ރާއްޖެއިން އިތުރު 5000ށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ފާއިތުވި 24 ގަޑިއިރުވެސް 5204 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 3967 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 1237 މީހެކެވެ.
މި އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 43،817ށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 35،289 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 8429 މީހެއްގެ އިތުރުން، ރިސޯޓުތަކުން ވެކްސިން ޖަހާފައިވާ 99 މީހެކެވެ.
ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިންގެ "އިންޑިއާ ވާރޝަން" އެވެ. އެގޮތުން އެ ފޯރމިއުލާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރަމުންދާއިރު، މި ވެކްސިން އިމަރޖެންސީ ޙާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް މިހާރު މިވަނީ ދީފައެވެ.
އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.