ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ އިތުރު 40،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު މައުސޫމް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަސްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުސޫމް އިތުރަށް ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކުން ފްލައިޓްތައް ހުއްޓައިލުމުގެ ވާހަކަތައް މިހާރު ވެސް އަޑުއިވެމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެތެރޭ ރާއްޖެއަށް އިތުރު އެއަރލައިންތަކުން ދަތުރު ފެށުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ ރާއްޖެއަށް 40،000 ފަތުރުވެރިން ގެނައުމަށް ފަތުރުވެރިކަމާއި ބެހޭ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، އެކަމަކު ކެޕޭސިޓީ އޯވާބުކް ވުން ފަދަކަންކަން ހުރުމުން އެކަމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ 40،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައުން. އެކަމުގައި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުން. އެހެންނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިމިވަނީ އޯވާ ބުކްވާ މައްސަލަ.ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމް
ޑިސެމްބަރު މަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވުމާއެކު، ރާއްޖެއިން ވަނީ މުހިއްމު ދެ ލަނޑުދަނޑިއެއް ވެސް ހާސިލުކޮށްފައެވެ. އެއީ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި އެއް ލައްކަވަނަ ފަތުރުވެރިޔާ އައުމުގެ އިތުރުން، މި އަހަރަށް މުރާޖައާކުރެވުނު އަދަދު ކަމުގައިވާ ފަސް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އައުމެވެ.
މީގެ އިތުރުން، ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް މަތި ވަމުން ގޮސް، ހޮނިިހިރު ދުވަހު ފަސްހާސް ފަސްސަތޭކަ ފަންސާސް ފަސް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ ކޮވިޑުގެ ކުރިން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވުރެ މަތީ އަދަދެކެވެ.
ކޮވިޑުގެ ކުރިން ދުވާލެއްގެ މައްޗަށް 4000-5000 ދެމެދުގެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.