އަންނަމަހު 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ގަލޮޅުގައި ކުރިއަށްގެންދާ ކެމްޕޭން ވަރުގަދަކޮށް ދެ ވަނަ ޖަގަހައެއް ހުޅުވައިފި އެވެ.
ޖަގަހަ ހުޅުވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ގެ ހުންނަ ސަރަހައްދުގައެވެ. އަދި ޖަގަހަ ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީވެސް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާއި، ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ އާންމު މެމްބަރުންނެވެ.
މިޖަގަހަ ހުޅުވުމަށް ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނަކަންޏާ ކަމަށާއި ރައީސް ޔާމީން ކަންކުރައްވާ ގޮތުން އެމނިކުފާނު ވެރިކަމަށް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭބޭފުޅު ރައީސް މައުމޫންވެސް ވަނީ ތާއީދު އަނބުރާ ގެންދަވާފައި ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމްގެ ކެނޑިޑޭޓުންނަކަށް ތާއީދެއް ނުކުރައްވާ ކަމަށާއި ރައީސް މައުމޫންވެސް ތާއީދު ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ކަމަށެވެ.
އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މާލެ ތަރައްޤީ ވެފައިވަނިކޮށް ތަރައްޤީ ކުރުމުގެ ނަމުގައި ބޭކާރު ޚަރަދުތައް ސަރުކާރުން ކުރަމުންދާ ކަމަށާއި، ތަރައްޤީ ކުރަނީ ކަމަށް ބުނެ މަގުތައް ކޮނެގެން ގެންނަ އިތުރު ބަދަލެއް ނޯންނަ ކަމަށެވެ.
މިހަފްލާގައި އެއިންތިޚާބަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނާއި އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން އަދި ގަލޮޅުގެ ގިނަ އަދަދެއްގެ ޢާއްމުން ވަނީ ބައިވެރިވެފައެވެ.