މާލެ ސަރަޙައްދުގައި ބަހުގެ ހިދުމަތް ދިނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ހުކުރު ދުވަހު ގެނެސްދިން "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެގޮތުން ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށްވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އެންމެ ބޮޑު ގޮންޖެހުމަކާއެކު ފޯރުކޮށްދެވޭ އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމަށާއި އެގޮތުން އަންނަ އަހަރުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މިކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރު އަތޮޅުތެރޭގެ ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދަމަހައްޓާނެކަން ޔަގީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީން މިހާރުވެސް މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނައިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކުރެވުނީވެސް އެ ކުންފުންޏާއެވެ. އަދި އެމްޕީއެލްއިން ކުރިއަށް ގެންދާ މާލެ-ހުޅުމާލެ ބަހުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ބަސް ރޫޓަކަށް ހިދުމަތް ދެނީ އެމްޓީސީސީންނެވެ.
އެމްޓީސީސީގެ ކަނޑުދަތުރުފަތުރުގެ ހިދުމަތަށް ބަލާއިރު، މާލެ ސަރަހައްދުގެ ފެރީ ހިދުމަތުގެ އިތުރުން އުތުރާއި މެދުރާއްޖޭގެ ބައެއް އަތޮޅުތަކުގައިވެސް އެ ކުންފުނިން އަންނަނީ ފެރީ ހިދުމަތް ދެމުންނެވެ. އަދި މާލެއިން ބައެއް ރަށްރަށަށް ހައި ސްޕީޑް ފެރީގެ ހިދުމަތްވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.