ކ. މާލެ
|
17 ޖޫން 2024 | ހޯމަ 12:56
ޕާކިސްތާނުގެ ސިޔާސީ ޝަޚްސު އަދި ކުރީގެ ކުރިކެޓް ކެޕްޓަން އިމްރާން ޚާން އާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާން
ޕާކިސްތާނުގެ ސިޔާސީ ޝަޚްސު އަދި ކުރީގެ ކުރިކެޓް ކެޕްޓަން އިމްރާން ޚާން އާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާން
ޑެއިލީ ޕާކިސްތާން
އެޖެންޑާ އާޖް ތަކް
އާމިރަކީ 'ސިޔާސީ' މީހެއް ކަމަށް އިމްރާން ވިދާޅުވީ ކީއްވެ؟
އާމިރު ޚާންގެ ސިޔާސީ ފިކުރުތަކާ ގުޅިގެން ދާދިފަހުންވެސް އިންޑިއާގެ މީޑިއާ ހޫނުވި މަންޒަރު ވަނީ ފެނިފަ
ސިޔާސީ ޕާޓީއެއް ޕްރޮމޯޓް ކުރުމުގައި އާމިރު ޚާން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ހޫނު ބަހުސެއް ކުރަން ފެށުނު
އާމިރު ބުނާ ގޮތުގައި އެއީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އުފަންވި "ޑީޕް ފޭކް" ނުވަތަ އަސްލާ އެއްގޮތް ކަމަށް ދައްކާ ދޮގު މަންޒަރު ފެންނަ ވީޑިއޯއެއް

އަވަށްޓެރި ހިންދުކަރައަށް ފަރިތަ މީހުންނަށް 'އާޖް ތަކް' އަކީ އައު ނަމަކަށް ނުވާނެއެވެ. އެއީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުގައި އެތައް އަހަރެއް ވަންދެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި އެއް ބްރޭންޑްއެވެ. "އެޖެންޑާ އާޖް ތަކް" އަކީ، އެ ބްރޭންޑުން ކުރިއަށް ގެންދާ އެންމެ ވަރުގަދަ އެއް ޕްރޮގްރާމްއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ސިޔާސީ، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން އެންމެ ނުފޫޒު ގަދަ މޫނުތައް، އެއް މާހައުލަކުން ފެނިގެންދާ ޕްރޮގްރާމްއެކެވެ. ދައްކަން މި އުޅެނީ "އެޖެންޑާ އާޖް ތަކް 2015" ގައި ހިނގާ ދިޔަ ކަމެއްގެ  ވާހަކައެވެ.

"އެޖެންޑާ އާޖް ތަކް 2015" ގައި، ޕާކިސްތާނުގެ ސިޔާސީ ޝަޚްސު އަދި ކުރީގެ ކުރިކެޓް ކެޕްޓަން އިމްރާން ޚާން ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީއާވެސް ބައްދަލު ކުރެއްވީ އެ ދަތުރުފުޅުގައެވެ. "އެޖެންޑާ އާޖް ތަކް 2015" ގައި، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، އާމިރް ޚާން ކުރިއަށް ގެންދިޔަ ސެޝަންގެ އޯޑިއަންސްގައިވެސް އިމްރާން އިންނެވިއެވެ. ހިމެނޭނުން އިންނެވީއެއް ނޫނެވެ. ޝުޢޫރުތައް ބަންޑުން ކުރައްވަމުން ގެންދެވިއެވެ. އެގޮތުން 2010 ވަނަ އަހަރުގެ ބޮލީވުޑް ފިލްމް "ދޯބީ ގާޓް" ގައި އާމިރު އަދާ ކުރި ރޯލާއި އޭރުގެ މަސްރަހާ ގުޅުވައިގެން އިމްރާން ވާހަކަތަކެއް ދެއްކެވިއެވެ.

އިމްރާންގެ ފަރާތުން އާމިރަށް ސުވާލެއް އެބަ އޮތް ކަން އާމިރަށް އެންގި ހިސާބުން، އެއީ ސުވާލެއް ނޫން ކަމަށާ، ނަމަވެސް އެއީ ތަޢުރީފުގެ ވާހަކަކަން އިމްރާން ފާހަގަ ކުރެއްވިއެވެ. މި ދުނިޔޭގައި 2 ވައްތަރެއްގެ ބަޔަކު އުޅޭ ކަން ފާހަގަ ކުރެއްވިއެވެ. އެއް ބަޔަކީ މާއްދިއްޔަތަށް ހެއްލި، އަމިއްލަ ނަފުސުގެ ފައިދާ ނޫން އެހެން ކަމަކަށް ނުވިސްނާ މީހުން ކަމަށް ވިދާޅުވިއެވެ. މިސާލަކަށް ކުރިކެޓުގެ މައިދާނުން މަޝްހޫރު ވާ މީހަކު، އޭނާގެ މުޅި ޢުމުރަށްވެސް އެކަމުން މާލީ ފައިދާ ހޯދިދާނެ ކަމަށް ވިސްނަފާނެ ކަމަށާ، ހަމަ އެ ފަދައިން ފިލްމު ކުޅޭ މީހަކު އެކަން ކޮށްގެންވެސް އެތައް ލާރިއެއް ހޯދުމުގެ ފުރުޞަތު އޮތް ކަން އިމްރާން ފާހަގަ ކުރެއްވިއެވެ. ޚުދު އާމިރަށްވެސް އެ ފުރުޞަތު އޮތް ކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، އާމިރުގެ ފަރާތުން ފެނުނީ ތަފާތު މަންޒަރެއް ކަމަށް އިމްރާން އިޝާރާތް ކުރެއްވިއެވެ. ފިލްމް "ދޯބީ ގާޓް" ބަލައިލުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާއަކީ "ސިޔާސީ މީހެއް ނޫން" ކަމަށް އާމިރު ބުނި ކަމުގައި ވީ ނަމަވެސް، އެއީ ހަމަ "ސިޔާސީ ވުން" ކަމަށް އިމްރާން ވިދާޅުވިއެވެ. މުޖުތަމަޢަކުން އިންސާފުވެރިކަން ގެއްލި، އެއް ފަރުދަކަށް އިމްތިޔާޒުތަކެއް ލިބި، އަނެކާ އެކަމުން މަހްރޫމު ވެފައި ވާ މަންޒަރު ފެނި، އިނގިރޭސި ބަހުން ނުވަތަ އުރުދޫ ބަހުން ކަމަށް ވިޔަސް، އާންމުންގެ ވިސްނުމާއި ފިކުރަށް އެކަން ހާމަ ކޮށްދިނުމަކީ، އަދާކޮށްދެވުނު ބޮޑު ޚިދުމަތެއް ކަން އިމްރާން ފާހަގަ ކުރެއްވިއެވެ. އިމްރާންގެ ވާހަކަފުޅުތަކުން ފުން އަސަރެއް ކޮށްފައި ހުރި އާމިރު ވަނީ، އިމްރާންއަށް ޝުކުރު ދަންނަވާފައެވެ.

