ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 12:31
ހައިޑްރޮފޯނިކްސް އާއި ގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމް މުލީގައި ކުރިއަށް ގެންދަނީ - މިގޮތަށް އެކި ރަށްރަށުގައި ސަރުކާރުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ
ހައިޑްރޮފޯނިކްސް އާއި ގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމް މުލީގައި ކުރިއަށް ގެންދަނީ - މިގޮތަށް އެކި ރަށްރަށުގައި ސަރުކާރުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ
ފިޝަރީސް މިނިސްޓްރީ
ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް
މ. މުލީގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
މުލީގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް މަސައްކަތަށް ބޭނުންވާ ވަސީލަތް ޤާއިމު ކޮށްދީފައިވޭ
މި މަސައްކަތް ކޮށްގެން އާމްދަނީއެއް ހޯދޭނެ މަގު ތަނަވަސް ކުރެވިދާނެ
ސިސްޓަމްތައް ބޭނުންކުރަމުން ގެންދާ ގޮތް ބަލާ މޮނީޓަރ ކުރަމުން ގެންދާނީ މުލީ ކައުންސިލުން

ދަނޑުވެރިކަމުގެ ޒަމާނީ ވަޞީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް "ހައިޑްރޮޕޯނިކްސް ސިސްޓަމް" ޤާއިމު ކޮށްދީ ކަމާގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މ މުލީގައި ކުރިއަށް ގެންގޮސްފިއެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނީ، މި ޕްރޮގްރާމްގެ ދަށުން މުލީގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމުކޮށްދީ، އެ ފަރާތްތަކަށް ކަމާއި ގުޅޭ ތަމްރީނު ދެވިފައިވާ ކަމަށެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށުގައިވެސް، އެރަށަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. އަދި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލުވާ މިންވަރު އިތުރުކުރުންވެސް މިނިސްޓްރީގެ މަޤްސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިމަހުގެ 3 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި ޕްރޮގްރާމްގައި ތަޢާރަފު ކޮށްދީފައިވަނީ ޑީޕް ފްލޯ ޓެކްނިކްގެ އެހީގައި ކިއުކަންބާ ހެއްދުމާއި، އަދި ނިއުޓްރިއެންޓް ފިލްމް ޓެކްނިކްގެ އެހީގައި ޗައިނީޒް ކެބެޖާއި ލެޓިއުސް ފަދަ ފަތް ތަރުކާރީގެ ބާވަތްތައް އިންދާ ހެއްދުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ސިސްޓަމްތަކުގައި ހައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ކަނޑަން ލިބޭނެކަމަށް މިނިސްޓްރީން ލަފާ ކުރާ ތާރީޚަކީ 15 ޖެނުއަރީ 2021 އެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކޮށްދޭ ސިސްޓަމްތައް ބޭނުންކުރަމުން ގެންދާ ގޮތް ބަލާ މޮނީޓަރ ކުރަމުން ގެންދާނީ މުލީ ކައުންސިލްގެ ފަރާތުންނެވެ. ސިސްޓަމް ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުގެންދަވާ ފަރާތްތަކުގެ ބެލުމުގެ ދަށުން ސިސްޓަމްތައް ނަގައި ރަށުގެ ރައްޔިތުންގެ ތެރެއިން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އެހެން ފަރާތަކާއި ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި، އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ. އެއާއެކު، ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފެއްދީ މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

- ކޮމެންޓް