ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަކީ މާކުރިންވެސް ހިންގަމުން އަންނަ ކަމަށް ފާހަގަ ކުރެއްވިފައިވާ ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުތައް ފަށާފައިވާއިރު އެކަމުގައި އެފްއެސްއެމްގެ މުވައްޒަފުންވެސް ބައިވެރިވާ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވިދާޅުވެފައި ވަނިކޮށެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގަސަމް ވިދާޅުވީ އެމްޕީއެލްއަށް އެކަން ފާހަގަވެފައި ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކުންފުނީގެ އޮޕަރޭޝަން ހުއްޓީފައި އޮތް ދަނޑިވަޅެއްގައި އާދަޔާ ޚިލާފަށް އެ ބޭފުޅުންގެ ފިއުލް ކޮންސަމްޕްޝަން މަތިވެގެން ދިއުމާއި ގުޅިގެން ކަމަށެވެ. އަދި ކޮވިޑްގެ ހާލަތް ކުރިމަތި ނުވިނަމަ މިއަދާއި ހަމައަށްވެސް އެބޭފުޅުންނަށް އެކަން އެކަން ފާހަގަކުރެވޭނެހެން ހީނުވާ ކަމަށް ގަސަމް ވިދާޅުވިއެވެ.
މީގަ ފާހަގަ ކުރެވެނީ އެމްޕީއެލް ކަންތަކުގައި ހަމަ ޒަމާންވީ ދުވަސްވީ ގޮތަކަށް ހަމަ ހިނގަމުންދިޔަ، ނާޖާއިޒް މަންފާތަކެއް ނަގަމުން ދިޔަ ކަމެއް ކަމަށްއެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް
ގަސަމް ވިދާޅުވީ އެމްޕީއެލްގެ އޮޑިޓުން މައްސަލަ ބެލުމަށްފަހު އެމްޕީއޭލްއަށް ފާހަގަވި އެފްއެސްއެމްގެ މުވައްޒަފުގެ މައުލޫމާތު ހިއްސާކުރުމާއި އެކު އެ މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން އެފްއެސްއެމްގެ އިންޓާނަލް އޮޑިޓާއި އިންވެސްޓިގޭޝަން ގުޅިގެން ފުޅާދާއިރާއެއްގައި ތަހުޤީގު މިވަގުތުވެސް ކުރިއަށްދާ ކަމަށާއި މިހާތަނަށް ހޯދި ހޯދުންތަކުން ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ފަސް ސްޓާފަކުވެސް ސަސްޕެންޑް ކުރެވިފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން އެއްވެސް ފަރާތެއްގެ ބަޔާނުގައި އިއުތިރާފްވެފައި ނުވާ ކަމަށާއި ނަމަވެސް ހޯދި ހޯދުންތަކުން އެކަށީގެންވާ ހެކިތައް ފެންނަން ހުރި ކަމަށެވެ. އަދި މައުލޫމާތުތައް ފުލުހުންނާއި ހިއްސާކުރައްވާނެ ކަމަށެވެ. އަމާޒަކީ މި އަހަރު މި އަހަރު ނިމުމުގެ ކުރިން އެފްއެސްއެމްގެ އިންޓާނަލް އޮޑިޓް ރިޕޯޓްތައް ނެރެ ފެޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވައި އެމަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ އިތުރުން އެމްޕީއެލްގެ އިންޓާނަލް އޮޑިޓާއި އެފްއެސްއެމްގެ އިންޓާނަލް އޮޑިޓާއި ގުޅިގެން ދެފަރާތުގެ ލިޔެކިޔުންތައް ދެފަރާތަށް ހިއްސާކުރެވޭނެގޮތަށް ފާއިތުވި ހަފްތާގައި ވާނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށް ގަސަމް ވިދާޅުވިއެވެ.
އެ ސޮއާއިއެކު އެމްޕީއެލްގެ ޑޮކިއުމަންޓްތައް އަޅުގަނޑުމެންނަށް ދެއްކުމަށް ހުރަހެއް ނާޅާނެ. އަޅުގަނޑުމެންގެ ޑޮކިއުމަންޓްތައް އެމްޕީއެލްއަށް ދެއްކުމަށްވެސް ހުރަހެއް ނާޅާނެ. އެކަންވެސް މިކުރީ އެ ޕްރޮސެސް ވީހާވެސް ފުޅާދާއިރާއެއްގައި ކުރުމުގެ ބޭނުމުގައިއެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް
ފެންނަން ހުރި ހުރިހާ ހެކިތަކާއި އެކު ހުރިހާ މައުލޫމާތެއް ފުލުހަށް އަދި ތަހުގީގީ އެހެންނިހެން އިދާރާތަކަށް ފޮނުމުގެ މަސައްކަތް ޖެނުއަރީ 1 ގެ ކުރިން ކުރަމުންދާ ކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް އިތުރަށް ވިދާޅުވީ ބެލި ބެލުމުން މި ކަމުގައި ސީނިއަރ މެނޭޖްމަންޓްގެ އެއްވެސް ފަރާތެއްގެ ބައިވެރިވުން އޮތް ކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމުން ތަފްސީލް ހާމަކުރެވެން ނެތް ކަމަށް ގަސަމް ވިދާޅުވިއެވެ.