އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް އަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ކަމަށް ސެނެޓުން ފާސްކޮށްފިއެވެ.
އަންގާރަ ދުވަހު ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ސެނެޓްގައި ފަށާފައިވާއިރު ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރސް ވަނީ އިމްޕީޗްމަންޓް އަރޓިކަލްސް ހުށަހަޅާފައެވެ. ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް މަސައްކަތްކުރަމުންދަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ބަޔަކު ގަދަކަމުންވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ޓްރަމްޕްގެ އިމްޕީޗްމަންޓަކީ ޤާނޫނާ ޚިލާފު ޓްރެއަލްއެއް ކަމަށް ޓްރަމްޕްގެ ޤާނޫނީ ޓީމާ ރިޕަބްލިކަންގެ ސެނެޓަރުން ބުނަމުންދާއިރު ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރުންނާއި ޓްރަމްޕްގެ ލޯޔަރުންގެ ޕްރެޒެންޓޭޝަންތަކަށްފަހު ޓްރެއަލް އަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއްތޯ ފާސްކުރުމަށް ވަނީ ވޯޓަށް އަހާފައެވެ.
ވޯޓުގެ ނަތީޖާއަށް ބަލާއިރު 56 ސެނެޓަރުން ވަނީ ޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއްކަމަށް ވޯޓުދީފައެވެ. އޭގެތެރޭގައި ރިޕަބްލިކަން ސެނެޓަރުންގެ 6 ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ޓްރެއަލް އަކީ ޤާނޫނާ ޚިލާފު ޓްރެއަލް އެއްކަމަށް ވޯޓުދެއްވީ 44 ސެނެޓަރުންނެވެ. ޓްރަމްޕް އިމްޕީޗްކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ.
އަނެއްކޮޅުން ޓްރަމްޕްގެ އިމްޕީޗްމަންޓާ ގުޅިގެން ހައުސްގެ މެނޭޖަރުން ދިން ޕްރެޒެންޓޭޝަނަށް ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ ތައުރީފް ވެސް ވަނީ ލިބިފައެވެ. އަދި ޓްރަމްޕްގެ ލޯޔަރުންގެ ޓީމުން ހުށަހެޅި ޕްރެޒެންޓޭޝަން ރަނގަޅުނުވުމުގެ ސަބަބުން ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ އިތުރުން ހުދު ޓްރަމްޕް ވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެނެޓުން ނިންމާފައިވަނީ ޓްރެއަލް ކޮންމެ ދުވަހަކުވެސް ކުރިޔަށް ގެންދިޔުމަށެވެ. އަދި އަންނަ ހަފްތާގެ އާދިއްތަ ނުވަތަ ހޯމަ ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.