ފިލްމް "ދޯބީ ގާޓް" ގެ ވާހަކަ ބިނާކޮށްފައި އޮންނަނީ، އިންޑިއާގެ އެންމެ ހަލަބޮލި ސިޓީތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ މުމްބާއީގައެވެ. ދިރިއުޅުމަށް އުޖާލާ ބަދަލެއް ގެނައުމުގެ ފޮނި އުންމީދުގައި، އިންޑިއާގެ އެކި ހިސާބުތަކުން އެތައް ބަޔަކު އެ ސިޓީއަކަށް ދިރިއުޅުން ބަދަލު ކުރާ ސަހަރަކީވެސް މުމްބާއީއެވެ. ފިލްމް "ދޯބީ ގާޓް" އިން ފެނިގެންދަނީ ތަފާތު ފަންތިއަކާއި ގިންތިއަކާއި ވައްޓަފާޅިއެއްގެ 4 ޢާއިލާއަކުން އަންނަ 4 މީހަކަށް މުމްބާއީގައި ކުރިމަތިލާން ޖެހޭ ކަންތައްތަކެވެ. މުމްބާއީގެ ހަޤީޤީ ކުލަވަރު ފެނިގެންދާ އެ ފިލްމުގައި ގެނެސްދީފައި ވަނީ، 4 މީހުންވެސް އެކަކު އަނެކަކާ ބައްދަލުވާ ހިސާބުން، އެ މީހުންގެ ދިރިއުޅުމަށް ދެން އަންނަ ބަދަލުތަކުގެ ވާހަކައެވެ.

ފިލްމް ޕްރޮޑިއުސް ކުރުމުގެ އިތުރުން، އާމިރު ޚާން ވަނީ ފިލްމް "ދޯބީ ގާޓް"ގެ ލީޑުން ފެނިގެންދާ 4 ކެރެކްޓަރުގެ ތެރެއިން ކުރެހުން ތެރިޔާގެ ރޯލުވެސް އަދާކޮށްފައެވެ. ފިލްމް "ދޯބީ ގާޓް"އަށް ފަހުވެސް އާމިރު ޚާން ވަނީ އިންޑިއާގެ މުޖުތަމަޢުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތަކަށް ހޯދިދާނެ ކަމަށް ބެލެވޭ ޙައްލުތައް ހިމަނައިގެން 2012ން 2014ށް، "ސަތިޔަމޭވް ޖަޔޭތޭ"ގެ ނަމުގައި ޓީވީ ޝޯވއެއްވެސް ހުށަހަޅައިދީފައެވެ.

އާމިރު ޚާންގެ ސިޔާސީ ފިކުރުތަކާ ގުޅިގެން ދާދިފަހުންވެސް އިންޑިއާގެ މީޑިއާ ހޫނުވި މަންޒަރު ވަނީ ފެނިފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއް ޕްރޮމޯޓް ކުރުމުގައި އާމިރު ޚާން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ހޫނު ބަހުސެއް ކުރަން ފެށުނެވެ. އާމިރު ބުނާ ގޮތުގައި އެއީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އުފަންވި "ޑީޕް ފޭކް" ނުވަތަ އަސްލާ އެއްގޮތް ކަމަށް ދައްކާ ދޮގު މަންޒަރު ފެންނަ ވީޑިއޯއެކެވެ. ބޮލީވުޑްގައި ހޭދަ ކުރި 35 އަހަރުގެ މާޒީގައި، ސިޔާސީ އެއްވެސް ޕާޓީއެއް ޕްރޮމޯޓް ކުރުމުގައި އާމިރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އޭނާގެ އޮފީހުންވެސް ވަނީ ބުނެފައެވެ.

އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަން ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް އެ ވީޑިއޯ އުފައްދާފައި ވަނީ، "ސަތިޔަމޭވް ޖަޔޭތޭ"ގެ މަންޒަރެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް