ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ހޮނިހިރު ދުވަހު މިލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) އާއި، ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން އަދި މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިސާދީ އަދި އެހެންނިހެން ދަތިތަކާއި އެކުވެސް މިފަދަ ބިޔަ ބޮޑު މަޝްރޫއުއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުން އަތޮޅުތެރޭގެ ތަރައްޤީއަށްދޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރުއަދާކުރެއްވިއެވެ.
މޫކޭ ވިދާޅުވީ މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއަކީ މި ސަރުކާރުން 156.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން 6.15 ކިލޯ މީޓަރުގެ މަގު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.
އަމާޒަކީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް މި މަގުތަކުގެ ފުރިހަމަ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިލަންދީގެ މަގުހެދުމުގެ މަސައްކަތް މިއަދު ފެށިގެން ނަމަވެސް ވޭތިވެދިޔަ ދުވަސްތަކުގައި މި މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ކުރިއަށް ގެންދެވިފައި ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ސާރވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތާއި މަޝްރޫއުއަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ނިންމުމާއި މަސައްކަތަށް ބޭނުންވާނެ އެންމެހާ ވަސީލަތްތަކާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
މޫކޭ ވިދާޅުވީ މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންކަން ކޮވިޑް-19 ގެ މިހާލަތަށް ބަލާއިރު އެކަށީގެންވާ ބާރުމިނެއް ކުރިއަށްގެންދެވިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.