޭ
ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދިފައިނުވާ މައްސަލައެއް

އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމަކީ ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އޭނާގެބްލޮގްގައިޝާއިއު ކުރެއްވި ލިއުމެއްގައި ވިދާޅުވީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ޙައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށާއި، ޤާނޫނުތައް ހުރިކަމުގައިވީނަމަވެސް، ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދި ނުދެވޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއްވެސް ހެދިފައި ނެތް ކަމަށެވެ.

Advertisement

އޭގެ އިތުރުން، ކުޑަކުދިން ކުށްތަކަށް އަރައިގަތުމުގެ މައްސަލައިގެ ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގުކުރުމަށްފަހު އެކުދިންނަށް ދައުވާ ކުރުންކަމަށް ބައެެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ،  ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ނޫން ކަމަށެވެ. އެގޮތުން ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނޯންނާނެކަން ޝަމީމް އޭގެ މިސާލެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ނޫނެވެ. ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އޭގެ އިތުރުން، މީހުން ޖަލުގައި ބަންދުކުރަނީ ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމަށް ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ޚިދުމަތެއް އަދި ދިވެހިރާއްޖޭގައި ނެތްކަންވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ކަން އެހެން އޮތުމުން އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށް ލުމަކީ ހަމައެކަނި މި މައްސަލައިގެ ހައްލެއް ނޫންކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ އެއީ ކުދިން އަލިފާނުން ރައްކާތެރި ކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް އިތުރަށް ވިދާޅުވީ، ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ޤާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތް ކަމަށާއި، ކުރެވިދާނެ އިތުރު ކަންކަންވެސް އެބަހުރި ކަމަށެވެ. އެގޮތުން ކުދިން އިޞްލާޙުކުރުމަށްޓަކައި، މާޙައުލު ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ކުށަށް ހިތްވަރުލިބޭ މާޙައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ.

ނަމަވެސް، މާޙައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫނެވެ. ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަޞީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެއެވެ. 

ހަމައެއާއެކު، މައިންބަފައިން އެމީހުންގެ އަމިއްލަ ދަރިން ތަރުބިއްޔަތުކުރުމަށް ކެތްތެރިކަން ބޭނުންވާ ފަދައިން، މިފަދަ ޙާލަތުގައި ތިބޭ ކުދިން އިޞްލާޙު ކުރުމަށްވެސް ކެތްތެރިކަން ބޭނުންވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވާ ގޮތުގައި މާޙައުލު ބަދަލު ކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓަކަށްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް