ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާއާއި ގުޅިގެން ހިންގުނު ތަހުޤީޤުތަކަށްފަހު، އެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނިންމަވައިފިއެވެ.
ޕީޖީ އެހެން ނިންމަވާފައިވާކަން ހާމަ ކޮށްފައިވަނީ ޖިނާއީ ކުށްތަކާއި ގުޅިގެން ހިންގާ ތަހުޤީޤުތައް ކުރިއަށްދަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް މަޖިލީހަށް ހުށައަޅާފައިވާ ރިޕޯޓުގައެވެ.
މި މައްސަލައަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ޅ ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނި، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރިފައިވާތީ އެކަމުގައި އިހުމާލެއް ވޭތޯ އޭރުވެސް ގިނަ ބަޔަކު ސުވާލު އުފެއްދި މައްސަލައެކެވެ.
މި މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާޢީ އެއްވެސް ކުށެއް ހިމެނޭކަން ނުވަތަ ނޫންކަން ބެލުމަށް ޕީޖީ ވަނީ އޭރު ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވާފައެވެ. ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި އަމުރު ނެރުއްވީ ނިމިދިޔަ އަހަރުގެ މާރޗު މަހުގެ 10 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ނިންމާފައިވާ ނިންމުމުގެ ތަފްސީލު ރިޕޯޓުގައި ހިއްސާ ކުރަމުން ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، ނިމިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ދައުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ، އެ މައްސަލައިގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޤަވާއިދުން ފޮނުވަންޖެހޭ ބައެއް މައުލޫމާތު އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވާފައިވާކަން ނުވަތަ ނޫންކަމާއި، އެއާ ގުޅުންހުރި ކަންކަން ސާފުވެފައި ނުވާތީކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ތަހުޤީޤު ކުރުމަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ފުލުހުން ވަނީ މައްސަލަ ޙަވާލު ކޮށްފައިވާ ޕްރޮސެކިއުޓަރަށް ޤަވާއިދުން މައްސަލައިގެ އަޕްޑޭޓްދީ، ޕީޖީ އޮފީހުގެ ލަފާވެސް ހޯދާފައެވެ.
ކުރެއްދޫ ރިސޯޓުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މާރޗް 7 ވަނަ ދުވަހުއެވެ. އަދި އެފަހުން އެ ރިސޯޓުގެ މުވައްޒަފުން ރަށުން އަރާ ފޭބުންވެސް މަނާކުރިއެވެ. އަދި ކުރެއްދޫގެ ލޮކްޑައުން އުވާލާފައި ވަނީވެސް ފުރަތަމަ ކޭސް ފެނުނުތާ 60 ދުވަސް ފަހުންނެވެ.