ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުމުގެ ތުހުމަތުކުރެވޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު، ޝަހީބް އިބްރާހީމްގެ މައްޗަށް ބޮޑު ތިން ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޝަހީބުުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ، ޑައިމޯފީން ޓްރެފިކްކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުން އަދި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޝަހީބުގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި އިތުރަށް ފާހަގަކޮށްފައިވަނީ އޭނާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު ޝަހީބުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް އެދުމުން ބޭއްވި ޝަރީއަތުގެ މަޖިލީހުން ވަނީ، ހައިކޯޓުން މި މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށާއި ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބެހެއްޓުމަށެވެ.
ޝަހީބަކީ މަސްތުވާތަކެތި ރާއްޖެއެެތެރެކޮށް، ވިއްކުމާއި ޓްރެފިކް ކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ނެޓްވޯކެއް އޮޕަރޭޓް ކުރާ ފަރާތެއްކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ މީހެކެވެ. އަދި ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ގައެވެ.
މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މި މައްސަލައިގެ ތުހުތަމުގައި ޝަހީބު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރަން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިކުރުމުން، އޭނާ ދޫކޮށްލަން އެ ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހަތް މީހަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރާއި 48 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ ތެރޭގައި މެތެމްފެޓަމިން އަދި ހެރޮއިން ހިމެނެއެވެ.
މި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ކުރެވޭ ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.
ޝަހީބަށް މަސްތުވާތަކެތީގެ ގިނަ ތުހުމަތުތައް ކުރެވޭއިރު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައިގައިވެސް އޭނާ ގުޅުން އޮތް ކަމަށް ފުލުހުން ބުންޏެވެ.