ރާއްޖޭގެ ރަށްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން ދަށަށް ދިޔަނަމަވެސް، ފާއިތުވި 24 ގަޑިއިރު ތެރޭގައި އަތޮޅު ތެރެއިން 8 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ފާއިތުވި ދެ ހަފްތާގާއި އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަސްތަކުގައި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައި ވަނީ ދުވާލަކަށް އެކަކު ނުވަތަ ހަތަރު މީހުންނެވެ. ނަމަވެސް ހުކުރު ދުވަހު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އަތޮޅު ތެރޭން 8 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ހުކުރު ދުވަހު ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 26 މީހެކެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 14 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 8 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި ތިން މީހެކެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދޭ ސަފާރީ ޔޮޓް ފަދައުޅަނދަކުން ޕޮޒިޓިވްވި މީހެކެވެ. އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 13،444 އެވެ.
އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 553 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 12،836 އެވެ. ހޮސްޕިޓަލުގައި މިވަގުތުވެސް 47 މީހަކަށް ފަރުވާދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 2870 ސާމްޕަލްއެއް ވަނީ ޓެސްޓް ކުރެވިފައެވެ. އެއާއި އެކު ޖުމްލަ ޓެސްޓް ކުރެވުނު ސާމްޕަލްގެ އަދަދަކީ 283،243 އެވެ.
އަތޮޅު ތެރެއިން ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު، ހުކުުރު ދުވަހު ހއ. ކެލާ އަދި ހދ. ވައިކަރަދޫއިން ކޮވިޑްގެ ކޭސްތަކެއް ފެނިގެން ވަނީ ރިޕޯޓްކޮށްފައެވެ.