ރާއްޖޭގައި ހިންގާ ރެކްރޫޓްމަންޓް އެޖެންސީތައް ބަންދުކުރަން އެސޯސިއޭޝަން ފޯރ ޑިމޮކްރެސީން ގޮވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި 144،000 ބިދޭސީން، ހިޖުރަވެރި މަސައްކަތު މީހުންގެގޮތުގައި ދިރިއުޅޭ ކަމަށާއި، އޭގެތެރެއިން 60،000 އެއްހާ މީހުންނަކީ މަސައްކަތު ވިސާއާއި، ވަރކް ޕަރމިޓް ނެތް، ޤަވާޢިދަށް ނުފެތި ތިބި މީހުން ކަމަށެވެ.
އެއާއެކު، ކޮވިޑުގެ މި ޙާލަތުގައި ހިޖުރަވެރި މަސައްކަތްތެރިންގެ ޙައްޤުތަކަށް ކުރިއަށްވުރެ ގިނަ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ، އިންސާނުން ޓްރެފިކުކުރުމުގެ ވިޔަފާރިން ދިވެހިރާއްޖޭގައި އަހަރަކު 1.9 ބިލިޔަން ދިވެހި ރުފިޔާ އުފައްދާކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ އޮޅުވާލައިގެން މަސައްކަތްތެރިން ރެކްރޫޓުކުރާ އޭޖެންސީތަކުގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހިއުމަން ޓްރެފިކިންގް ރިންގުތައް ބަންދުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެރިންގުތަކާ ގުޅިގެން، ރިޝްވަތާއި، ނަހަމަ މުޢާމަލާތުން، ނުޙައްޤުން މުއްސަނދިކަން ހޯދާކަމަށް ތުހުމަތުކުރެވޭ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި އެންޑް އެމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނިމިކް ޑެވަލޮޕްމަންޓް ހިމެނޭގޮތުން، ދިވެހި ދައުލަތުގެ މުއައްޒަފުންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް ފާރަވެރިވެ، އެބައިމީހުން ހުއްޓުވުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، އޮޅުވާލައިގެން ދިވެހިރާއްޖެ ޓްރެފިކުކުރާ ބިދޭސީ މަަސައްކަތު މީހާއަށް، ހަމަ އުޖޫރަނުދީ އަޅު މަސައްކަތް ކުރުވުމާއި، އޭނާއަށް ހިޔާވަހިކަމެއް ނުދިނުންފަދަ ލާއިންސާނީ ޢަމަލުތައް ނިޒާމީގޮތެއްގައި ދިވެހިރާއްޖޭގައި ހިންގަމުންދާކަންވެސް އެ ޖަމްޢިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.
މިހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި 7000 އަށްވުރެން ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން އިތުރަށް ބުނީ، އެމީހުންނަށް ޙައްޤު އުޖޫރައާއި ބަދަލު ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް، އަދި ފޮނުވާލާފައިވާ ވަނީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ، ކިހާ މީހުނެއްކަމެއް ސާފު ނުވާ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސީންނާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކުގެ ސާފު ޖަވާބާއި، ކަމާބެހޭ ތަފާސްހިސާބު ޤަވާޢިދުން ޢާންމުކުރުމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.