ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހޮނިހިރު ދުވަހުގެރޭވެސް މުޒާހަރާ ކުރަން ނުކުމެއްޖެއެވެ.
އިދިކޮޅުން ޕީޕީއެމް މައި ޖަގަހައިގެ ކުރިމަތީގައި ހޮނިހިރު ދުވަހުގެރޭ މުޒާހަރާ ކޮށްފައިވާއިރު، އެ ސަރަޙައްދުގައި ބެރިކޭޑު ޖަހައިގެން ފުލުހުންވެސް ޙަރަކާތްތެރިވެފައިވެއެވެ.
މި އެއްވުން ފުލުހުން ރޫޅާލާފައިވަނީ ޤާނޫނީ ގޮތުން ދޭންޖެހޭ އިންޒާރު ދިނުމަށްފަހުއެވެ. އެހެން ނަމަވެސް، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ފުލުހުންނާ ދެކޮޅަށް އެކި ފަހަރުމަތިން އެއްވުން ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެކި ސަރަޙައްދުތަކަށް މުޒާހަރާގެ ބައިވެރިން ބެހިގަތުމަށްފަހު، އެއްވުން ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވެއެވެ.
އޭގެ އިތުރުން، މިއީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް ކުރިއަށް ގެންދިޔަ އެއްވުމަކަށް ވުމާއެކު، ފުލުހުން ވަނީ ޤާނޫނީ ގޮތުން ދޭންޖެހޭ އިންޒާރު ދިނުމަށްފަހު، މުޒާހަރާގެ ސަފުތައް ރޫޅާލާފައެވެ.
އެކަމާ ގުޅިގެން އިދިކޮޅުން ބުނީ، ޖެހިގެން އަންނަ ރޭވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.
އެޗްޕީއޭއިން ހުކުރު ދުވަހު ނެރިފައިވާ ގައިޑްލައިންގައި ވާ ގޮތުން މާލޭ ސަރަޙައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި އެކަން ތަންފީޒު ކުރާނީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުންކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.
އިދިކޮޅުން ހުކުރު ދުވަހުގެ ހަވީރުވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމެއް ނެތި ކުރިއަށް ގެންދިޔަ މި އެއްވުން ރުޅާލުމަށް ފުލުހުން މާ ބޮޑު މަސައްކަތެއް ނުކުރާތީ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުވެސް ކިޔާފައެވެ. އަދި ރާއްޖޭގައި ކޮވިޑުގެ ޙާލަތު މިހައި ގޯސްވަމުންދާއިރު، އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވިގެން ނުވާނެކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.