ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފިއެވެ.
އާދިއްތަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ހަޟާނާތުގެ މައްސަލައެއްގައި، ދައުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެއަމުރު ހައިކޯޓުން ބާތިލްކުރުމުންވެސް، ކުއްޖާ ކުރިންހުރި ހާލަތަށް ރުޖޫއަކުރުމެއްނެތި، ދައުވާކުރި ފަރާތުން ބޭނުންވި މަޤްސަދު ހާސިލްވާގޮތަށް މައްސަލައިގެ ހާލަތު ދަމަހައްޓާފައިވާ ކަމަށެވެ.
އެގޮތުން، މައްސަލަ ތާވަލުނުކޮށް، ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ދައުވާކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި، ދައުވާ ލިބޭ ފަރާތުގެ ބަހެއްނެތި ދައުވާ ބާތިލްކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީއަކީ ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް ބެލުމާއި އަދި ޝަރުއީ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ އެންމެ މުހިއްމު އެއް މުއައްސަސާއެވެ.